(26 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަނާ ކުރާނެކަމެއް ނެތިގެން އޭނާއާ ދިމާއަށް ބަލާލިއެވެ. އެތަންވަޅު ޘަނާ ތެޅިގެންފައި ބުންޏެވެ.
"އަނާޖީ! ޕްލީޒް އަޅުގަނޑުގެ މައްޗަށް އިތުބާރު ނުކުރައްވާގޮތަށް ނުބައްލަވާ! އަޅުގަނޑު ކަލާއަށް އެއްވެސް ހިތާމައެއް ދޭކަށްނޭދެން ކަލާ އަޅުގަނޑަކީ ކަލާގެ ރަޙްމަތްތެރިއެއް ކަމަށް ހެއްދެވީ އެހެންވީމާ އަޅުގަނޑަށް އިތުބާރު ކުރައްވާ!"
"ކަލޭ ކުރަން ބޭނުމީ ކޮންކަމެއްތަ؟"
"ފަނަރަ ދުވަސް ފަހުން ނަންގަންނާނަން. މިހާރު ކަލާއަކަށް އެއްކަމެއް ވިސްނިއެއް ނުލައްވާނެ!"
"އެންމެ ރަނގަޅު. އަހަރެން ހަމަ މިއަދު ބައްޕަގެ ގެއަށް ދާނަން. އަހަރެން ދާނީ އެޑްރެސްދީފައި. ބައްދަލުވާން ބޭނުންވެއްޖެނަމަ އެ ގެއަށް އާދޭ!"
އެތަންވަޅު ބިއްލާ ސައިތަށި ހިފައިގެން އަތުވެއްޖެއެވެ
"މާސްޓަރ މިހާރު ކީއްތަ ކުރަނީ މައިބާޕް އުޅުއްވަނީ ވަރަށް ބޮޑަށް ކަންބޮޑުވެގެން. މިހާރު އޭނާ އިންނެވީ ކަންބޮޑުވެ ލައްވައިގެންނެއް ނޫން. އަހަރެން އޭނާއަށް ހުރިހާކަމެއް ވިސްނައިދީފިން މާސްޓަރ. އަޅުގަނޑުގެ ހިތްއެދުނީ އެ ހުރިހާ އެންމެންގެ ބޯތަށް ކަނދުރާއިން ވަކިކޮށްލަން އެކަމަކު މައިބާޕް އެއްގޮތަކަށްވެސް އަމުރެއް ނުދިން."
ޘަނާ ހީނލިއެވެ.
އަދި ސައިތަށި ނަގާފައި ބޯން ފެއްޓިއެވެ އެތަންވަޅު ބިއްލާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ
ދެން ކުޑައިރުކޮޅަކު އެތާނގައި އިނުމަށްފަހު ޘަނާ އަނާގެ ކިބައިން ހުއްދަލިބިގެން ބޭރަށް ނުކުމެއްޖެއެވެ އޭރު ބިއްލާ ފެންޑާ މަތީގައި ހުއްޓެވެ.
"ކަލޭ ކޮންމެވެސް އެއްޗެއް ބުނަންބޭނުންވެފައިވަނީތަ؟ ބިއްލާ ކޮއްކޯ!' ޘަނާ ހިނިތުންވެލާފައި ބުންޏެވެ
ބިއްލާ ވަރަށް ހިމޭން ނަޒަރަކުން އޭނާއާ ދިމާއަށް ބަލާލިއެވެ އަދި މަޑުމަޑުން ބުންޏެވެ
"ނޫން..... އަހަރެން އެއްވެސް އެއްޗެއް ނުބުނާނަން."
ޘަނާ ދިގުނޭވާއެއްލިއެވެ. ހިނިތުންވެލުމާއެކުގައެވެ. އަދި ބިއްލާގެ ކޮނޑުގައި އަތްބާއްވާލިއެވެ. އަދި ވަރަށް ސީރިއަސް ގޮތެއްގައި
ބުނެލިއެވެ.
