(7 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކަލާ ކަންބޮޑުވެލެއްވީ ކީއްވެގެންތޯ؟" ޒުމައްރަދަށް އޮޅިއްޖެއެވެ.
ޘަނާ ޒުމައްރަދާ ދިމާއަށް ބަލާލާފައި ބުންޏެވެ.
"ކަލާ ވަރިވެލައްވައިގެން ތިޔަ ކުރެއްވީ ރަނގަޅުކަމެއް ނޫން!"
"ވަރިވުމަކީ ކޮންމެހެން ބޭނުންކަމެއް. އެހެންނޫނީ ކަލާއާ އަޅުގަނޑަށް ކައިވެނި ވެވޭނީ ކިހިނަކުންތޯ؟ "
"ކައިވެންޏޭ!....."
"އެކަމަކު ކަލާއާ ކައިވެނި ކުރާނަމޭ ބުނީ ކޮންއިރަކުތޯ؟"
"ޘަނާ ...ތިޔަ ބުނުއްވަނީ ކީކޭތޯ؟ ކަލާ އަޅުގަނޑު ދެކެ ލޯބިވެއެއް ނުލައްވަމުތޯ؟"
"މިހާރުވެސް ލޯބިވޭ..... އެއީ ކީއްވެގެންތޯ.... އެއީ ކަލާގެ ހަށިގަނޑަކީ ވަރަށް ރީތި ހަށިގަނޑަކަށްވާތީ. ދުނިޔޭގެ ކޮންމެ ފިރިހެނަކުވެސް ކަލާ ދެކެ ލޯބިވާން ބޭނުންވާނެ އެކަމަކު ޘަނާ ވާހަކަ މެދުކަނޑުވާލިއެވެ.
"އެކަމަކު... ކީކޭތޯ؟" ޒުމައްރަދު ހާސްވެފައި އަހާލިއެވެ.
"އެކަމަކު....އަޅުގަނޑަށް ކަލާދެކެ ލޯބިވެވިދާނެ...އެކަމަކު ކަލާއާ ކައިވެންޏެއް ނުކުރެވޭނެ... އެއީ ކީއްވެތޯ އެހެންމީހުން ލާ ބާކޮށްފައި ހުންނަ ހެދުން އަމިއްލަ ހެދުމެއްގެ ގޮތުގައިލާ އުޅުމަކީ އަޅުގަނޑުގެ އާދަޔަކަށް ނުވާތީ."
ޘަނާ ޒުމައްރަދު ވަރަށް ބާރަށް ބުންޏެވެ.
އެތަންވަޅު ޘަނާ އަތް އުފުލާލާފައި ބުންޏެވެ.
"ފިރިއަކު ހުރެ އެހެން ފިރިހެނެއްގެ އަތުތެރެ ހޫނުކޮށްދޭ އަންހެނަކަށް އެއްވެސް މާތް އަނތްބަކަށް ނުވެވޭނެ، އެފަދަ އަންހެނަކަށް އެއްވެސް އިތުބާރެއް ނުކުރެވޭނެ. އޭނާ އަނެއް ފިރިމީހާވެސް ދޫކޮށްލާފައި ދާނީ ކޮންއިރަކު ކަމެއް ނޭނގޭނެ އެހެނީ އޭނާ އެވަނީ އޭނާގެ އެދުންތަކުގެ އަޅަކަށްވެފައި އެހެންކަމުން އަޅުގަނޑުކަހަލަ މީހަކަށް ކަލާއަކަށް އިތުބާރެއް ނުކުރެވޭނެ."
"ކަ...ކަލޭ.... ބަކަމޫނުގެ ދަރި! އަހަރެންނަށް...."
"ޕަސް"
ޒުމައްރަދުގެ އަނގަމަތީގައި ޘަނާ ވަރަށް ބާރަށް ޖަހައިފިއެވެ. އޭނާއަށް ކޮޅަށް ނީނދެވިގެން އެނދުމައްޗަށް ވެއްޓިއްޖެއެވެ. "ނުކުމެގެން ދާންއުޅޭ..... އަހަރެން މިބުނަނީނު! ހަމަ މިހާރު އެއްވެސް މީހަކަށް ނޭނގޭގޮތަށް ކަލޭ މި ގޭ ދޮރުމަތީގައި ވަޅުލާފާނަން."
