(25 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުއްލިއަކަށް އަނާ ބުނެލިއެވެ.
"ޘަނާ...ބުނަންތަ! މިއަންހެންކުއްޖާ...ޢާޝީ އަކީ ވަރަށް ރަނގަޅު ކުއްޖެއް...އޭނާއަށް ފަހަރެއްގައިވެސް ދެރަކަމެއް ނުކުރާތި.... އޭނާއަކީ އޭނާގެ ބައްޕައާ ބޭބެ ކަހަލަ ކުއްޖެއްނޫން. އޭނާ ފިޠުރަތު އެ މީހުންނާ މުޅީން ތަފާތުވާނެ. އެ ގޭގައި އުޅޭ މީހުންގެ ތެރެއިން އަހަރެން ދެކެލޯބިވި އަދި އަހަރެންނާ އެކުގައި އުޅުނު ހަމައެކަނި މީހަކީ އޭނާ."
ހުންގާނުގައި ހިފަހައްޓައިގެން އިން ޘަނާގެ އަތް ތުރުތުރުއަޅައިގަތެވެ. ކާރު ވެސް ހޫރިގަންނަ ގޮތްވިއެވެ. ނަމަވެސް އޭނާ އަވަސް އަވަހަށް ކާރު ކޮންޓްރޯލްކޮށްފިއެވެ.
"އަހަރެން މިބުނި އެއްޗެއް އަހަފިންދޯ ރަޙްމަތްތެރިޔާ!" ޘަނާ ވަރަށް ބާރަށް އޭނާގެ ތިރީތުންފަތުގައި ދަތްއަޅާލިއެވެ. އެކަމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެވަގުތު ކަންތައްތައް ހުރިގޮތް ވަރަށް ރަނގަޅަށް އެނގެއެވެ.
"ފިކުރު ނުކުރައްވާ...އަޅުގަނޑު ތިޔަކަމާމެދު ޚިޔާލުކުރާނަން." މިހެން ބުނެފައި އޭނާ ހިތަށްއެރީ އޭނާ ރާވަމުންދާ ކުޅިގަނޑު އޭނާގެ މިޝަނާ ބެހޭގޮތުން އަނާއަށް އިނގެނީ ބާވައެވެ. އަދި އޭނާ ޢާޝީއާ އިނީ ކީއްކުރަންކަން އޭނާއަށް ވިސްނެނީ ބާވައެވެ..
އޭނާ މިހުރިހާ ވިސްނުން ތަކެއް ވިސްނުމަށްފަހު ބުންޏެވެ. "ޒުމައްރަދު މާޖިދު ގާތުން ވަރިވީ ކީއްވެގެންކަން ކަލާއަށް އެނގިލައްވާތޯ؟ އާނ...އަހަރެންނަށް އެނގޭ."
"ކަލާއަށް އެނގިލައްވަނީ ކޮންއެއްޗެއްތޯ؟"
"ވަރަށް ގިނަ އެއްޗެތި އެނގޭ އެހެންނަމަވެސް ކަލާ ހައްތާވެސް ކުރަމުންދަނީ ވިޔާނުދާ ކަންތައްތައް. ޒުމައްރަދު ކަލޭގެ ލޯބީގެ ދަލުގައި ޖައްސައިގެން އޭނާ މާޖިދުގާތުން ވަރިވާން އޭނާއަށް ކަލޭއަށް މަޖުބޫރުކުރުވީ ކަމަށްވަނީ. އެ މޮޔަ އަންހެންމީހާ އެގޮތަށް ކަންތައްކުރީ ދެން ކަލޭ ކުރިކަމަކީ ޢާޝީއާ ކައިވެނިކުރީ. މި ބުނަނީ ރަނގަޅަކަށް ނޫންތަ ޘަނާ."
"ކަލާއަށް ތިޔަ ހުރިހާކަމެއް އެނގިލެއްވީ ކިހިނެއްތޯ؟"
"އަހަރެންގެ ރަޙްމަތްތެރިޔާގެ ފިޠުރަތު އަހަރެން ރަނގަޅަށް ދަންނަން. ނަމަވެސް މިހާރު އަހަރެން ކަލޭގެ ފަރާތުން މި އެދެނީ މިހާރުން ފެށިގެން ދެން އިތުރަށް އެއްވެސް ކުށްފިޔަވަޅެއް ނާޅަން!"
ޘަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ދެން މާގިނައިރެއްނުވެ ހޮސްޕިޓަލަށް ދެވިއްޖެއެވެ. ހޮސްޕިޓަލަށް ވަނުމާއެކު ޘަނާ ޑޮކްޓަރ ޙާމިދާ ވަކީން ބައްދަލުކޮށް އަނާއާ ބެހޭގޮތުން ޚާއްޞަގޮތެއްގައި ހުރިހާ ވާހަކަތަކެއް ކިޔާދީފިއެވެ. އަދި އޭނާއށް ޚާއްޞަ ސަމާލުކަމެއް ދީގެން ފަރުވާ ކޮށްދިނުމަށް އިލްތިމާސްކޮށްފިއެވެ.
"ކަންބޮޑުނުވޭ ޘަނާ! އަހަރެންނަށް ކޮށްދެވެންއޮތް ހުރިހާ ކަމެއް ކޮށްދޭނަން. އެކަމަކު ފަރުވާ ލިބުމުގައި ބަލިމީހާގެ ބައިވެރިވުމަކީ މުޙިއްމު ޝަރުތެއް."
"އެކަންވެސް ހޯއްދަވަން ޖެހިލައްވާނީ ހަމަ ޑޮކްޓަރަށް އޭނާ އޭނާގެ ދިރިއުޅުމާމެދު ލޯތްބެއް ނެތޭ އަޅުގަނޑު ކުރިންވެސް ނަންގަނެފީމެއްނޫންތޯ!" ޑޮކްޓަރ ބޯހަލުވާލިއެވެ.
އަދި އަނާ ގެންގޮސް ވަރަށް ރީތި ކޮޓަރިއެއްގެ އެނދުގައި ބާއްވައިފިއެވެ. އެތަންވަޅު ހުރިހާ ކަމެއް ކުރުމަށް ޙަރަކާތްތެރިވާން ފަށައިފިއެވެ. ބްލަޑް ޓެސްޓް...އެކްސްރޭ...އަލްޓްރާ ސައުންޑް...މިހެންގޮސް ހުރިހާ ވައްތަރެއްގެ ޓެސްޓުތަކެއް ކުރެވިއްޖެއެވެ. އެދ ުވަހުގެ މެންދުރު ބާރަޖަހާ އެހާކަންހާއިރަށް ހުރިހާ ޓެސްޓްތަކެއް ކުރެވިއްޖެއެވެ. އަދި އަނާ އޮންނަންވީ އެނދުގައި ބާއްވައިފިއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލުމާއެކު އޭނާ ޘަނާއާ ދިމާއަށް ބުންޏެވެ.
"މިހާރު ދެން ކަލޭ ގެއަށްގޮސްލާ އެންމެ ރެއެއްވީ އަލަތު އަނތްބެއް ގޭގައި އެކަނި އެބައިނެއްނު....އަހަރެންގެ ފަރާތުން އޭނާއަށް ލޯބިތައް ރައްދުކޮށްދޭތި...."
"އަޅުގަނޑު މިތާގައި ހުރުމާއެކު ކަލާގެ އެއްވެސް އިޢުތިރާޟެއް އެބައޮތްތޯ؟ އަނާއާ ދިމާއަށް އެންމެ ފުރަތަމަ ފަހަރު ޘަނާ ކަޅިއަޅާލާފައި ބަލާލިއެވެ. އަނެއްކޮޅުން އަނާ ހިނިތުންވެލިއެވެ.
"މިހާރު ދެކޮޅުހަދަނީތަ! ކަލޭ ބުނި ކަންތައްތައް އަހަރެން މިއޮތީ ކޮށްގެން މިހުރިހާ ކަމަކީވެސް ބޭނުމެއް ނުހިފޭނެ ކަންތައްތަކެއް ކަން އެނގިއެނގި އޮތުމާއެކުވެސް އަހަރެން މި ކަންތައްތައް މިކުރީ ކަލޭމެން ދެ މީހުންގެ ހިތްހަލާކުކޮށްލަން އަހަރެން ނޭދޭތީ."
"އެންމެ ރަނގަޅު..... ދެން ކަލާ ހިމޭނުން އޮންނަވާ ގޯސްވާހަކަ ނުދައްކަވާ."