"ކަންބޮޑުނުވޭ ރަޙްމަތްތެރިޔާ! ހުރިހާކަމެއް ރަނގަޅު ކުރާނަން ހަމަކުޑަދުވަސްކޮޅެއްގެ ކަމެއް އޭނާ ބިއްލާގެ ކޮނޑަށް ބާރުކޮށްލިއެވެ ބިއްލާ އޭނާގެ ލޮލާދިމާއަށް ބަލާލިއެވެ ދެ މީހުންވެސް ހިނިތުންވެލިއެވެ އަދި ޘަނާ އޭނާގެ ކޮނޑުމަތިން އަތްނަގާފައި ބާރަށް ހިނގައިގެންފިއެވެ. އަދި ގެއިން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ
އޭނާއަކީ ޢަޖައިބުވާފަދަ އިންސާނެކެވެ.
އޭނާ މިހާރުވަނީ ހުރިހާ ފަރާތެއްގައި ހުޅުރޯކޮށްފައެވެ. އަލިފާން ޖަހާފައެވެ.
މި ބިންމަތީގައި އުޅޭ އަންހެނުންނަކީ އެ މީހުންނަށް ކުރެވޭ ތަޢުރީފުތަކުން ހަލާކުވާން އާދަވެފައިވާ ބައެއް ކަންނޭނގެއެވެ. އެ މީހުންނަށް ކުރެވޭ ތަޢުރީފަށް ހެއްލުމަކީ އެ މީހުންނަށް ލިބިފައިވާ ބަލިކަށިކަމެކެވެ. އަދި ފިރިހެނުން އަބަދުވެސް އެ ބަލިކަށިކަމުން ފައިދާ ނަގަމުން ދެއެވެ.
ޘަނާވެސް ޒުމައްރަދުގެ ހަށިގަނޑުގެ ތެރޭގައި އެ ކުލަތައް ޖައްސައިފިއެވެ. މިހާރު އެ ކުލަތަކުގެ ސަބަބުން ޒުމައްރަދަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ދެތިން ހަތަރު ފަހަރު މިހާރު އޭނާ މާޖިދާ އަރާރުން ވެއްޖެއެވެ. މާޖިދު ދުވާލު ހަތަރުދަމު ގެއިން ބޭރުގައި އުޅެނީ ކީއްވެތޯ އަދި ރޭގަނޑު ލަހުން ގެއަށް އަންނަނީ ކީއްވެތޯ ސުވާލުކޮށްކޮށްފައެވެ.
މިގޮތަށް ޒުވާބުކޮށް އަރާރުން ވުމުގެ ހިތްވަރު ޒުމައްރަދުގެ ކިބައިގައި އުފެއްދީ ޘަނާގެ ބަސްތަކެވެ. އަދި އޭގެ ސަބަބުން މިހާރު ޒުމައްރަދުގެ މިޒާޖު އިހަށްވުރެވެސް މާނަ ނުބައިވެއްޖެއެވެ.
އަނެއްކޮޅުން އަންހެނަކު ނުބައި މިޒާޖަކަށް ބަދަލުވެއްޖެނަމަ ފިރިހެނެއްގެ ދުނިޔެއަކީ ބިރުވެރި ތަނަކަށް ހަދާލައެވެ. މިހާރު މާޖިދަށް ދިމާވެގެން އުޅެނީ މިގޮތެވެ.
މާޖިދު...މާޖިދު މިހާރުމިވަނީ އަނާގެ އަތުން ދެރަލިބިފައެވެ. އަނާގެ ޢިއްޒަތް ނަގާލާފައި އޭނާ ގެއިން ނެރެލިއެވެ. ނަމަވެސް އެކަމުގެ ހިތާމަ އުފުލަން ޖެހުނީ މާޖިދަށެވެ. އެ ހަނދާންތައް ނައްތާލަން އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އަނާ އެންމެފަހުން އޭނާއާ ދިމާއަށް ބުނި ބަސްތައް މިހާރުވެސް އޭނާގެ ކަންފަތަށް ހުންނަނީ އިވިއިވިއެވެ.
އެއީ ފަސޭހަނުވި ޒަޚަމެކެވެ. އެކަން އެހެން އޮއްވާ އަނެއްކޮޅުން ޒުމައްރަދު އޭނާގެ ދިރިއުޅުން ދަތިކުރަމުން ދަނީއެވެ.
