އަނާ - 18

(8 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑު މަސައްކަތްކުރުމުގައި ގެންގުޅޭ އުޞޫލަކީ އަޅުގަނޑަކީ ވިކޭ މީހެއް ކަމުގައި ނުވުން އަދި އަޅުގަނޑުގެ ފުރާނަ ދޫކޮށްލައިގެން ނަމަވެސް އަޅުގަނޑުގެ މުވައްކިލު ރައްކާތެރިކޮށްދިނުން. އަޅުގަނޑު ކުރިމަތީގައި އަގުބޮޑީ ފައިސާއެއް ނޫންކަން އަދި ކީއްތޯ އަގުބޮޑީ މަސައްކަތްކަން މިހާރު މި ނިމިދިޔަ ކޭހުންވެސް ކަލާއަށް އެނގިލައްވާނެ."

"މިއަދު ކަލެއަށް ޤާނޫނީ މުޝީރެއްކަމުގެ މުހިއްމު ވަޡީފާ މިދެނީ އެ ޚާއްޞަ ސިފަތަކުގެ މައްޗަށް. މިސްޓަރ ޘަނާއުﷲ. ކަލޭ އެކަން ރަނގަޅަށް ހަނދާން ބަހައްޓާތި!"

"ޝުކުރިއްޔާ ސަރ!"

"ގުޑްލަކް މިސްޓަރ ޘަނާއުﷲ. ކަނާތްފަރާތުން 4 ނަންބަރު ކޮޓަރި"

"ޘަނާއުﷲ ސަލާމްކޮށްލާފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އޭނާގެ ކުރިމަތީގައިވަނީ ރޯޝަން މުސްތަޤްބަލެކެވެ. އަދި އޭނާ ބޭނުންވަނީ އެ މުސްތަޤްބަލާއެކު ކުރިއަށް ދިއުމަށެވެ. ވަރަށް ބޮޑަށް ކުރިއަށް ދިއުމަށެވެ. އޭނާއަށް ޤާނޫނުވެސް ގަނަވޭފަދަ ގިނަ ފައިސާތައް ލިބޭހާ ކުރިއަށް ދިއުމަށެވެ.

ޚާން އެންޓާރޕްރައިޒަސްގެ ޤާނޫނީ މުޝީރުކަމާ ޙަވާލުވިތާ ދިހަ ދުވަސް ފަހުން ޘަނާޢުﷲ ސަހާރަން ޕޫރަށް ދިޔައެވެ. އޭނާ ދިޔައީ ވަރަށް މޮޅު ކާރެއްގައެވެ. ކާރު ދުއްވީވެސް އޭނާއެވެ. އެ ކާރަކީ ޚާން އެންޓަރޕްރައޒަސްގެ ކާރެކެވެ. އެންމެ ފުރަތަމަ އޭނާ އެ ކާރުގައި ދިޔައީ އޭނާގެ ގެއަށެވެ. ބައްޕައާ ބައްދަލުކޮށް ބައެއް މުހިއްމު ވާހަކަތައް ދައްކާލުމަށް ޓަކައި އެ ގެއަށެވެ. އެ ގޭގެ ދޮރުމަތީގައި ކާރު މަޑުކޮށްލާފައި ކާރުން ފޭބިއިރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ.

ގޭގެ ދޮރު ހުޅުވާލީ އާންޓީ ޒައިތޫންއެވެ. އޭނާއަށް ގޭގެ ދޮރުމަތީގައި އޮތް ކާރާއި ޘަނާ ފެނުމުން ޙައިރާން ވެގެން ދިޔައެވެ. އަދި އިރުކޮޅަކު ބަލަން ހުރެފައި ބުންޏެވެ.

"ކަލާތޯ؟ ޘަނާއުﷲ"

"ލައްބަ ހަމަ އަޅުގަނޑު. ފައިސާ ވަރަށް ބާރުގަދަ އާންޓީ .އަޅުގަނޑަށް އަނާޖީއާ ބައްދަލުވެވިދާނެތަ؟"

"އޭނާ މިވަގުތު ގެއަކު ނެތް"

"އޭނާ ކޮންތާކަށްތޯ ދިޔައީ؟"

"އޭނާ މިހާރު އުޅެނީ ސްކޫލެއްގައި. ކިޔަވައިދޭން ގެއަށް އަންނާނީ ދޭއް ޖަހާއިރު."