ޒުމައްރަދަށް ޘަނާގެ މި ބިރުވެރި ސިފަތައް ފެނިފައި ހިމޭންވާން ޖެހިއްޖެއެވެ. އޭނާގެ އަނގަމަތީގައި ޖެހި އެތިފަހަރުން އޭނާގެ ތުންފަތް ވެސްވަނީ ފެޅިފައެވެ. އޭނާ ވަރަށް ބޮޑަށް ނަފްރަތުވެފައި ވާގޮތެއްގައި ޘަނާއާ ދިމާއަށް ބަލާލިއެވެ. އަދި އެނދުން ތެދުވެގެން ދޫލަމައްޗަށް ކުޅެއްޖަހާފައި ވަރަށް ބާރަށް ހިނގައިފައިގޮސް ކޮޓަރީން ބޭރަށް ހިނގައްޖެއެވެ
ޘަނާ ވަރަށް ބާރަށް ހީނގަތެވެ. އޭނާގެ މަޤްސަދު ފުރިހަމައަށް ޙާޞިލްކުރެވުނީތީއެވެ. އަނެއްދުވަހު ޚާންއާޞިފް އޭނާގެ ނިންމުން ޘަނާއަށް އަންގައިފިއެވެ. އެއީ ޢާޝީއާއި ޘަނާގެ ކައިވެންޏަށް އޭނާ ރުހޭކަމުގައި ނިންމުމެވެ.
"ކަލާގެ ދަނބިދަރި އަކަށް ހައްދަވަން އަޅުގަނޑު އެކަށީގެންވާކަމަށް ކަލާ ދެކެލެއްވިކަމީ އަޅުގަނޑުގެ ފަޚްރުވެރިވުން އެކަށީގެންވާ ކަމެއް!"
"ކަލާމެންގެ ކައިވެނި އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު."
"އެންމެ 7 ދުވަސް ފަހުންތޯ؟" ޘަނާ ޙައިރާންވެފައި ސުވާލުކޮށްލިއެވެ.
"ކީއްތަވީ.... އިޢުތިރާޟެއް އޮތީތަ؟ ނޫން.... އެއްގޮތަށްވެސް ނެތް އެކަމަކު އެހާ އަވަސްވީމާ.... އަހަރެންގެ އަންހެން ދަރިފުޅުގެ ކަންތައްތައް ވީހާ އަވަހަކަށް އޭނާގެ ޙައްޤު ފަރާތާ ޙަވާލުކުރަން ބޭނުންވަނީ........ އަދި މިކަމުގައި އަހަރެންނަށް އެނގުނީ ކަލެއަކީ އޭނާވެސް ރުހޭމީހެއްކަން ވީމާ މިކަމުގައި ލަސްކުރަންވީ."
"ސަބަބެއް އޮތްކަމަކަށް އަހަރެންނެއް ނުދެކެން އަނެއްކޮޅުން މިކަމަށް ތައްޔާރުވާން މާދިގު މުއްދަތެއް ބޭނުންވާނެ ކަންތައްތަކެއްވެސް އޮތީއެއްނޫން..... ޝަހަރުގެ ޢިއްޒަތްތެރީން ނަން ދައުވަތު ދިނުމާއި ކައިވެނީގެ ރަސްމުތައް އަދާކޮށްލުން އެއީ އަހަރެން ކޮށްލަންހުރި ކަންތައްތައް."
"ކަލާއަށް ފެނިލައްވާ ގޮތަކަށް ގެންދަވާ އަޅުގަނޑު މިހިރީ ތައްޔާރަށް."
މިގޮތަށް ×ަނާގެ ކައިވެނީގެ ތާރީޚުވެސް ކަނޑައެޅިއްޖެއެވެ. ހަތްދުވަސް ވޭތުވެގެން ދާކަށްވެސް މާލަސްތަކެއް ނުވިއެވެ. ކައިވެންޏަށް ތައްޔާރުވުމުގެ ހުރިހާ ކަމެއް ވަރަށް އަވަސް ގޮތެއްގައި ފުރިހަމަވެގެން ހިނގައްޖެއެވެ. އަދި އެންމެފަހުން އެ ދުވަހަކަށްޓަކައި ޘަނާ ތައްޔާރުވާން އޮތީ ވަރަށް އާދައިގެ ތައްޔާރުވުމަކަށްވާތީ އެކަންތައް އޭނާ ހުރީ ކޮށްގެންނެވެ.
ކުންފުނީގެ ވިއްސަކަށް މުވައްޒަފުން ނާއެކު ބާރަތު ގޮވައިގެން އޭނާ ޚާން އާޞިފްގެ ގޭދޮށަށް ހިނގައްޖެއެވެ.