މިވ ަގުތުވެސް އޭނާ އުޅެނީ އެކަހަލަ އަރާރުމެއްގެ ތެރޭގައެވެ.
"މިހާރު ދެން ކަލޭ ބޭނުންވެގެން ތިޔަ އުޅެނީ ކޮންކަމެއްތަ؟"
"ތިޔަ ބުނީ ކީކޭ؟" މާޖިދު ބުނެލިއެވެ.
"ކަލޭ މިވަގުތު ވިސްނަން ތިޔައިނީ ކޮން އެއްޗެއްހޭ؟"
"ކަލޭއޭ ބުނުމުގެ މާނަޔަކީ........."
"މާނައެއް އެބައޮތް!.....ކީއްވެ ނޯންނަންވީ؟...ކަލޭ އަހަރެން ކައިރިއަށް އަންނަނީ ދާދި ކުޑަ ވަގުތުކޮޅަކަށް އެހެން ކަމާއެކުވެސް އަހަރެން ކައިރީގައި ކަލެއެއް ނޫޅޭ އެއީ ކީއްވެގެންތަ!"
"ކަލޭ ބޭނުންވަނީ ކޮންއެއްޗެއްތަ؟" މާޖިދު އޭނާއާދިމާއަށް ނުރުހިފައި ބަލާލިއެވެ. އޭނާ އަބަދު މިގޮތަށް ޒުވާބު ކުރާވަރުން މިހާރު މާޖިދަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
"ކަލޭ އަހަރެން ކައިރީގައި ހުރެގެންވެސް އަނާގެ ޚިޔާލުގައި ގެއްލިފައި ހުންނަން ބޭނުންވާނަމަ އަހަރެން މިނިވަންކޮށްދީ!"
"ކީކޭ.....!" މާޖިދު ހީވީ ބިޗުލެއް ކަށިޖެހިހެންނެވެ.
"އާނ..އަނބިމީހާ ކައިރީގައި އޮންނަ އިރު ވެސް އެހެން އަންހެނަކާމެދު ވިސްނަން އޮންނަ ފިރިހެނަކާ އެކު އަހަރެން ނޫޅެވޭނެ."
"ޕަސް"
މިއީ މާޖިދުގެ އަތުން ޒުމައްރަދުގެ އަނގަމަތީގައި ޖެހި ފުރަތަމަ އެތިފަހެރެވެ. އެއާއެކު އެ އެތިފަހަރުން އަލިފާން ރޯވެއްޖެއެވެ.
ޒުމައްރަދު ހަމައިން ނައްޓާލައިފިއެވެ. އޭނާ ހަޅޭއްލަވައި ގަތްލެއް ބާރުކަމުން މާޖިދަށް އޭނާ އަމިއްލައަށް ކޮންޓްރޯލް ކުރުންވެސް ދަތިވެއްޖެއެވެ. ދެންވާ ޒުމައްރަދުގެ ދުލުން އައިހާއެއްޗެއް ގޮވަމުން ދިޔައެވެ.
އޭނާގެ ނުބައި މިޒާޖަށް ފިނިކަމެއް ނާދެއެވެ. އެންމެ ފަހުން މާޖިދަށް ޖެހުނީ އަވަސް ގޮތަކުން ކޮޓަރިން ނުކުމެގެންދާށެވެ.
އޭނާ ދިޔައީ ކޮންތާކަށް ކަމެއްނޭނގެއެވެ. ރޭގަނޑު ހަތަރުދަމުވެސް ވީތަނެއް ނޭނގި ދިއުމާއެކު ހެނދުނުވެސް ނައުމުން ޒުމައްރަދު ސައިތަށި ހިފައިގެން ފެންޑާ މައްޗަށް ނުކުމެއްޖެއެވެ.
އޭނާ ވަށްކަޅިން ކަހަލަ ގޮތަކަށް ޘަނާގެ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ.
