އަނާ - 59

(21 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކައިނިމުނުއިރު ގަޑިން ހަތެއްޖަހާ ފަނަރަވަރަށްކަށް މިނެޓްހިނގައިފިއެވެ. އޭނާ އަނާގެ އަތުކުރީގައި އޮތް  ރަންކުލައިގެ ގަޑިއަށް ބަލާލާފައި އެވަގުތު ބުންޏެވެ.

"ސައިތައްޓެއް ގެނުވައިދީ...."

"ސައިބޯނީ ގެއަށްގޮސްފަ އެއްނޫންތަ؟ މިތާނގައި ކީއްތަވީ!" އަނާގެ ރާގުވަނީ ތަފާތުވެފައެވެ. މާޖިދު ޢަޖައިބުވެފައި އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި ވެއިޓަރަށް ގޮވާލާފައި ސައިގެންނަން އޯޑަރުކޮށްފިއެވެ.

އެއާއެކު  މާޖިދު ހާސްވާގޮތްވެއްޖެއެވެ. އަނާ މިހަދާގޮތަކާމެދު ވިސްނަމަށް އޭނާގެ ސިކުނޑިން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިއްޖެއެވެ.

"މިހާރު ދެން ދަމާހިނގާ"

ސައިތަށީ ބޯލުމަށްފަހު މާޖިދު ބުންޏެވެ.

"ހޫން..ހިނގާ."

އަނާ ތެދުވެއްޖެއެވެ. ކީއްވެގެންތޯއެވެ. އޭރު ގަޑީން އަށެއްޖަހައިފިއެވެ.

އަނާ ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ.

ލަމްޙާ އަންނަންގޮތް ލަމްޙާތަކުގެ އުފާވެރި އިޙްސާސާތު މާޖިދުގެ ހިތުގައި ހިނގަމުންދެއެވެ. އެތަށްދުވަހަކަށްފަހު އަނާގެ ހަށިގަނޑުގެ މީރުވަސް މިރޭ އޭނާއަށް ލިބެނީއެވެ. މިއީ އޭނާއަށް ވަރަށް އުނދަގުލުން ނޫނީ  އެއިން ސަލާމަތް ނުވެވޭވަރުގެ މަސްތުވުމެކެވެ. އެމީހުންނަށް ގެއަށް އާދެވުނުއިރު އަށެއްޖަހާ ވިހިމިނެޓް ހިނގައިފިއެވެ. އޭރު ގޭތެރެވަނީ ޙަރަކާތްތެރިވެފައެވެ. އިމްތިޔާޒާއި ނިސްރީންވެސް ހޭލައިގެން ކޮޓަރިން ނުކުމެއުޅެއެވެ. މުޅިގެވަނީ ބައްތިތައް ދިއްލާ އަލިކޮށްފައެވެ. ނިސްރީން އުޅެނީ ބަދިގޭގައެވެ. އިމްތިޔާޒު ފެންޑާމަތީގައި ހުއްޓެވެ.

އަދި އެންމެ މުހިއްމު ކަމަކީ ބިއްލާވެސް އައިސްހުރިކަމެވެ. އޭނާ ހުރީ އޭނާގެ ކޮޓަރީގެ ދޮރުމަތީގައެވެ. މާޖިދާއި އަނާއެކުގައި އަންނަތަން ބަލަންހުރެފައި އޭނާ ވަރަށް އަވަސް އަވަހަށް ލޮލުގެ އެސްފިޔަ ޖަހާލިއެވެ. އެތަން ފެނިފައި މާޖިދު އަނާއާދިމާއަށް ބަލާލިއެވެ. އަނާވެސް ހިނިތުންވެލިއެވެ. އަދި އިމްތިޔާޒާ ދިމާއަށް ބުންޏެވެ. 

"ކަލޭމެން ދެ މީހުން އަނެއްކާ ގަދަވެއުޅެމުތަ!"

"ބޭބެ ކޮންޙާލެއްތަ! ތިޔައައީ ތިމާގެ މީހުންނާ ބައްދަލުވެފައިތަ!" އަނާ ބިއްލާއާ ދިމާއަށް ބުންޏެވެ.

"ލައްބަ މައިބާޕް! މިއައީ އެމީހުންނާ ބައްދަލުކޮށްފައި އެކަމަކު މީގެފަހުން ދެން މިކަހަލަ މޮޔަކަމެއް ނުކުރުމަށް އަޅުގަނޑު ނިންމައިފިން..." ބިއްލާ މިހެންބުނީ މާނައެއްލާފައިކަން އެނގުނެވެ.

"ކީއްވީ...އަނެއްކާ ކޮންކަމެއްވީތަ!" އަނާ ހީލިއެވެ.