".....ދޭ ދެން ގެއަށް ގޮސްލާފައި އާދޭ!" އެހެންބުނެފައި އޭނާ ބާރަށް ނުކުމެއްޖެއެވެ. އޭރުފެންޑާ މަތީގައި ބިއްލާ ހުއްޓެވެ. ޘަނާ ބިއްލާއާ ދިމާއަށް ބުންޏެވެ.
"ކަލާ އަނާޖީ ކައިރީގައި ހުންނާތި.... ބިއްލާ! ފަހަރެއްގައި އޭނާ ކޮންމެވެސް އެއްޗަކަށް ބޭނުންވެސް ވެދާނެ.... އަދި ބުނަން މިއޮތީ ފައިސާ ކޮޅެއް، ކަމެއް ޖެހިދާނެކަމަށް ބާއްވާ!"
"ތިޔަ ބާއްވަވާ.... މާސްޓަރ.އަޅުގަނޑު އަތުގައި ފުދޭވަރަކަށް އެބަހުރި ބޭނުންވެއްޖެނަމަ ކަލާ އަތުން އަތުލެވިދާނެ." ޘަނާ ލޯބިން އޭނާގެ ކޮނޑުގައި ޖަހާލިއެވެ. އަދި ވަރަށް އަވަހަށް އެނބުރި އަންނާނަމޭ ކިޔާފައި ހިނގައްޖެއެވެ. ގެއާދިމާއަށް އެނބުރި ދިޔަމަގުމަތީގައި އޭނާ ވަރަށް މުހިއްމު ކަމެއް ކަނޑައަޅައި ނިންމިއެވެ. ޢާޝީ އޭނާޔާ ބައްދަލުކުރީ ވަރަށް ބޮޑަށް ބޭޤަރާރުވެފައިވާ ގޮތެއްގައެވެ.
"އަނާ ދައްތަގެ ޙާލު ކިހިނެއްތޯ؟"
"އޭނާ ވަނީ މަރުގެ ތުންފަތްމަތީގައި...އަދި"
"އަދިކީކޭތޯ؟" ޢާޝީ ވަރަށް އަވަހަށް ސުވާލުކުރިއެވެ.
"މިހާރު ކަލޭ ބައްޕަގެ ގެއަށް ދާންވީ!"
"ކީ....ކިއްވެތޯ؟"
"ކީއްވެގެންހޭ؟ ކަލެއާ އިނދެގެން ގެނައީ މިހެން ހަދަންވެގެން."
"އަޅުގަނޑަކަށް ނުވިސްނުނު..."
"އަހަރެން މިއުޅެނީ ކަލޭ ވަރިކުރަންވެގެން!"
"ނު...ނޫން....ނޫން...." މޮޔަވެފައިވާ މީހެއްހެން ޢާޝީއަށް ހަޅޭއްލަވައިގަނެވުނެވެ.
"އަހަރެން ވަރަށް ހިތާމަކުރަން ޢާޝީ! ނަމަވެސް މިއީ ކޮންމެހެން ބޭނުންކަމެއް އެހެނީ އެހެންނުހަދައިފިނަމަ "ވަރި" އޭ މިކިޔާބަހުގެ އަނިޔާވެރިކަން ކަލޭގެ ބައްޕައަކަށް ނުވިސްނޭނެ. އޭނާގެ މުދާތައް އަތުލައިގެން އަހަރެންނަށް އޭނާ ގަޔަކު ނުޖެހުނު. ނަމަވެސް ޣީރަތު އޭނާ އަލުން އިންސާނަކަށް ހަދާފާނެ ކަންނޭނގެ."
"އެކަމަކު.... އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟" ޢާޝީ ރޯން ފަށައިފިއެވެ.
"އަނާޖީގެވެސް ކުށެއް ނެތް..... ނަމަވެސް އޭނާއެވަނީ މަރުގެ ތުންފަތާ ހަމަޔަށް ގޮސްފައި....ހިންމަތާއެކު މަސައްކަތްކުރޭ..މީ އިމްތިޙާނުގެ ދުވަސްވަރު އަދި..."
"ކޮންކަހަލަ އިމްތިޙާނެއްތޯ؟"
"ކަލާއާއި ކަލޭގެ މީހުން އަޅުގަނޑުގެ ދިރިއުޅުން ތިޔަ ބަރުބާދުކުރައްވަނީ."
"އެއްވެސް އިމްތިޙާނަކާއި އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް އަޅުގަނޑަށް މިއަނިޔާ ނުކުރައްވާ.... އަޅުގަނޑުގެ ބައްޕައާއި ބޭބެގެ ކުށުގެ ސަޒާ އަޅުގަނޑަށް ނުދެއްވާ..."