"އަޅުގަނޑަށް ސްކޫލުގެ އެޑްރެސް ދެއްވާ! އެ ތަނުން އަޅުގަނޑު އަނާއާ ބައްދަލުކޮށްލާނަން"

އާންޓީ ޒައިތޫން އަނާގެ ސްކޫލް އެޑްރެސް ޘަނާއަށް ދިފިއެވެ. ޘަނާ އެ ގެއިން ނުކުމެގެން ކާރަށް އަރައިގެން ދުއްވާލުމުން އާންޓީ އަމިއްލައަށް ބުނެލިއެވެ.

 "އަސްލުގައިވެސް ފައިސާ ވަރަށް ބާރުގަދަ....އެހެންޏާ ފަހެ! ދިހަ ބާރަ ދުވަހުގެ ތެރޭގައި އޭނާއަށް އެހާގިނަ ފައިސާ ތަކެއް ލިބުނީ ކިހިނެއްކަންވެސް ނޭނގެ؟"

އޭރު ޘަނާއުﷲ ބާރަށް ޖެހޭ ވައިރޯޅި އެއްހައި ބާރަށް އޭނާގެ ކާރުގައި ޕޮޕިއުލަރ ފައުންޑޭޝަން ސްކޫލާ ދިމާއަށް ދަތުރުކުރަމުން ދަނީއެވެ. ސްކޫލްގެ ދޮރުމަތީގައި ކާރު މަޑުކޮށްލުމަށްފަހު ކޮންމެވެސް އެއްޗެއް ވިސްނާލަން އޭނާ އިރުކޮޅަކު ކާރުގައި މަޑުކޮށްލިއެވެ. އެއަށްފަހު ކާރުން ފައިބައިގެން ސްކޫލަށް ވަދެގެން ސީދާ އޮފީހާ ދިމާއަށް ހިނގައްޖެއެވެ. އެ ތަނުން އެނާއާ ބާއްދަލުވީ ހެޑްމިސްޓްރެސް މިސިޒް ފާރޫޤީއާއެވެ.

"އަޅުގަނޑު މި އައީ އަނާޖީއާ ބައްދަލުކޮށްލަން އަޅުގަނޑަށް ކިޔަނީ ޘަނާއުﷲ. އަޅުގަނޑަކީ އޭނާގެ ޤާނޫނީ ވަކީލު."

"އިށީންނަވާ އަޅުގަނޑު ހަމަމިހާރު އޭނާއަށް މިގޮވާލަނީ" އެހެން ބުނެފައި މިސިޒް ފާރޫޤީ މޭޒުމަތީގައި ހުރި ރަނގަބީލެއް ޖަހާލިއެވެ.

ރަނގަބީލުގެ އަޑަށް އަންހެނަކު ކޮޓަރިއަށް ވަނުމުން، އަނާއަށް ގޮވާލަން އޭނާގާތުގައި މިސިޒް ފާރޫޤީ ބުންޏެވެ. އޭރު ޘަނާއުﷲ ގޮނޑީގައި އިށީނދެއްޖެއެވެ. މިއަދު އޭނާ އަނާއާ މި ބައްދަލު ކުރަނީ ނުދެކޭތާ ބާރަ ދުވަސް ވުމަށްފަހުގައެވެ. އަނާ މިސިޒް ފާރޫޤީގެ އޮފީހަށް ވަނުމާއެކު ޘަނާއުﷲއިން ގޮނޑިން ތެދުވެ އޭނާއަށް އިޙްތިރާމު އަދާކުރިއެވެ. ހުދު ހެދުމެއްގައި ހުރި އަނާ އޭނާއަށް ފެނުމުން އޭނާއަށް ހީކުރެވުނީ އުޑުން ފައިބާހުރި ޙޫރެއް ކަމަށެވެ.

"ކުރީން އަންގާވެސް ނުލާ ނުވަގުތެއްގައި އާދެވުނު ކަމަށްޓަކައި މަޢާފަށް އެދެން. ކަލާއަށް ވަގުތު އޮތްނަމަ...." ޘަނާއުﷲގެ ޖުމުލަ ފުރިހަމަނުކޮށް މިސިޒް ފާރޫޤީ އާ ދިމާއަށް ބަލާލިއެވެ. އެ ވަގުތު މިސިޒް ފާރޫޤީ އަވަސް އަވަހަށް ބުންޏެވެ.

