އަނާ - 69

(16 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބިއްލާ ގޭގެ ތަންކޮޅެއް ދުރަށް ފައިބައިފިއެވެ. އަދި އަނާގެ ގޭގެދޮރުމައްޗަށް ކާރު އައިއިރު އޭގައި އިނީ ޘަނާ އެކަންޏެވެ. އޭނާގޭގެ ދޮރުގައި ޓަކި ދިނެވެ. ޙަޤީޤަތުގައި އެވަގުތު އޭނާ ބޭނުންވަނީ ޓަކިވެސް ޖެހުމަކާ ނުލާ އަވަސް އަވަހަށް އެތެރެއަށް ވަންނާށެވެ. އެވަގުތު އޭނާގެ ކެތްތެރިކަން ކުޑަވެފައިވާތީއެވެ.

ދޮރުމައްޗަށް ނުކުތީ އަމީރުއްދީނެވެ.

"އަޅުގަނޑުގެ ނަމަކީ ޘަނާޢުﷲ އަނާޖީގެ ޙާލު ބަލާލަން ވެގެން އަޅުގަނޑު އައިސް ހުރި ވާހަކަ އޭނާއަށް އަންގަވާލަ ދެއްވާ!"

"އެތެރެއަށް ވަދޭ ދަރިފުޅާ! މިއަދުމީ އަހަރެންނަށް ކަލޭ ފެނުނު ފުރަތަމަ ދުވަސް. އެކަމަކު ކަލޭގެ ނަން އަހަރެން ދަންނަތާ އެތައް އަހަރެއްވެއްޖެ." ޘަނާ އޭނާއަށް ޝުކުރު އަދާކުރަމުން ގޭތެރޭއަށް ވަދެއްޖެއެވެ.

“ކުރިމަތީގައި އެހެރަ ކޮޓަރިއަށްދޭ ދަރިފުޅާ....." އަމީރުއްދީން ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

ޘަނާ ކުއްލިއަކަށް އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި އޭނާގެ ކޮނޑުގައި އަތް ޖައްސާލާފައި ބުންޏެވެ.

"ހުރިހާ ކަމެއް ރަނގަޅުވެދާނެ......... ކަންބޮޑުވެ ނުލައްވާ! މާތް ﷲއަށް ވަކީލު ކުރެއްވުމާއެކު އެކަލާނގެ ރަސްކަންފުޅަށް ފުރިހަމައަށް އިތުބާރު ކުރައްވާ."

އެހެން ބުނެފައި ޘަނާ ކޮޓަރި ތެރެއަށް ވަންއިރު ހީވީ ވީނަސްގެ ސްޓެޗޫ އެނދުމަތީގައި ބާއްވާފައި އޮތްހެންނެވެ. އަނާ އޮށޯވެލައިގެން އޮތީއެވެ. ޘަނާ ފެނިފައި އޭނާ ސިއްސައިގެންދާ ގޮތްވިއެވެ.

އަދި ކުއްލިއަކަށް ތެދުވެވޭތޯ އުޅުނެވެ.

"އޮންނަވާ....އޮންނަވާ....އަނާޖީ!" ޘަނާ ކައިރިއަށް އަންނަމުން ބުންޏެވެ.

"ކައިވެނީގެ ތަހްނިޔާއާއި މުބާރިކްބާދު ރައްދުކުރަން. ޘަނާ! މާތްކަލާނގެ ބަރަކާތް ލައްވާނެ..."އަނާ ހިނިތުންވެލިއެވެ.

"ކަލާ އެނދާއި ރަޙްމަތެރިވެލެއްވީ ކީއްވެގެންތޯ؟ އަޅުގަނޑާމެދު އޮތް ރަޙްމަތްތެރި ކަމުން ހިތްފުރިލެއްވީތޯ؟" "އިށީނދޭ...ކޮޅަށް ތިޔަ ހުންނަނީ ކީއްވެ؟" އަނާ ވާހަކަ އެހެން ރޮނގަކަށް ބަދަލުކޮށްލިއެވެ. ޘަނާ އިށީނދެއްޖެއެވެ. އެވަގުތު އޭނާގެ ހިތް އެދެމުން ދަނީ އަނާގެ އަތުގައި ހިފުމަށެވެ. އަދި އެ އަތްނަގާ އޭނާގެ މޭގައި ޖައްސާލާފައި އަޅުގަނޑަށް ކުރެވުނީ ކޮންކުށެއްތޯ އޭނާ އާ ސުވާލުކޮށްލުމަށެވެ. އަދި އަޅުގަނޑުގެ ވަފާތެރިކަމާއި އަޅުގަނޑުގެ ލޯބި ކަލާ އަމިއްލައަށް ހަލާކުވެ ލައްވަން އެކަށީގެންވާ ދަރަޖައަކަށް ދަށްވެގެން ދިޔައީތޯ އަހާލާހިތެވެ. ނަމަވެސް އޭނާއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.