ކުއްލިއަކަށް ޘަނާވެސް ކޮޓަރިން ނުކުމެއްޖެއެވެ. އަދި ޒުމައްރަދު ފެނުމާއެކު ނިތްކުރިއާ ހަމައަށް އަތް އުފުލާލާފައި ސަލާމްކޮށްލައިފިއެވެ.
ޒުމައްރަދުގެ ހިތް ހަމައެކަނި އުފާވީއެއް ނޫނެވެ. އޭނާ ކައިރިއަށް އައިސްފައިހުރި ރުޅިވެސް ފިލައިގެން ހިނގައްޖެއެވެ.
ގޯސް ވެފައިވާ މިޒާޖުވެސް ނިދައިފިއެވެ.
ޖަވާބުގައި އޭނާ ހިނިތުންވެލިއެވެ.
ޡަނާ ވިނަގަނޑު މައްޗަށް ނުކުމެއްޖެއެވެ. އޭނާ ގަސްތައް ކައިރިއަށް ގުދުވެ އޭގައިހުންނަ މާތައް ބަލަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ އެތަނުން ގަހަކުން ފިނިފެންމަލެއް ބިނދެލައިފިއެވެ.
އަދި ހަތަރު ފަރާތަށް ބަލާލާފައި ޒުމައްރަދާ ދިމާއަށް ހިނގައިގެންފިއެވެ. އެމާ ޒުމައްރަދުގެ އަތަށްދީފައި އަވަސް އަވަހަށް ޡަނާ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ޒުމައްރަދަށް މާ ލިބުމުން އޭނާވެސް ފިނިފެންމަލެހެން ފޮޅުގެން ހިނގައްޖެއެވެ. އޭނާ ވަރަށް ގިނަ އިރުވަންދެން ޘަނާއާ ބެހޭގޮތުން ފިކުރުކުރުމުގައި ފެންޑާމަތީގައި ހުއްޓެވެ. އަދި އެ ފިކުރުތަކުގެ ތެރޭގައި އޭނާގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ގޮސްގޮސް ހުއްޓެވެ.
ދެން އޭގެ އެއްގަޑި އިރުފަހުން ޘަނާ ތައްޔާރުވެގެން ބޭރަށް ނުކުމެއްޖެއެވެ. ޕޯޓިކޯގެ ތެރޭގައި އޮފުއަރައަރާ އޮތެވެ. ޡަނާ ވަރަށް ފިރިހެން ހިނގުމެއްގައި ހިނގާފައި ގޮސް ކާރުގެ ދޮރުހުޅުވާލާފައި ކާރަށް އަރައިފިއެވެ ހަމައެވަގުތު ޢާޝީ އޭނާގެ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ޘަނާ ހީނލާފައި އެއްލޯމަރާލާފައި ކޮށްލި ސިއްރު އިޝާރާތަކުން އޭނާއާ ސަލާންކޮށްލިއެވެ. އަދި ކާރު ދުއްވާލާފައި ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. ނަމަވެސް ޡަނާ ނުކުމެގެން ދިޔައީ ޢާޝީގެ ހަށިގަނޑުގައި އިތުރު ވިންދެއް އުފައްދާފައެވެ. ވަރަށްވެސް ހިނމޭން ބޭޤަރާރުކަމެއް ގެނެސްދީފައެވެ. މިއީ ވޭތުވެދިޔަ ހަތަރު ދުވަހު ވެސް ޘަނާ ކުރަމުން އަންނަ ކަންތައްތަކެކެވެ. ޒުމައްރަދާއި ޢާޝީގެ ހިތުގައި އޭނާ ރޯކުރަމުން އެ ދަނީ ވަރަށް ފިނި އަލިފާނެކެވެ.