ބިއްލާ އެއްވެސް އެއްޗެއް ނުބުނެއެވެ.  އަނާ މަޑުމަޑުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

"އާނ..މިސްޓަރ މާޖިދު އެއްޗެކޭ ހީނުކުރާނަމަ ދެން އަނެއްކޮޓަރިއަށްދޭ އަހަރެން މިއުޅެނީ ހެދުން ބަދަލުކުރަންވެގެން." އަނާ މިހެންބުނީ ވަރަށް ފިނި އަދި ސާދާ ގޮތަކަށެވެ.

"އަނާ!" މާޖިދި އޭނާއާ ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ.

"ޕްލީޒް! އައުޓް!" އަނާ އަތްއުފުލާލާފައި ބުންޏެވެ.

"އަނާ!" އަނެއްކާވެސް މާޖިދު ބުންޏެވެ. އޭނާގެ އަޑުގައިވަނީ ކުރާނެކަމެއްނެތް ކަމުގެ އަސަރެވެ. އާދޭސްކުރުމުގެ ރާގެވެ.

"ކަލޭގެ ގޭގައި އަނބިމީހާ އެބައިނެއްނު! އެހެންވީމާ މިތާނގައި ދެން ކޮންލޯތްބެއް އަހަރެން މިހުރިހާއިރު ހީކޮށްގެން މިހިރީ ކަލޭ އޭނާ ވަރިކޮށްފައި އައިސްހުރީކަމަށް ކަލޭ އަހަރެން ދެކެ ލޯބިވާތީ އަހަރެންނާ ލޯބިކުރަންބޭނުންވާތީ ކަލޭ އޭނާ ވަރިކުރީކަމަށް. އެކަމަކު ކަންތައްވީ އެހެނެއްނޫން... ނޫން..މިސްޓަރ މާޖިދު! އެގޮތެއް ކަމަކުނުދާނެ އެންމެ ފުރަތަމަ ކަލޭ އޭނާ ވަރިކުރޭ އަދި އޭނާ ކަލޭގެ ގެއިން ނެރޭ އެއީ ކީއްވެގެން އެއްއުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެ. މިސްޓަރ މާޖދު.. އަހަރެން ކަލޭގެ މީހަކަށް ހަދާނީ އަހަރެންނާއެކު ޙިއްސާކުރާނެ އެހެން އަންހެނަކު ނެތްވަގުތަކުން... މިހުން ލާ ބާކޮށްފައި ހުންނަ ބާ ހެނދުން ބޭނުންކުރުމަކީ އަދި އަހަރެންގެ އާދައެއްނޫން..."

"އަނާ!" މާޖިދު ތުންފަތުގައި ދަތްއަޅާލިއެވެ.

"ޕްލީޒް... މާޖިދު ބޭރަށް ދޭ އަހަރެން މިހާރު ހެދުން ބަދަލުކުރަން ބޭނުންވެއްޖެ. އެހެންވީއިރު ކަލޭ އަހަރެންނަށް ކެއްސެއްދިނީދޯ ކަލޭ ބޭނުންވީ ހަމައެކަނި ވަގުތު ހޭދަކޮށްލުންދޯ؟ ކަލޭވެސް ވަގުތުގެ ބޭނުންކުރި މިސްޓަރ މާޖިދު! އަހަރެންވެސް ބޭނުންކުރީ ހަމަ އެ އުކުޅު... ކަލޭ ތިޔައީ އަހަރެންގެ އަންހެނުން އަނާ! އަދި އެކަމަކު ފެންކައްކާ ބޮއްޔަކަސް ނުވެވޭނެ އަހަރެން ހޯދަން ބޭނުމިއްޔާ އޭނާ ވަރިކުރޭ. އަހަރެން އޭނާދެކެ ލޯތްބެއްވެސް ނުވަން..."

"އެހެންވިއްޔާ ވަރިނުކުރެވެންވީ ކީއްވެ؟"

"އޭނާ އެއްކަނެއްގައި އޮތުމަކުން ކަލެއަށް ލިބޭނެ ގެއްލުމަކީ ކޮބައިތަ؟"

"އޭނާ ވަރިކުރޭ އަދި ދަރިފުޅުވެސް އޭނާއާއެކު ފޮނުވާލާ ހުރިހާ ވާހަކައެއް ނިމުނީ."

ތ"ިޔަގޮތަށް ކެހިދީގެން ކަލޭ ތިޔަކުރީ ރަނގަޅުކަމެއްނޫން އަނާ!"

"ފުރަތަމަ ކެހިދިނީ ކަލޭ އަދި އަހަރެންނަށް ހީވާގޮތުގައި ކެހިދިނުމުގެ ޓްރޭނިންގ ކަލޭ ހޯދާފައި ތިޔަވަނީ ކަލޭގެ ބައްޕަގެ ގާތުން."