"މާޖިދު ޒުމައްރަދު ވަރިކޮށްފި."

ބާ ޚަބަރެއް ވަރުދެރަވެފައިވާ ގޮތެއްގައި އަނާ ހީނލިއެވެ.

"ކަލާއަށް އެނގިލެއްވީ ކިހިނެއްތޯ؟ މި ބިއްލާ ކޮއްކޮ ފާޑުފާޑުގެ ޚަބަރުތައް ގެނެސްދޭނެ. ކަލާގެ ކައިވެނީގެ ވާހަކަވެސް ގެނެސްދިނީ އޭނާ."

"ކަލާ ތިޔަހާ ބޮޑަށް ބަލިވީ ކިހިނެއްވެގެންތޯ؟ ވަރުބަލިވީ..ވަރުބަލިވުން އެންމެފަހުން ބައްޔަކަށްވެގެން ދިޔައީ

"ވާހަކައެއް ނަންގަންނަންތޯ؟ ބުނޭ..... އެކަމަކު ރަނގަޅު ވާހަކައެއް އިނގޭ!"

"ކަލާ އަޅުގަނޑާމެދު ދެކިލައްވަނީ ކިހިނެއްތޯ؟ އަހަރެންގެ ރަޙްމަތްތެރިޔާކަމުގައި އެންމެ އަގުހުރި ރަޙްމަތްތެރިޔާކަމުގައި އަދި ފުރާނައިން ހޭދަކޮށްދޭ އެކުވެރިޔާ. ޝުކުރިއްޔާ އެކަމަކު އެހެން އެކަން ހުރުމާ އެކުގައިވެސް ކަލާ ފަހަރެއްގައި ވެސް އަޅުގަނޑަށް އެއްވެސް އެއްޗެއް ނުދެއްވާ!"

އަނާ ވިސްނުންތެރިކަމާއެކު ޘަނާއާ ދިމާއަށް ބަލަން އޮތެވެ. ހީވަނީ އޭނާ އެބުނި އެއްޗެއްގެ މާނަ އޮޅުންފިލުވަން ބޭނުންވަނީހެންނެވެ.

"މިއަދު އަޅުގަނޑު ފުރަތަމަ ކަލާގެ ކިބައިން އެއްޗަކަށް މިއެދެނީ.

"ބުނުއްވާ."

"އިންކާރެއް ނުކުރައްވާނަން ދޮގެއްތޯ؟"

"އަޅުގަނޑަށް ވޭވޭވަރުގެ ކަމެއްނަމަ އިންކާރެއް ނުކުރާނަން!"

"އެހެންވިއްޔާ ތެދުވަންނަވާ! ހޮސްޕިޓަލަށް ހިންގަވާ!"

"އޭގެ މާނަޔަކީ!"

"ދިރިއުޅުމަކީ ތިޔަގޮތަށް މޮޔަކަމެއްގެ މައްޗަށް ނަޛުރުކޮށްލާހާ އަގުހުރި އެއްޗަކަށް ކިޔާނަމެއްނޫން."

"ބިއްލާ ކޮއްކޮ ކަލޭ މިތަނަށް ގެނައީދޯ!"

"ލައްބަ އޭނާއަކީ އަޅުގަނޑަށް ވަރަށް ބޮޑު އިޙްސާންތެރިއެއް... އޭނާ ރޮނީ އޭނާ ކަލާދެކެ ލޯބިވޭ ނަމަވެސް ކަލާ ހުރިހާ އެންމެންގެ ހިތްތައް ހަލާކު ކުރައްވަމުން ތިޔަގެންދަވަނީ ހިންގަވާ އަވަހަށް ތެދުވަންނަވާ ލަސްނުކުރައްވާ!"

"އަޅުގަނޑަށް ވަނީ ކީއްތޯ!"

"ކަލާ އަނގައިން ލޭ އަންނަނީ. އެހާގިނައިން ލޭއަންނައިރުވެސް ކަލާއަށް ކަމެއް ނުވެއޭތޯ.... ހިންގަވާ އަވަސް ކުރައްވާ ތިޔަހާ ބޮޑަށް ގޮތްދޫ ނުކުރައްވާ މީހަކަށް ވެލައްވާކަށް ނުވާނެ ކަލާއަށްޓަކައިއެއްނޫން އެހެން މީހުންނަށް ޓަކައި ދިރިއުޅުއްވާ. ބައްލަވާ. މި ނަންގަތް އެހެން މީހުންނަކީ ކަލާއާ ނުލާ އެމީހުންނަށް ދިރިއުޅުން ފުރިހަމަ ނުވާނެ މީހުން. "އަނާ ހީނލިއެވެ އަދި މަޑުމަޑުން ބުންޏެވެ.