މިއަދު މެންދުރު އޭނާ މާއަވަހަށް ގެއަށް އަތުވެއްޖެއެވެ. މިއަދަކީ އޭނާ ޚާންއާޞިފްގެ ގޭގައި ހުންނަ އެންމެ ފަހު ދުވަހެވެ. ގެއަށް ވަދެގެން އައިއިރު ކާރުގެ ފުރޮޅު ވަރަށް ބާރަށް ތަޅުން ގަނޑުގައި ހޭކެމުންދެއެވެ. ހަމަ ޤަސްދުގައި އޭނާ އިނީ ބްރޭކް ޖައްސައިގެންނެވެ. އޭނާގެ ބޭނުމަކީ އޭނާ ގެއަށް އައިކަން ގޭގެ އެންމެންނަށްވެސް އެންގުމެވެ. ކާރު ހުއްޓާލުމާއެކު އޭނާ ކާރުން ފައިބައިފިއެވެ. އަދި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
ކޮޓަރިއަށް ވަދެ އޭނާގެ ހެނދުންތައް ސޫޓްކޭސްއަށް ލާންފަށައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެ ފޮށި ބަންދުކޮށްފައި ގޮނޑުމަތީގައި ބަހައްޓައިފިއެވެ. ކުއްލިއަކަށް އިންޓަރކަމްގެ ރަނގަބީލުވެއްޖެއެވެ. އެ ގޭގެ ހުރިހާ ކޮޓަރިއެއް ހުންނަނީ އިންޓަރކަމުން ގުޅާފައެވެ. ޡަނާ އަވަސް އަވަހަށް ގޮސް އިންޓަރކަމްގެ ރިސީވަރ ނަގައިފިއެވެ.
"މިއަދު ތިޔަހާ އަވަހަށް ތިޔަދުރުވީ ކީއްވެތޯ؟" އަނެއްކޮޅުން ވާހަކަ ދައްކަނީ ޒުމައްރަދެވެ.
"އަޅުގަނޑު މިއުޅެނީ އަބަދަށްޓަކައި މިގެއިން ދާންވެގެން."
އަނެއްކޮޅުން ކުއްލިއަކަށް ހިނމޭންވެއްޖެއެވެ.
ހެލޯ....ހެލޯ..... ޘަނާ ބުނެލިއެވެ.
"ދުރުވަނީ ކީއްވެގެންތޯ؟"
މި ގޭގައި ހުރުމުގެ އެއްވެސް ފައިދާއެއް ނެތީމާ އަޅުގަނޑުގެ ހިތުގެ ތެޅުން ކަމަށްވެފައިވާ ކަލާގެ ލޯތްބާއި ބެހޭގޮތުން މި ގޭގެ އެއްވެސް މީހަކަށް އެނގޭކަށް އަޅުގަނޑު ބޭނުމެއްނުވޭ. އަދި ކަލާ ބަދުނާމުވާ ގޮތެއްވާކަށް ވެސް އަޅުގަނޑެއް ނޭދެން...ކަލާގެ ޢިއްޒަތަކީ އަޅުގަނޑަށް ނުހަނު ލޯބިވާ އެއްޗެއް ...ޤަދަރު ކުރާ އެއްޗެއް.... އެހެން މީހެއްގެ ދިރިއުޅުން ހަލާކުވުމަކީ ލޯބީގެ މަޠްލަބެއްނޫން... އަޅުގަނޑަށް އަޅުގަނޑުގެ ހިތްދެވިގެން މިއުޅެނީ ރަނގަޅު ފަރާތަކަށް ނޫންކަން އަޅުގަނޑަށް އެނގޭ ނަމަވެސް ކުރާނީ ކީއްތޯ؟ އަޅުގަނޑަށް މަޖްބޫރުވެފައި އެހެންވީމާ މިހާރު...މިހާރު އަޅުގަނޑު މި ނިންމީ ވީހާ އަވަހަށް މި ގެ ދޫކޮށްލާފައި ދާން.... އެއީ ފަހަރެއްގައިވެސް އަޅުގަނޑުގެ ލޮލުން ކަލޭގެ ލޯބީގެ ވާހަކަ އެހެންމީހަކަށް ކިޔޭގޮތް ވެދާނެތީ... އަދި ކަލާ ބަރުބާދުވާން ޖެހިދާނެތީ. އަޅުގަނޑަކީ އަޅުގަނޑުގެ އަމިއްލަ އުފަލަށް ޓަކައި ކަލާ ބަރުބާދު ކޮށްލާހާ އަމިއްލަ އެދުން ބޮޑު މީހެއްނޫން.... އަޅުގަނޑު މި ގެއިން މިދަނީ މިހެންވެގެން."