ޚާން އާޞިފްވަނީ ޝަހަރުގެ ބޮޑެތި ބޮޑެތި އިންޑަސްޓްރިއަލިސްޓުންނަށާއި ވިޔަފާރިވެރިންނަށް އަދި ސަރުކާރުގެ ޢިއްޒަތްތެރިންނަށް ދަޢުވަތުދީފައެވެ. ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައެވެ.
ކައިވެނީގެ ހުރިހާ ކަމަކުން ނިމިގެން ޘަނާއަށް އަލްވަދާޢު ކިޔުންއޮތީ އެރޭގެ 9 ޖެހިއިރުއެވެ. އަދި އެވަގުތު ޢާޝީ ގޮވައިގެން އޭނާގެ ކާރުގައި ޚާންއާޞިފްގެ ގެއިން އޭނާގެ ގެއަށް ޘަނާ އަތުވެއްޖެއެވެ.
އަނެއް ދުވަހު ހެނދުނެވެ.
ޘަނާ ފެންވަރަން އުޅެނިކޮށް ގޭގެ ރަނގަބީލު ޖަހައިފިއެވެ.
"މިހާ ހެނދުނާ އަނެއްކާ ކާކުބާ! އޭނާ ޙައިރާންވެލާފައި ބުންޏެވެ. އަޅުގަނޑު ބަލާލަންތޯ؟" ޢާޝީ އިސްކޮޅުވަރުގެ ބޮޑުމޫނު ބަލާ ލޯގަނޑެއްގެ ކުރިމަތީގައި ބޮލުގައި އިސްތަށިގަނޑު ތުވާއްޔަކުން ހިއްކަން ހުރެފައި ބުނެލިއެވެ.
“އާނ... ބަލާބަލަލަ...." ޘަނާ ބާތުރޫމްގެ ތެރެއިން ބުންޏެވެ. ކުޑައިރުކޮޅެއް ފަހުން އޭނާއަށް ބިއްލާގެ އަޑުއިވިގެން އަވަސްއަވަހަށް ބާތުރޫމުން ނުކުމެއްޖެއެވެ.
"އާދޭ.... ބިއްލާ ކޮއްކޯ..ގަދަވެއުޅެމުތަ..."
"މާސްޓަރ ނިކަން ބޭރަށް ދުރުވެ ބައްލަވަ. މިއައީ ވަރަށް ބޮޑުކަމެއްޖެހިގެން." އޭނާ ލޮލުގެ ކޮޅުން ޢާޝީ އާދިމާއަށް ބަލާލިއެވެ.
"މިއީ އަހަރެންގެ އަންހެނުން...ޢާޝީ... ޚާންއާޞިފްގެ ދަރިފުޅު." ޘަނާ ބުންޏެވެ.
"ބަރަކާތް ލައްވާނެ....މާސްޓަރ!"
ޘަނާ އޭނާ ގޮވައިގެން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.ފެންޑާގެ އެއްކޮޅުގައި ހުރި އެހެން ކޮޓަރިއަކަށް ވަދެފައި ޡަނާ ސުވާލުކޮށްލިއެވެ.
"ބިއްލާ ކޮއްކޯ..އާނ......ބުނެބަލަ ކީއްތަވީ؟"
"މައިބާޕް ވަރަށް ބޮޑަށް ބަލިވީ..... އިއްޔެ އޭނާގެ އަނގައިން ވަރަށް ގިނަ ލޭވެސް އަތުވެއްޖެ. އެ ވާހަކަ އަޅުގަނޑު ގާތު ބުނީ އޭނާގެ ބައްޕަ އަމީރުއްދީން.... އަޅުގަނޑު މައިބާޕް ހޮސްޕިޓަލަށް ގެންދަންވެގެން ވަރަށް މަސައްކަތްކުރިން. ނަމަވެސް އޭނާ އެއްގޮތަކަށްވެސް ޤަބޫލެއްނުވި.."
"ބަލިވީތާ ކިހާ ދުވަހެއްވެއްޖެ؟" ޘަނާ އަޑު ތުރުތުރު އަޅާގޮތްވިއެވެ.
"މިގެއިން ދިޔައީއްސުރެ އުޅެނީ ބަލިވެ...އަދި އަޅުގަނޑަށް ހީވަނީ މީގޭގައި އިންނެވިއިރުވެސް އޭނާ ބަލިވެ އުޅުއްވީ ކަމަށްވެދާނެހެން. އެކަން ފާޅުނުކުރައްވާ އޭނާ އުޅުއްވީ!"