"އެންމެ ރަނގަޅު...... އަހަރެން މިދަނީ..... ކަލޭ ނުރުހޭގޮތެއް ހަދާކަށް އަހަރެން ބޭނުމެއްނޫން އެކަމަކު ޘަނާ އަހަރެން އެއްވެސް ހޮސްޕިޓަލެއްގައި އޮވެ މަރުވާކަށް ބޭނުމެއްނުވޭ...."

"ޕްލީޒް އަނާޖީ!" ޘަނާ ހިތްތެޅިގަތެވެ. އަދި ބޭއިކްތިޔާރުގައި އަނާގެ އަތުގައި ހިފަހައްޓައިގެން އެނދުގައި އިށީނދެއްޖެއެވެ. އަނާ މަޑުމަޑުން އޭނާގެ އަތުގައި ހިފައިގެން ވަރަށް ލަސްލަހުން އެނދުން ތެދުވެއްޖެއެވެ. ޘަނާއަށް އިޙްސާސްކުރެވެމުންދިޔައީ އަނާގެ ވަރެއް ނެތްކަމެވެ.

އޭނާ ވަރަށް ބޮޑަށް ބަލިވެފައިކަމެވެ.

"އަޅުގަނޑަށް އެހީވެދެންތޯ!"

"އަދި މިހާރަކުނޫން..... ދިރިއުޅުމުގެ އެންމެ ފަހު ހިނދުކޮޅުތަކުގައި ފަހަރެއްގައި ބޭނުންވެދާނެ ކަންނޭނގެ."

ޘަނާ މުޅީން ހިމޭންވެގެން ދިޔައެވެ.

އަނާ މިބުނި އެއްޗެއް އިޝާރާތް ކުރަނީ ކޮންދިމާއަކަށްބާވައެވެ. ފަހެ އިތުރު ނޭވާތަކެއްގެ އުއްމީދުވެސް ނުކުރެވޭ ހިސާބަށް އޭނާގެ ބަލީގެ ޙާލަތު މިހާރު ދިޔައީބާވައެވެ. އަނާ އާއި ޘަނާ ކޮޓަރިން ނުކުމެއްޖެއެވެ.

ބޭރުގައި އަމީރުއްދީނާއި ބިއްލާ ތިއްބެވެ. އެ ދެ މީހުން އަނާމެން ދެކެފައި ފުންމައިގެން ތެދުވެއްޖެއެވެ.

"އަންކަލް.... އަޅުގަނޑު މިދަނީ އަނާ ގޮވައިގެން ހޮސްޕިޓަކަށް އޭނާއަށް ޓަކައި ދުޢާ ކުރައްވާ!"

"އަހަރެން ވެސް ދާނަން...ދަރިފުޅާ!"

"މިހާރަކު ނޫން. މާދަން ދުރުވާނީ އާނ..ބިއްލާ ކޮއްކޯ! އަހަރެންނާއެކު ކަލޭ އާދޭ!"

އެހެން ބުނުމުން ރޮބެޓެއްހެން ބިއްލާ އެ މީހުންނާ އެކުގައި ހިނގައިގަތެވެ. އަމީރުއްދީން އަނާ އޭނާގެ މޭގައިޖައްސާލިއެވެ. އަދި ބުނެލިއެވެ.

"މާތްﷲ ދަރިފުޅަށް ފުރިހަމަ ޞިއްޙަތު ދެއްވާށި! އަމިއްލަ ޙާލާމެދު ޚިޔާލު ބަހައްޓާތި!"

އަނާ ހިނިތުންވެލިއެވެ. އަދި ހިމޭންކަމާއެކު ގެއިން ބޭރަށް ނުކުންނަން  ހިނގައިގަތެވެ.

ކުޑައިރުކޮޅެއްފަހުން އަނާއާއި ޘަނާއާއި ބިއްލާ ކާރުގައި ސެވެންޑޭ ހޮސްޕިޓަލާ ދިމާއަށް ދުއްވަމުން ދިޔައެވެ. އެ ހޮސްޕިޓަލްގައި އުޅޭ ޑޮކްޓަރ ޙާމިދު މަލިކަކީ ޡަނާގެ ރަޙްމަތްތެރިއެކެވެ. އޭނާއަކީ އެކްސްޕާރޓް ސާރޖަނެކެވެ. އަދި މެޑިކަލް ޕްރޮފެސަރެއްވެސްމެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.