އަނާ - 4

(25 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދައްތަ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން މާތްރަސްކަލާނގެ ދެކެވޮޑިގެންވާނެ ނަމަވެސް ކުރާނީކީއް؟ ...ބައްޕައަކީ ވަކި އުޞޫލުތަކެއް ގެންގުޅުއްވާ މީހެއް ބައްޕަ ކަންތައްތައް ވިސްނަވާނީ ވަކިގޮތަކަށް އަދި ގޭގެ އެހެންއެއްވެސް މީހަކަށް ބައްޕަ ވިސްނަވާ ގޮތަކާމެދު ފާޑެއް ނުކިޔޭނެ. މިހާރު ބޭބެ އެހެން މީހަކާ ކައިވެނި ކުރަން ޤަބޫލު ނުވިނަމަ މައްސަލަ މުޅިން އެހެންގޮތަކަށް ބަދަލުވެގެންދާނެ. ޢާޝީ ތިޔަބުނާ އެއްޗަކީ ބޭބެވެސް ބައްޕައާ އެއްބައިވެގެން އުޅެނީއޭތަ؟

"ބޭބެއަށް ވެލައްވައިގެން އުޅޭގޮތަކީ، އޭނާ އެކަން ޤަބޫލު ނުކޮށްފިނަމަ މިގެއިން ނުކުމެން ދާންޖެހޭނެކަން އެނގޭތީ އެކަމާ ބިރުން އެއްޗެއް ބުނުއްވަން ނުކެރެނީ. އެހެން ނޫންނަމަ ހަޤީޤަތުގައި ބޭބެ ކަލާދެކެ ވަރަށް ބޮޑަށް ލޯބިވެލައްވާ....."

"އެހެންވިއްޔާ ޢާޝީގެ ބޭބެއަކީ ހާދަ ފިނޑިމީހެއްތާ!" އަނާ ހިތުގައި ނަފްރަތުގެ ރާޅެއް އުފެދުނެވެ.

"ފިނޑިއެއްނޫން މަޖުބޫރުވީ..." ޢާޝީ ބުންޏެވެ.

"އޭނާ އަހަރެންދެކެ ލޯބިވާނަމަ އަހަރެން ގޮވައިގެން އެހެންތަނަކަށް އޭނާ ނުދާންވީ ކީއްވެ؟ މި ގެއަކީ އެ ވަރަކުން ދެން ކޮންމުހިއްމު ތަނެއްތަ؟ މިނިކާ ވަގާ ސާރިދޯޅުގެ ތެރޭގައި އުޅޭމީހުން ވެސް ލޯތްބަށް ޓަކައި ޤުރުބާންވޭ. އަނެއްކޮޅުން ރަސްކަމާއި ތަޚުތުވެސް ލޯތްބަށް ޓަކައި ދޫކޮށްލާ މީހުން އަހަރެންދެކެން..... އެމީހުން އެފަދަ ޢިއްޒަތް ދޫކޮށްލާފައިވެސް ލޯތްބަކަށް އިހާނެތިކޮށެއް ނުހިތާ. އާނ... ލޯބިން އުޅޭމީހުން ޒަހަރު ބޯތަންވެސް އަހަރެން ދެކެން. އެ މީހުންގެ ގާތުގައި އެ މީހުންގެ އީމާނަކީވެސް، އެ މީހުންގެ ދިރިއުޅުމަކީވެސް އަދި މަރުވުމަކީވެސް ލޯބިކަމުގައިވާ މީހުން... އެފަދަ ކަންތައްތައްވެސް ކުރޭ. ނަމަވެސް ޢާޝީގެ ބޭބެއަކީ ކޮންކަހަލަ އިންސާނެއް؟ ޢާޝީ ބުނަން. މީ އިންސާފެއްނޫން.... މީ އަނިޔާ.... އަޅެ ބުނެބަލަ ޢާޝީ...ކަލޭ މީހަކާ އިނދެގެން ދިޔުމަށްފަހު ކަލެއަށް ކުއްޖަކު ނުލިބިއްޖެނަމަ ދެން ކަލެއަށްވާނީ ކިހިނެއް....؟"