"އާނ..ކަލާ ދުރުވިއަސް އެންމެ ރަނގަޅު. ކަލާގެ ކްލާސް އަޅުގަނޑު ބަލަހައްޓާނަން."

"ޝުކުރިއްޔާ" އަނާ ބުނެލިއެވެ. އަދި ދޮރާ ދިމާއަށް އަނާއާ އެކުގައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. ދެ މީހުން އެކުގައި އައިސް ސްކޫލްގެ ގޭޓުން ނުކުމެފައި ޘަނާ ކާރުކައިރިއަށް ޖެހިލާފައި އޭގެ ދޮރު ހުޅުވާލުމުން އަނާ ސިއްސައިގެން ދާގޮތް ވެފައި ހުއްޓެވެ.

"އަޅުގަނޑުގެ ކާރެއްނޫން. މީހަކު އަތުން ދުއްވާލަން ގެނެސްފައިވާ އޮތް އެއްޗެއް."

އަނާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ކާރަށް ކުރީސީޓުގައި އިށީނދެއްޖެއެވެ. އަނާ އިށީންނުމުން ޘަނާ ދޮރު ލައްޕާލާފައި ގޮސް އަނެއް ފަރާތުން ކާރަށްއަރާ ޑްރައިވަރު ސީޓުގައި އިށީނދެފައި ކާރު ދުއްވާލައިފިއެވެ. ދެ ތިން މިނެޓެއްހާ އިރަކު ދުއްވުމަށްފަހު އަނާ ބުންޏެވެ.

"މިހާ ކުއްލި ގޮތަކަށް ހާސްވެލައްވައިގެން ތިޔަ ދުރުވީ އަނެއްކާ ކޮންކަހަލަ ކަމަކާތޯ. ބުނުއްވަ ބައްލަވާ!"

"އަޅުގަނޑު މިއުޅެނީ ހާސްވެގެނެއް ނޫން!"

"އެހެންނޫންނަމަ ސްކޫލަށް ދުރުވުމުގެ ބޭނުމަކީ ކޮބައިތޯ؟"

އަޅުގަނޑު މިއައީ ޝަހަރުން ކަމަށްވާތީ އިންތިޒާރު ކުރުމަށް ވަގުތުތަކެއް ނަގާނުލަންވެގެން އައީ"

އަނާ އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސް ވުމުގެ އަސަރުތަކެވެ. އެކަން ޘަނާއަށްވެސް އިޙްސާސްކުރެވެމުން ދެއެވެ. އޭނާއާ ވަކިވެގެން ޘަނާ ދިޔައިރު އަނާއަށް ލިބިފައިވާ ހިތްދަތިކަން މިހާރުވެސް ހަމަ ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ޡަނާގެ ކާރު ޕެލެސްހޮޓެލްގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ. އަދި އަނާ ގޮވައިގެން އޭނާ އެ ހޮޓަލުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދެ މީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެ ތާނގެ ރެސްޓޯރެންޓުގެ މޭޒެއްގެ ކައިރީގައި ދެ މީހުން އިށީނދެއްޖެއެވެ. ދެ މީހުން ތިބީ ނުރައްޓެހި ދެ މީހުންހެން ވާހަކަ ނުދައްކާ ހިމޭނުންނެވެ. އަނާގެ ހިތްދަތި ހިމޭން ކަމާހުރެ ދެރަވެގެން އެންމެ ފަހުން ޘަނާއުﷲ ވާހަކަ ދައްކަން ފެއްޓިއެވެ.

"ކަލާ އަޅުގަނޑުދެކެ ރުޅިދުރުވީތޯ؟"

"އަޅުގަނޑު ރުޅިއަންނަންޖެހުނީ ކޮންކަމަކާތޯ؟"

"ޔަޤީންކުރައްވާ! އަޅުގަނޑު ކޭހުގައި ކަންތައްތައް ކުރީވަރަށް ތެދުވެރިކަމާ އެކުގައި"

"އެ ވާހަކަ ދެން ނުދައްކަވާ...އަޅުގަނޑު މިހާރު އެކަމާ ބެހޭ އެއްވެސް ވާހަކައެއް އަހާކަށް ބޭނުމެއްނޫން. އެ ވާހަކަނޫން ވާހަކައެއް ދައްކަވަން އޮތްނަމަ ދައްކަވާ! އަޅުގަނޑު ދެން އެ ކޭސް ކުރިއަށް ގެންދާކަށް ބޭނުމެއްނޫން."