ޘަނާ އަލަމާރިއާ ދިމާއަށް ގޮސް އެއިން ލިޔުންތަކެއް ނަގައިގެން ޢާޝީއާ ދިމާއަށް ދިޔައެވެ. އަދި އެ ލިޔުންތައް އޭނާއާ ދިމާއަށް ދިއްކޮށްލާފައި ބުންޏެވެ.
"މި ލިޔުންތައް ހިފައިގެންދޭ...އަދި ބައްޕަ ގާތަށް ގޮސް އޭނާގެ ކުރިމަތީގައި އޭގައި ސޮއިކުރޭ..."
"ނޫން.... ނޫން "ހިސްޓީރިޔާ ޖެހިފައިވާ މީހެއް ފަދައިން އޭނާއަށް ބުނެވުނެވެ.
"މިހާރު ދެން ކަލާ ދިޔަޔަސް އެންމެރަނގަޅު."
އެހެންބުނެފައި ކާރަށް އަރައިގެން އަނެއްކާވެސް ޘަނާ ހިނގައްޖެއެވެ.
ޢާޝީ ކޮޓަރީގެ ދޫލަމަތީގައި އިށީނދެގެން ރޯންއިނެވެ. އޭނާގެ ސިކުނޑިވަނީ ގަނޑުވެފައެވެ. މިއީ ބަދަލު ހިފުމެއްތާއެވެ.
ކެއްސެއްތާއެވެ.
ޚާންއާޞިފް ބަލިކުރަން ކުރިކަމެއްތާއެވެ.
އޭނާގެ ވިސްނުމުގައި ގަދަވައެއް އުފެދިގަތް ކަހަލައެވެ. ފުރިހަމަ އެއްގަޑިއިރު ވަންދެން އޭނާ ދޫލަމަތީގައި ޙަރަކާތެއް ނެތިފިކުރުތަކުގެ ތެރޭގައި އިނެވެ. އެއަށްފަހު ތެދުވެއްޖެއެވެ. އަދި ވަރިކުރުމާބެހޭ ލިޔުންތައް ހިފައިގެން ދެބައިކުޅައެއްބައި މަރުވެފައި ވާމީހެއް ފަދައިން އޭނާގެ ގެއާދިމާއަށް ދަތުރު ފައްޓައިފިއެވެ.
ގެއަށް ވަދެފައި އެންމެ ފުރަތަމަވެސް އޭނާދިޔައީ އޭނާގެ ބައްޕަގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގައި އެވަގުތު އެއްވެސް މީހަކު ނެތެވެ. ޢާޝީ އެލިޔުންތައް ހިފައިގެން އެނދުމައްޗަށް ވެއްޓި ރޯން ފަށައިފިއެވެ. ކޮޓަރިތެރެއަށް އެންމެ ފުރަތަމަ ވަނީ އޭނާގެ މަންމައެވެ.
"ދަރިފުޅާ....ކަ....ކަލާ...އެނބުރި އައީ ކީއްވެތަ؟" ޢާޝީ އެ ލިޔުންތައް މަންމައާ ދިމާއަށް ދިއްކޮށްލިއެވެ.
"މީކޮން އެއްޗެއްތަ؟"
"ވަރީގެ ލިޔުންތައް...!" ޢާޝީގެ އަޑު އައީ އަނދިރި ވަޅެއްގެ ތެރެއިން އައި އަޑެއްހެންނެވެ.
"ނު..ނޫން..."
ދަރިފުޅުގެ އަނގައިން ވަރީގެ ބަސް އިވުމާއެކު މަންމަ ހީވީ މޮޔަވީހެންނެވެ.
އެއްވެސް އެއްޗެއް ނުބުނެވިފައި އޭނާ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން އެތައް އިރެއްވަންދެން ހުރުމަށްފަހު ބޭރަށް ނުކުންނަން ހިނގައި ގަންނަން އުޅުނެވެ. މިވެގެންއުޅޭ ކަންތައްތަކާއި އެކަންތައްތައް އެހެން ވާންދިމާވި ސަބަބުތައް އޭނާއަށް އިޙްސާސްވީ ކަންނޭނގެއެވެ. އެކަމަކު އޭނާއަކަށް ހިނގައެއް ނުގަނެވުނެވެ. އަރިއަޅާލާގޮތް ވަނީއެވެ.