"ޕްލީޒް ބޭބެ ދައްތާ! ތިޔަކަހަލަ ބަދުބަސްތައް ދޫމައްޗަށް ނުގެންނަވާ... ގޮވާން ނުހެދޭ ބިމެއް އެކަކުވެސް ޤަބޫލެއް ނުކުރާނެ. އެހެންވީއިރު ދަރިންނުލިބޭ އަންހެނަކު ޤަބޫލު ކުރެވޭނީ ކިހިނެއް؟ ދައްތައަށް ދެރަގޮތެއް ވަންޏާ އަޅުގަނޑު ވަރަށް މޮޅިވާނެ. ދައްތަ އަޅުގަނޑަށް ނުލާހި ހެޔޮ. އަޅުގަނޑު ދައްތަދެކެ ނުލާހިކު ލޯބިވޭ... ނަމަވެސް އަޅުގަނޑުމެން އެންމެވެސް މިއަދު މިވަނީ މަޖުބޫރުވެފައި..." ޢާޝީއަށް ރޮވެން އުޅެނީއެވެ.

"އާޝީގެ ބޭބެއަކަށް މަޖުބޫރެއް ނުވާނެ. އަހަރެން މިއަދު ބޭބެއާ ވާހަކަ ދައްކާނަން." އެހެންބުނެފައި އަނާ ކޮޓަރިއަށް ވަދެއްޖެއެވެ.

އެރޭ މާޖިދު އައުމުން އަނާ ވާހަކަ ދައްކަން ފެއްޓިއެވެ.

"ކަލާ އަޅުގަނޑުދެކެ ލޯބިވެލައްވަންތޯ؟"

"ކިތައް ފަހަރު މިހާރު ތިޔަކަމަށް އިޤްރާރުވެއްޖައިންތަ؟"

"ކީކޭ ތިޔަ ބުނީ؟" އޭނާ ޙައިރާންވިއެވެ.

"ކަލާ ބައްޕައާ ދެކޮޅަށް ބަޣާވަތްކުރައްވާ! ކަލާގެ އަންހެނުން ދޫކޮށެއް ނުލައްވާނަމޭ ބައްޕަގާތުގައި ބުނުއްވާ!"

"ތިޔަ ދައްކަވަނީ އަޖައިބުވާފަދަ ވާހަކައެއް. ކަލޭ އަހަރެންނަށް ތިޔަ ނަޞޭހަތްދެނީ މައިންބަފައިންނާ ދެކޮޅުހަދައި، އަދަބު ކުޑަކޮށްލުމަށްތަ؟"

"ކަލާގެ ލޯތްބަށް އިހާނެތިކޮށް ހިއްތަވާކަށް އަޅުގަނޑަކަށް ކެތެއް ނުކުރެވޭނެ. އެހެންނޫނީ ލޯތްބަކީ އަދި އެކަކު އަނެކަކަށް އެދޭ އެދުމަކީ އެއްވެސް ތާކުންތާކުން ނުޖެހޭ އެއްޗެކޭ ބުނުއްވާ. ހަމައެކަނި ޖިސްމާނީ ގުޅުމުގެ ކުރިމަތީގައި، ލޯބީގެ ނުވަތަ އެކަކު އަނެކަކަށް އެދޭ އެދުމުގެ އެއްވެސް އަހަންމިއްޔަތެއް ނެތޭ ބުނުއްވާ!"

"އަހަރެން ކުރާނެ ކަމެއް ހަމަނެތީ. އަހަރެންނަށްވަނީ މަޖުބޫރުވެފައި"

"ކަލާއަށް މަޖުބޫރުވީ ކީއްވެގެންތޯ؟ ތިމާގެ ޙައްޤަކަށްޓަކައި ހަނގުރާމަ ކުރުމަކީ ދެކޮޅުވެރި ވުމަކޭ ނުވަތަ އަދަބު ކުޑަކުރުމެކޭ ނުބުނެވޭނެ. ކަލާއަބަދުވެސް ހެކި ދައްކަވަމުން ބުނުއްވަމުން ތިޔަ ގެންދަވާ ފަދައިން ކަލާގެ އަނބިމީހާދެކެ ލޯބިވެލައްވާނަމަ، ކަލާގެ ޙައްޤަށްޓަކައި، ކަލާގެ ލޯބީގެ ޤަދަރަށްޓަކައި ކަލާގެ ބައްޕައާ ވާހަކަ ދައްކަވަން ކެރިލައްވަންވާނެ. ބައްޕަގެ އަމިއްލަގޮތް ހިފަހައްޓާ އުޞޫލުތަކަކަށް ޓަކައި ކަލާ އަމިއްލައަށް ޤުރްބާންވެ ލެއްވެން ނޯންނާނެ ކަމަށް ބުނުއްވަން ޖެހިލައްވާނެ."