"ދުރުވަނީ ކޮންތާކަށްތޯ؟" އަނެއްކޮޅުން ވަރަށް ބޮޑަށް ދެރަވެފައި ހުރިއަޑަކުން އަހާލިއެވެ.
"އަޅުގަނޑުގެ ގެއެއްގަތީ. ވަރަށް ރީތި ކުޑަކުޑަ ގެއެއް..." ޘަނާ ބުންޏެވެ.
"އެ ގެ ހުންނަނީ ކޮންތަނެއްގައިތޯ؟"
ޘަނާ އުފަލުން ގޭގެ އެޑްރެސް ކިޔައިދީފިއެވެ. އަދި ރިސީވަރު ބާއްވައިފިއެވެ. އެއަށްފަހު ކަރުދާހާއި ޤަލަން ހިފައިގެން އޭނާ އިށީނީ ޢާޝީއަށް ސިޓީއެއް ލިޔާށެވެ. އެ ސިޓީގައިވަނީ ތިރީގައި މިވާކަހަލަ ވާހަކަތަކެކެވެ.
މައިޑިއަރ ޢާޝީ
އަބަދުވެސް ކަލާގެ ސަލާމަތަށް އެދެން އަދި ކަލާ އާބާދުވެ ހުންނެވުން އެދެން. އަޅުގަނޑު މިއަދު މިގެއިން މިދަނީއެވެ. އެއީ އަޅުގަނޑަށް ދެން މިގޭގައި ގިނަދުވަހު ހުރެވެން ނެތީމައެވެ. އަޅުގަނޑުގެ ލޯބި މިހާރު މޮޔަވާ ހިސާބަށް ހިނގައްޖެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް އެހެން މީހުންނަށް އެނގޭގޮތް ވެދާނެއެވެ. ކަލާ ބަދުނާމުވެދާނެ ގޮތެއްވުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ. އަޅުގަނޑު މި ގެއިން މިދަނީ އަޅުގަނޑުގެ ލޯބި އަޅުގަނޑުގެ މޭގައި ފޮރުވައިގެންނެވެ. ބައެއް ލޯތްބަކީ މޭގެ ތެރެއިން އުފެދިގެން ހަމަ އެމޭގެ ތެރޭގައި އަނދާ އަޅިއަށްވެގެންދާ ލޯބި ކަމަށްވެސްވެއެވެ. ފަހަރެއްގައި އަޅުގަނޑުގެ ނަން ވެސް ލިޔެވޭނީ އެ ކަހަލަ ލޯބިކުރާ މީހުންގެ ލިސްޓްގައިކަން ނޭނގެއެވެ.
ޚުދާޙާފިޒް! އަޅުގަނޑުގެ ފުރާނައިގެ އުއްމީދު އަޅުގަނޑު ދިރިހުރުމުގެ އެދުން ފަހަރެއްގައި މި ދީވާނާގެ މަތިން ހަނދާންވެއްޖެނަމަ މި ނަންބަރާ ގުޅާލައްވާފައި ކަލޭގެ ރީތި ލޯބިލޯބި އަޑު އިއްވަވާލަ ދެއްވުން އެދެން.....
ދެން ފޯނު ނަންބަރު ލިޔެލާފައި އޭނާ ސިޓީ ބަންދުކޮށްލިއެވެ.
މިހާރުދެން އޮތީ ޢާޝީއަތށް ސިޓީ ފޮނުވުމުގެ މައްސަލައެވެ. އެކަމަށް ޓަކައި އޭނާ އިންޓަރކަމްގެ ޛަރީޢާއިން ޢާޝީއާ ގުޅާލިއެވެ.
"މީ އަޅުގަނޑު! އުއްމީދުތަކުގެ ފުރާނަޔާ! އަޅުގަނޑު މިހާރު މި ގެއިން މިދަނީ އަދި ކަލާއަށް ޓަކައި އޮތް ކުޑަކުޑަ މެސެޖެއް މި ކޮޓަރީގެ މޭޒުމަތީގައި ބާއްވައިފިން އެހެން މީހެއްގެ އަތަށް އެމެސެޖް ނާރަނީސް އެ މެސެޖް ނެންގެވުން އެދެން. ޚުދާޙާފިޒް"!