ކޮންމެއަކަށް ވަރަށް އުނދަގުލުން ފޯނާ ހަމަޔަށް ހިނގައްޖެއެވެ. އަދި ޚާން އާޞިފަށް ފޯނުކޮށްފައި އެމީހުންގެ އަންހެން ދަރިފުޅުގެ ގެއަށްއައި ވާހަކައާއި ގެއަށް އައިއިރު ގެނައި ޚަބަރުގެ ވާހަކަ އޭނާޔަށް ކިޔާދީފިއެވެ.
މުޅިގޭގައި ހީވީ އަލިފާން ރޯވިހެންނެވެ.
ޚާންއާޞިފް ގަދަވައިރޯޅިއަކާއި ޠޫފާނެއްހެން އައިސްގެއަށް ވަދެއްޖެއެވެ. އަދި ސީދާ ޢާޝީ އޮތްކޮޓަރިއަށް ހިނގައްޖެއެވެ. އޭރު ޢާޝީ އިނީ އެތާހުރި އަދަރާދަ ގޮނޑިއެއްގައި އިށީނދެލަގެންނެވެ.
ބައްޕަ ވެންނެވިތަން ފެނިފައިވެސް ތެދުވާކަށް އޭނާއެއް ނޫޅެއެވެ. ޚާންއާޞިފް ކުޑައިރު ކޮޅެއްވަންދެން އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ. ދެން އޭނާގެ އަޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ހިސާބަކަށް އުނދަގުލާއެކު ބުންޏެވެ.
"ކިހިނެއްތަވީ؟ އެ އޫރުގެ ދަރި އެހެން ހެދީ ކީއްވެގެންތަ؟"
"އޭނާ ކުރަން އޮތީ ދެން ކޮންކަމެއްތޯ؟" ޢާޝީ އެހެން ބުނިއަޑު ޚާންއާޞިފަށް ހީވީ ވަރަށް ދުރުން އިވުނު އަޑެއްހެންނެވެ.
"ކޮންކަހަލަ ވިޔާނުދާ ވާހަކަތަކެއްތަ؟ ކަލޭ ތިޔަހުރީ ހަމަހޭގައިތަ؟ މިއީ ވިޔާނުދާ ވާހަކައެއްނޫން.."
"އަޅުގަނޑަށް މިލިބުނީ ބައްޕަގެ ގޮތްދޫނުކުރެއްވުމުގެ ސަޒާ އޭނާ އަޅުގަނޑު ވަރި ކުރަންޖެހޭ އެއްވެސް ކުށެއް އަޅުގަނޑު ނުކުރަން އަދި އެފަދަ އެއްވެސް ކުށެއް އަޅުގަނޑުގެ ނުވެސްނެތް..... އޭނާ އަޅުގަނޑު ވަރިކޮށްފައި ބުނީ މި ވަރިކުރުމާ ބެހޭ ލިޔުންތައް ހިފައިގެން ބައްޕަ ގާތަށްދާށޭ.... ކަލޭގެ ބައްޕަ މުދާތަކާ ވަކިވުމުން ވެސް މަރުނުވެވުނު ނަމަ..... ފަހަރެއްގައި ޢިއްޒަތް ގެއްލުނީމާ އަމިއްލައަށް މަރުވެދާނެކަން ނޭނގެއޭ.... އަދި އަމިއްލައަށް މަރު ނުވި ނަމަވެސް ވަރިއަކީ ކިހާބޮޑު އަނިޔާއެއްކަން އޭނާއަށް އެނގިދާނެ ކަންނޭނގެއޭ އޭނާ އެހެން މީހުންނާއެކު މި ކުޅިވަރުކުޅޭ ކަމަށްވާނަމަ މި އަދި އޭނައަށްވެސް ޖެހޭނީ އޭނާ އިންދަމުންގެންދިޔަ އެއްޗެތީގެ ގޮވާން ކަނޑާށޭ..... އޭރުން އަންހެން ދަރިފުޅެއްގެ ވަރީގެ ސަބަބުން ބައްޕައަކަށް އިޙްސާސް ކުރަންޖެހޭ އަނިޔާގެ ރަހަ ޚުދް އޭނާއަށްވެސް ރަނގަޅަށް އެނގޭނެއޭ."
(ނުނިމޭ)