މާޖިދު ލޯބޮޑުކޮށްލާފައި އަނާއާ ދިމާއަށް ބަލަމުން ދިޔައެވެ.

"ކަލެއަކީ އަހަރެންގެ އަންހެނުން. އެ މީހަކު ހޯދުމަށްޓަކައި އަހަރެން ފުރާނަ ދޫކޮށްލަންޖެހޭ ލޯބިވެރިއެއްނޫން."

"ކަލާ ބުނުއްވަން ތިޔަ އުޅުއްވާ އެއްޗަކީ ކަލާއަށް މިހާރު އަޅުގަނޑު މިވަނީ ލިބިފައޭ. އެހެންނޫންތޯ އަޅުގަނޑުގެ ހަށިގަނޑުގައި ހުރިނަމަ ހުރި ރަހައެއް ބައްލަވާ ނިމިއްޖޭ އެހެންނޫންތޯ؟ އެހެންވީމާ މިހާރު ކަލާ އެކަމަށް ޓަކައި ބައްޕައާ ދެކޮޅު ހައްދަވަން ޖެހޭވަރުގެ އެއްވެސް ކަމެއް އަޅުގަނޑުގެ ކިބަޔަކު ނެތޭ އެހެން ނޫންތޯ؟"

މާޖިދު މަޑުމޮޅިވެލާފައި ބުންޏެވެ.

"އަނާ ނިކަން ބަލާލަބަލަ. މި ގެޔަކީ ވަރަށް ވަރުގަދަ ޙަޔާތެއް އޮތްގެއެއް. ވަރުގަދަ އުޞޫލުތަކެއް ގެންގުޅޭ ގެއެއް. އަހަރެމެންގެ ދިރިއުޅުން ވޭތު ކުރަންޖެހެނީ އެޙަޔާތުގައި އުޞޫލުތަކުގެ މަތީން.... އަހަރެންގެ ބައްޕަވެސް މީހަކާ ކައިވެނި ކުރައްވަގެން ތިންއަހަރު ދުވަސް ވަންދެން އުޅުއްވުމަށްފަހު އޭނާގެ ފަރާތުން ކުއްޖަކު ނުލިބިގެން އޭނާ ވަރިކޮށްލެއްވިކަން ފަހަރެއްގައި އަނާއަށް ނޭނގި އޮވެދާނެ. ދެން ބައްޕަ އެހެން މީހަކާ ކައިވެނި ކުރައްވައިގެން އަހަރެންނާ ޢާޝީ ލިބިފައި މިތިބީ...ވީއިރު އަހަރުމެންނަށް މަޖުބޫރުވެފައިވާ މިންވަރު ނިކަން ރަނގަޅަށް ވަޒަން ކޮށްބަލަ!އަނާ!"

އަނާއަށް ރޮވިއްޖެއެވެ.

މާޖިދުގެ ކޮނޑުގައި ބޯއަޅާލާފައި ބުންޏެވެ.

"ލޯބީގެ މި ދިރިއުޅުން ކިހާ ކުރު ދޮގެއްތޯ؟"