ޘަނާ ރިސީވަރ ބާއްވައިފިއެވެ.
އަދި ސޫޓްކޭސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ. ކާރު ކައިރިއަށް ގޮސްފައި ސޫޓްކޭސް ޑިކީއަށް ލުމުގެ ބަދަލުގައި އޭނާ އެ ފޮށި ބެހެއްޓީ ކާރުގެ ފަހަތު ސީޓުގައެވެ. ދެން އޭނާ ހުންގާނު ސީޓުގައި އިށީނދެފައި ކާރު ދުއްވާލައިފިއެވެ. ކާރުގައި ބޭރަށް ނިކުންނަމުން އޭނާ ފެންޑާ މައްޗަށް ބަލާލިއެވެ. ނަމަވެސް އޭނާ ދެކޭހިތުން ބަލާލި އެއްވެސް މީހެއް އޭނާއަކަށް ނުފެނުނެވެ. ޒުމައްރަދެއްވ ެސް އަދި ޢާޝީއެއްވެސް ނުފެނުނެވެ.
ކާރުގައި އޭނާ ސީދާދިޔައީ އަނާގެ ގެއަށެވެ. ނަމަވެސް މިހާރު އަނާ އެގެއަކު ނޫޅެއެވެ. މިހާރު އެ ގެއަކީ ޘަނާގެ ގެއެވެ.
ގެއަށް ގޮސްފައި އޭނާ ކޮޓަރިއަށްގޮސް އެނދުގައި އޮށޯތެވެ. އޭރު އޭނާ ވިސްނަމުން ގެންދަނީ އޭނާ ކުޅެމުންދާކުޅިގަނޑުގައި އޭނާއަށް ކާމިޔާބު ވާނޭކަމަށެވެ. ސަބަބަކީ އޭނާގެ ހަރަކާތްތަކާމެދު ޒުމައްރަދުވެސް އަދި ޢާޝީވެސް މިހާތަނަށް އެއްވެސް ޖަވާބެއް ނުދިން ކަމުގައިވިޔަސް އެކަމާމެދު އެއްވެސް ނުރުހުމެއް ފާޅުކޮށްފައި ނުވާކަމެވެ. ކޮންމެއަކަށް އެ ދެ މީހުންގެ ހިތުގައިވެސް ކޮންމެވެސް ވަރެއްގެ ތެޅުމެއް އުފެދިއްޖެކަން އޭނާއަށް އެނގެއެވެ. އަދި އެ ތެޅުމަކީ އޭނާއެގެއަށް ދިއުމަކުން ހުއްޓޭނެ ނުވަތަ ނިމޭނެ ތެޅުމެއް
ނޫނެވެ. ކޮންމެއަކަސް މިހާރު އޭނާއަށް އޮތީ އިންތިޒާރުކުރުމެވެ، އޭނާ އެދެމުންދަނީ އެ އިންތިޒާރު ގިނަދުވަސް ވަންދެން ކުރަން ނުޖެހުމެވެ. އެކަންވީވެސް އެހެންނެވެ. ވިދިގެން އައި ދުވަހު ހަވީރު 4 ޖެހިއިރު ޒުމައްރަދު އެ ގެއަށް އަތުވެއްޖެއެވެ. އޭނާ ޒުމައްރަދު ދެކެފައި ފޮޅިގެން ދިޔައެވެ. އަދި ނުހަނު ލޯތްބާއެކު ކައިރިއަށްގޮސް ޒުމައްރަދުގެ އަތުގައި ހިފާލިއެވެ.
"ފުރާނަޔާ! އަޅުގަނޑަށް އިޙްސާސްވަނީ ހުވަފެނެއް ފެންނަހެން މީހަމަ އަޞްލުގައިވެސް ކަލާތޯ؟ ކަލާ އެ ގެ ދޫކޮށްލެއްވީ ކީއްވެގެންތޯ؟"
"އަޅުގަނޑު އެ ގޭގައި ހުރުން ރަނގަޅު ނޫނީ އޭގެ ސަބަބު އޮންނާނީ ކުރިން ނަންގަނެފައި."