ޘަނާ ވަރަށް ބޮޑު ނޭވާއެއްލިއެވެ. އަދި ވެއިޓަރަކަށް ގޮވާލިއެވެ. އޭނާ ކައިރިއަށް އައުމުން ޗިކަން ސޭންޑްވިޗް އާއި ކޯކް ގެންނަން އޯޑަރުދީފިއެވެ. އެ އެއްޗެތި ގެނައުމަށް ޓަކައި ވެއިޓަރު ދިއުމުން ޘަނާއުﷲ ބުނަން ފެއްޓިއެވެ.

"އަޅުގަނޑު މިހާރު ޚާން އާޞިފްގެ ފާރމުގައި މަސައްކަތް ކުރަން ފަށައިފިން. ޤާނޫނީ މުޝީރެއްގެ ގޮތުގައި."

އަނާ ސިއްސައިގެން ގޮސްފައި އޭނާއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ނިތްކުރިއަށް ރޫތަކެއް އަރައިގެނން ދިޔަތަން ޘަނާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ހަމަ އެ ހިނިދުކޮޅުގެ ތެރޭގައި އޭނާގެ މޫނުމަތި މުޅިން ބަދަލުވެގެން ދިޔައެވެ.

"އަޅުގަނޑު އެ ތާނގައި މަސައްކަތް ކުރަންޖެހިފައިވާތީ މިހާރު އުޅެނީ އެ ތާނގައި."

" ކަލާ ސަހާރަންޕޫރަށް ތިޔަ ދުރުވީ ހަމައެވާހަކަ އަންގާލައްވަން ދޮގެއްތޯ؟" އަނާގެ މި ޖުމުލައިގައިވަނީ "ފިނި" ގޮތެކެވެ.

ޘަނާއުﷲ ވަރަށް ކަންބޮޑުވާގޮތް ވެއްޖެއެވެ. ކަންބޮޑުވެގެން އޭނާ ސިނގިރޭޓެއް ރޯކޮށްލައިފިއެވެ. އަދި ހިސާބަކަށް ހުއްޓަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

"އަސްލުގައި ބައެއްކަހަލަ އިންސާނީ މަޖްބޫރުތަކުން، ހަދާނެ ގޮތް ހުސްވާގޮތް ދިމާވޭ."

އެ ތަނުން ކަލާއަށް ލިބިލައްވަނީ ކިހާވަރެއްގެ މުސާރައެއްތޯ" އަނާ އޭނާގެ ވާހަކަ މެދުކަނޑާލާފައި ބުންޏެވެ.

"ދިހަހާސް ރުފިޔާ" ޘަނާ ލަދުވެތި ގޮތަކަށް ބުންޏެވެ.

"ދެން އަޅުގަނޑުގެ ފަރާތުން އެދެނީ ކޮންކަމެއްތޯ؟"

"ކަލާގެ އަމާނާތް ކަލާއަށް ރައްދުކުރުން"

"ކޮން އަމާނާތެއްތޯ؟"

"މި ތަނޑިގަނޑުތައް" ޡަނާގެ ޖީބުން ދެ ތަނޑުގަނޑު ނަގާފައި މޭޒުމަތީގައި ބޭއްވިއެވެ.

"މިއީ ފީގެ ގޮތުގައި އަޅުގަނޑު ކަލާއަށް ދީފައިވާ އެއްޗެއް"

"ނަމަވެސް ކަލާގެ ކޭސް އަޅުގަނޑަށް ކާމިޔާބެއް ނުކުރެވުނު"

"އެކަމުގައި ކަލާގެ ކުށެއް ނެތް ހާލަތު އެގޮތަށް ތަން ނުދިނީ"

"އެހެން އެކަންވީ ނަމަވެސް މިފަދަ އެއްޗެއް އަތުލުމަކީ އަޅުގަނޑުގެ މަސައްކަތުގެ އުޞޫލާ ޚިލާފުކަމެއް.. މި ތަނޑުތައް ކަލާގެ އަތުގައި ބާއްވަވާ. ކަލާގެ އަތުކުރީގައި އެ ތަނޑުތައް އޮންނައިރު ވަރަށް ރީތި."

"ޝުކުރިއްޔާ" އަނާ ބުނެލިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.