"ކުރީ އެއް ނޫން. ކުރުކުރުވީ...ފަހަރެއްގައި ޤުދުރަތް އެގޮތް ޤަބޫލު ނުކުރެއްވީކަމަށް ވެސް ވެދާނެ. އެހެންނޫނީ ކަލެއާ ވަކިވުމަކީ އަހަރެންނަށް އެއްގޮތަކަށްވެސް ކުރެވޭނެކަމެއް ނޫން އަދި އަހަރެންގެ އިޚުތިޔާރުގައި ވެސް ވާކަމެއްނޫން. އަނާ! މިބުނަނީ ހަމަ ފިސާރި ތެދެއް. އަހަރެން ކަލެއާ ވަކިވަނީއޭ ހިތަށްއެރިޔަސް އަހަރެންގެ ހިތަށް ވަދެގެންދަނީ އުދާސްކަމެއް. އަހަރެންނަށް އަހަރެންގެ މުސްތަޤްބަލެއް ކަލެއާނުލާ ތަޞައްވަރެއް ނުކުރެވޭ. ނަމަވެސް... ނަމަވެސް ކުރާނީކީއް؟ އަހަރެމެން އެކަކީވެސް އަހަރެމެން އެދޭގޮތަކަށް ކަންތައްތައް ދިމާވާ މީހެއްނޫން .އަހަރެމެން ކޮންމެ މީހަކީވެސް ބާރުނުފޯރާ އެތައް ކަމަކުން މަޖްބޫރުވާން ދިމާވެފައިވާ މީހެއް..." އެޖަވާބު އަހާފައި އަނާ ތަޤްދީރާމެދު ހިތްހަމަޖައްސާލިއެވެ.

އޭނާގެ ނަޞީބާމެދު މި މީހުން މިހާރުވަނީ އެމީހުން ގަސްތުކުރާ ގޮތެއް ކަނޑައަޅާ ނިންމާފައި ކަން އޭނާއަށް ރަނގަޅަށް ވިސްނިއްޖެއެވެ. އެހެންވީމާ މި ގޭގައި ދެން އިތުރަށް އިނުމަކީ މާނައެއްނެތް، އަދި ބޭނުމެއްވެސް ނެތް ކަމެއްކަން އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. ނަމަވެސް ވަރިކުރުން ފަދަ ހުތުރު ކަމެއް ޤަބޫލުކުރާކަށްވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. އެހެން ކަމުން އޭނާ ވިސްނީ ރޭގަނޑު އަނދިރީގެ ތެރޭގައި އެ ގެ ދޫކޮށްލާފައި ނުކުމެގެން ދިއުމަށެވެ.

"އަޅުގަނޑަށް ލޯބި ކުރައްވާ މާޖިދު..މިރޭ ހިތްހުޅުވާ ލައްވައިގެން އަޅުގަނޑަށް ލޯބިކުރައްވާ..އަޅުގަނޑުގެ ވުޖޫދިއްޔަތުގެ ތެރެއަށް ކަލާ މުޅިން ގެނބިލައްވައިގެން އަޅުގަނޑަށް ލޯބި ކުރައްވާ. މާދަން ފަތިސްވާނެކަމެއް ނުވަތަ ނުވާނެ ކަމެއް  ނޭނގެ. އަޅުގަނޑު ހިތް ބުރިބުރި ވަމުންދަނީ ކީއްވެގެންކަމެއް އަޅުގަނޑކަށް ނޭނގެ.."

މާޖިދު އޭނާގެ އަތުގެ ތެރެއަށް އަނާ ގެނައެވެ. އޭނާގެ ހުރިހާ ލޯތްބަކާއެކު އޮޅުލައިގަތެވެ. ލޯބި ލޯބިން ލޯބި ކުރިއެވެ. އަނާވެސް މާޖިދުގެ މި ލޯބީގެ ތެރޭގައި ފިސްފިސް ވަމުން ދިޔައެވެ. ރޭގަނޑުގެ ހަތަރުދަމު މާޖިދު ނިދިޔަނުދީ ހިފެހެއްޓިއެވެ. ފަތިސް ނަމާދަށް ގޮވިއިރު މާޖިދަށް ރަނގަޅަށް އޮތީ ނިދިފައެވެ. އަނާ މަޑުމަޑުން އެދުން ތެދުވަމުން، ބާތުރޫމަށް ވަދެ ފެންވަރައިގެން ނުކެމެ މާޖިދަށް ސިޓީއެއް ލިޔުނެވެ. އަދި އެ  ސިޓީ ކޮޓަރީގެ މޭޒުމަތީގައި ބާއްވާފައި ހިމޭންކަމާއެކު އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