"އަނާ ކޮބާ؟"
"އޭނާގެ ބައްޕަގެ ގޭގައި...ކީއްވީތަ؟"
"އަޅުގަނޑު ހީކުރީ އަނާ އިންނަނީ މި ގޭގައިކަމަށް!"
"މިއީ އަޅުގަނޑުގެ އަމިއްލަ ގެއެއް މައިޑިއަރ!"
"ވަރަށް ރީތި ގެއެއް...."
ޘަނާ އޭނާގެ އުނަގަނޑުގައި އަތްޖައްސާލިއެވެ. އަދި ވަރަށް ލޯބިން އޭނާ ގޮނޑީގައި ބޭންދިއެވެ. ޒުމައްރަދު ލަދު ގަންނަގޮތެއް ޘަނާ ވިސްނަމުން ދިޔައެވެ. އޭނާ ވަރަށް އަވަހަށް މާޖިދު ކައިރިން ވަރިވެދާނެކަން މިހާރު ޘަނާއަށް އެނގެއެވެ.
"ވަރިވުމޭތޯ؟"
އަންހެނަކު ވަރިވާން ބޭނުންވެއްޖެނަމަ ދެން އެކަކަށްވެސް އެކަމެއް ނުހުއްޓުވޭނެއެވެ. އަނެއްކާ ޒުމައްރަދަކީ ވަރަށް އަވަހަށް ކަންތައްކުރަން ބޭނުންވާ ވަރަށް ތޫނު އަންހެނެއް މެއެވެ. މިހާރު ޘަނާއަށް އޮތް ހަމައެކަނި ފިކުރަކީ ޢާޝީއެވެ.
ނަމަވެސް އެ ފިކުރުގައި ވެސް އޭނާ ގިނަ ދުވަހު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.
ކުންފުނީގައި ހުންނަ އޭނާގެ ކޮޓަރީގައި ޘަނާ އިންދާ ފޯނު ރަނގަބީލުވެއްޖެއެވެ.
އަނެއްކޮޅުން ޢާޝީގެ ތެޅިތެޅިއޮތް އަޑުއިވުމުން، ޘަނާ އުފަލުން ފޮޅޭގޮތްވިއެވެ.
"ލައްބަ އަޅުގަނޑު ކަލާގެ ދީވާނާ... ކަލާވަރަށް ލަސްކުރައްވައިފީމު ފުރާނަޔާ!"
"އަޅުގަނޑަށް ކަލާގެ މެސެޖް ލިބުނު."
ދެން....
"އެ ސިޓީ ގޭގެ ކޮންމެވެސް އެހެންމީހެއްގެ އަތަށް އެރިނަމަ....."
"އެހެންމީހެއްގެ އަތަށް އަރަންވީ ކީއްވެގެންތޯ؟ ކަލާއާ އިންޓަރކަމުން ގުޅީ އެހެންވެގެން."
ޢާޝީ އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމައެކަނި އިވެމުންދަނީ އޭނާ ލަމުންދާ ފުންނޭވާތަކުގެ އަޑެވެ.
"ހެލޯ.... ކޮންމެވެސް އެއްޗެކޭ ބުނުއްވާ އުއްމީދުތަކުގެ ފުރާނަޔާ! ކަ...ކަލާ އަޅުގަނޑުގެ ފުށުން އެދިލައްވަނީ ކޮންކަމަކަށްތޯ؟" ޢާޝީގެ އަޑުގައިވަނީ ބިރުގެންފައިވާ ހުރިކަމުގެ އަސަރެވެ.
"އަޅުގަނޑު ކަލާގެ ފަރާތުން އެއްވެސް އެއްޗަކަށް ނޭދެން..... އަޅުގަނޑު ހަމައެކަނި އެދެނީ ކަލާއަށް ކަލާގެ ސޫރަ އަޅުގަނޑަށް ދައްކަވާ."
(ނުނިމޭ)
Vvv.reethi shukuran