"ކަލޭ އަވަހަށް ކާރު ކައިރިއަށްދޭ! އަހަރެންވެސް މިދަނީ"
ޘަނާ އަވަސް އަވަހަށް އޭނާގެ ކޮޓަރިއާ ދިމާއަށް ދިއައެވެ. ގާތްގަނޑަކަށް ދުވަމުން ކަހަލަ ގޮތަކަށެވެ.
“އަނާޖީ ވަރަށް ބޮޑަށް ބަލިވެގެން އޭނާ އެއައީ އަޅުގަނޑު މިދަނީ އެގެއަށްދާން ފަހަރެއްގައި ލަސްވެދާނެ. އެކަމާ ކަންބޮޑުވެ ނުލައްވާތި." ޘަނާ އަވަސް އަވަހަށް ހެނދުން އަޅަމުން ބުނެލިއެވެ.
"އަޅުގަނޑުވެސް ކަލާއާ އެކުގައިދަންތޯ"
"ޢާޝީ ބުންޏެވެ. ނޫން.... ދެން އެހެން ފަހަރަކުން."
ޘަނާ، ޢާޝީ އެކޮޓަރީގައި ބައިންދާފައި ވަރަށް ބާރަށް ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. އަދި ބިއްލާއާ އެކުގައި އަނާގެ ގެއާދިމާއަށް ދުއްވާލައިފިއެވެ.
"މާސްޓަރ...އަޅުގަނޑުގެ މައިބާޕް ސަލާމަތް ކޮށްދެއްވާ! އޭނާގެ ބަލިވާހަކަ ކަލާއަށް ނުއެންގުމަށް އޭނާ ވަރަށް ބޮޑަށް އަޅުގަނޑު ގާތުގައި ބުނުއްވި. އެކަމަކު އަޅުގަނޑަށް މަޖްބޫރުވެގެން ކަލާ ގާތަށް މިއާދެވުނީ."
"ކަލޭ ތިޔަހެދީ ވަރަށް ރަނގަޅަށް...ބިއްލާ! ކަލެއަކީ ގްރޭޓް މީހެއް އަހަރެންގެ ހިތުގެ އަޑިން ކަލެއަށް ޤަދަރުކުރަން."
އެވަގުތު ބިއްލާއަށް ރޮވިއްޖެއެވެ.
"މި ނިކަމެތި ބިއްލާގެ ހުރިހާވެސް މީހަކީ މައިބާޕް.......މާސްޓަރ! އޭނާ ސަލާމަތްކޮށްދެއްވާ...... އަޅުގަނޑު އޭނާ ދެކެ ލޯބިވޭ އަދި އަޅުގަނޑު އޭނާއަށް....މާސްޓަރ ....އަދި...ދެން." އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަޑު ކަރުނައިން ފޯވެގެން ހިނގައްޖެއެވެ.
"ކަންބޮޑުނުވޭ ބިއްލާ! މާތްރަސްކަލާނގެ ރަނގަޅު ކޮށްދެއްވާނެ. ބޭނުމީ އުންމީދުގެ ފަސްބައި އަތުން ދޫކޮށްނުލުން." ޘަނާ އޭނާގެ ހިތްހަމަ ޖައްސާދެވޭތޯ މަސައްކަތް ކުރިއެވެ.
ނަމަވެސް....
ޚުދްއޭނާވެސް ވަނީ އަނާ ބަލިވެއުޅޭތީ ކަންބޮޑުވެފައެވެ. އޭނާގެ ހިތްވެސް މިވަގުތު އޮތީ ތެޅިތެޅިއެވެ. ބިއްލާ ދައްކާ ދެމުންދިޔަ މަގުތަކުން ވަރަށް ބާރަށް ކާރުދުއްވާފައި އެ މީހުން އަނާގެ ގެއަށް ހިނގައްޖެއެވެ.
"އަޅުގަނޑު އެތެރެއަކަށް ނުދާނަން...މާސްޓަރ.... އަދި އަޅުގަނޑު ކަލާއަށް އަންގައިގެން ދުރުވީކަމަށް ކަލާވެސް މައިބާޕް ކައިރީގައި ބުނުއްވައިގެން ނުވާނެ. ފަހަރެއްގައި އޭނާ އަޅުގަނޑާ ނުރުހޭ ގޮތެއްވުމަށް އަޅުގަނޑެއް ނޭދެން..."
(ނުނިމޭ)
haadha haadha reechey shukuran
ހާދަ ލަހޭ ގެނަސް ދޭލެއް ވަރަށް ރީތި ތަންކޮޅެއް ދިގުކޮށް ގެނަސްދީބަލަ