މާޖިދަށް ހެނދުނު ހޭލެވުނު އިރު އަނާއެއް އޭނާކައިރިއަކު ނެތެވެ. އޭނާ ހީކުރީ އަނާ ބާތުރޫމުގައި އުޅޭނެކަމަށެވެ. އެހެން ހީކޮށް އަނެއްކާވެސް ލޯމަރާލައިގެން އެނދުން ނުތެދުވެ އޮތީއެވެ. އެތައް އިރަކު އޮތް އިރުވެސް ބާތުރޫމުން ފެންއޮހޭ އަޑުނީވުމުން ސިހޭގޮތްވެފައި އެނދުން ފުންމައިގެން ތެދުވެއްޖެއެވެ. އެވަގުތު، ރޭ އޭނާއާ ލޯބިކުރަމުން ދިޔަ މިންވަރާއި އޭނާއާ ދައްކަމުން ދިޔަ ވާހަކަތައް މާޖިދުގެ ހިތަށް ވަންނަމުން ދިޔައެވެ.

"އަޅުގަނޑަށް ލޯބި ކުރައްވާ! މާޖިދު، މާދަމާ ފަތިސްވާނެ ކަމެއް ނުވަތަ ނުވާނެކަމެއް ނޭނގެ!." އަނާ މިހެން ބުނި ހަނދާން ކުއްލިއަކަށް އޭނާގެ ހިތަށްވަނެވެ. މާޖިދު އެނދުން ތެދުވެގެން ބާތުރޫމާދިމާއަށް ދިޔައެވެ. ނަމަވެސް އެތާނގައި އެއްވެސް މީހަކު ނެތެވެ. އެތަނުން އަނެއް ފަރާތަށް އެނބުރިލިތަނާ އޭނާއަށް ފެނުނީ މޭޒްމަތީގައި އޮތް ކަރުދާސްކޮޅެކެވެ. މާޖިދު ކަރުދާސްކޮޅު ނަގާފައި ބަލާލިއިރު އެއީ އޭނާއަށް އަނާ ލިޔެފައިވާ ސިޓީއެކެވެ.

"އަޅުގަނޑުގެ މާޖިދު!

އަޅުގަނޑު މިދަނީއެވެ. އަޅުގަނޑު މިދަނީ، އަޅުގަނޑުގެ ނަމާ ގުޅިގެން ވަރިކުރުން ފަދަ ހުތުރު ލަފުޒެއް ހިފައިގެން ދިޔުމަށް އަޅުގަނޑު ނޭދޭތީއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ވަރިއަކީ އެއްވެސް މާތް އަންހެނަކު އެލަފުޒާއެކު ދިރިއުޅެން ނުރުހޭ ފަދަ ހަޑި ހުތުރު ނިކަމެތި ލަފުޒެކެވެ. އަނެއްކޮޅުން މާފުކުރައްވާށެވެ. ކަލާއަކީ ވަރަށް ބޮޑު ފިނޑިއެކެވެ. ލޯބިވެސް ކުރައްވަމުއެވެ. އެހެން އަންހެން ކުދިންގެ ހުވަފެންތައްވެސް ދެކެލައްވަނީއެވެ. އެހެންކަމުން ކަލާ ކަހަލަ ފިނޑި އިންސާނަކާއެކު ދިރިއުޅުމަކީ އަޅުގަނޑަށް ބަރުދާސްތު ކުރެވޭ ވަރު ކަމަކަށް ނުވީއެވެ. އެންމެ ކަމަކު އަޅުގަނޑު ކަލާ ކިބައިން އެދޭނަމެވެ. އެއީ އަޅުގަނޑުގެ މަތީން ހަނދާން ބެހެއްޓެވުމެވެ. އަޅުގަނޑު މުޅި ޢުމުރަށްވެސް ކަލާގެ ނަމާއެކު ކަލާގެ ޙާއްޤުގައި އިންނާނޭކަން ހަނދާން ބެހެއްޓެވުމެވެ. އެއީ ކީއްވެގެންތޯއެވެ. ކަލާއަކީ އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ފިރިމީހާކަމަށް ވާތީއެވެ. ރޭ އަޅުގަނޑަށް ކުރެއްވި "އަސަރުގަދަ" ލޯތްބަށްޓަކައި ޝުކުރުވެރިވަމެވެ.... ކަލާގެ.......އަނާ....."

މާޖިދު ސިޓީ ކިޔާލާފައި ހުއްޓޭގޮތްވިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.