ތ"ިޔަކަހަލަ ވާހަކަ ނުދައްކާ.... އަނާ!"

"އަހަރެން މިހާރު ކަލޭގެގާތުގައި އަހަރެން ހުރި ގޮތް ބުނެފީމެއްނު. އަހަރެންމިހިރީ އިޙްލާސްތެރިކަމާއެކު އަދި އަހަރެން ބޭނުމީ ކަލެއަކީ އަހަރެންގެ މީހެއްކަމުގައި ހަދަން."

"އަހަރެންނަކީ ކަލޭގެ އަނބިމީހާ ކަލޭގެ ވަހަކަ ތިޔަދައްކަނީ ކީއްކުރަން؟ އެންމެ ރަނގަޅު ދެން މިހާރު ބޭރަށް ނުކުމޭ އެހެން ނޫނީ ބިއްލާ މިތަނަށް އަތުވެދާނެ."

މާޖިދު ކުރާނެ ކަމެއް ނެތިގެން އަނާއާ ދިމާއަސް ބަލާލިއެވެ.

އަދި ހަނު ހިމޭންކަމާއެކު ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.  އަނާ ތުންފަތް މައްޗަށް ޒަހަރު ފަދަ ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ.

އޭނާ އެތާހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކި ދީފިއެވެ. އާނާގާތަށް ހިނިއަތުވެއްޖެއެވެ.

"އާދޭ!"

އެތެރެއަށްވަނީ ނިސްރީނާއި އިމްތިޔާޒާއި ބިއްލާއެވެ. ނިސްރީން އަވަސް އަވަހަށް އެސްފިޔަ ތަޅުވާލާފައި ބުންޏެވެ.

" ކަލާ ލިޔުއްވާފައި ބޭއްވި މެސެޖް އަޅުގަނޑުމެންނަށް ލިބުނު، އެހެންވެގެން އަވަސް އަވަހަށް ބިއްލާ ބޭބެގެއަށް ދާންވެސް ޖެހުނު އެޑްރެސް ހޯދަން ކުޑަކޮށް އުނދަގޫވި އޭނާ އުޅުނީ އޭނާގެ ގޭގައި އަޅުގަނޑުމެންނަށް މިކޮޅަށް އާދެވުނީ ތިޔަބޭކަލުން ދުރުވުމުގެ ވަރަށް ކުޑައިރުކޮޅެއް ކުރިން."

"އެންމެރަނގަޅު ދެންދޭ..." އަނާ ހީނލާފައި ބުންޏެވެ. އޭނާ އެހެން ބުނުމުން ނިސްރީނާއި އިމްތިޔާޒާ ދެ މީހުން އެކުގައި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އެދެމީހުން ދިޔައީމާ ބިއްލާ އަނާއާ ދިމާއަށް ބުންޏެވެ.

"މައިބާޕް! މިސްޓަރ މާޖިދު ކަލާގެ ކިބައިން އެދެނީ ކޮންކަމަކަށްތޯ؟"

"އެއްވެސްކަމަކަށް ނޭދޭ މިހާރު ދެން ކަލޭވެސް ދޭ ބުނަން އަހަރެން އެކަނި ދޫކޮށްނުލާވޭތޯ ބަލާތި މި ދުޝްމަނުން އަހަރެންނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ."

"އަޅުގަނޑަށް ކުރެވުނުކުށް އަޅުގަނޑަސް އިހްސާސް ކުރެވިއްޖެ. މައިބާޕް! މީގެފަހުން ކަމެއްގޯސްވެދާނެ ކަމުގެ ބިރު އޮތްއެއްވެސް ފިޔަވަޅެއް އަޅުގަނޑެއް ނާޅާނަން. އަނާ ހީނލިއެވެ.

"އާނ..ކޮއްކޯ މިމީހުންނަކީ ހަރުފަތަކެއް އަހަރެން މިއުޅެނީ އެހަރުފަތަކުގެ ނިގޫކޮޅުގައި ހިފައިގެން. ވީމާ ކޮންމެ ވަގުތެއްގައިވެސް ވިހަލާފާނެ. އެހެންވީމާ ރައްކައުތެރިވެގެން އުޅުން ކޮންމެހެންވެސް ބޭނުން.."

"މީގެ ފަހުން ރައްކައުތެރި ނުވެއެއްނުދާނެ...މައިބާޕް!" ބިއްލާ ބިރުގެންފައި ބުނެލިއެވެ. ދެން ބޭރަށް ހިނގައްޖެއެވެ. އަނެއްކޮޅުން މާޖިދު ކަންބޮޑުވެފައިވާ ޙާލެއްގައި އޭނާގެ ގެއަށް އެނބުރި އަތުވެއްޖެއެވެ. އޭނާ ސީދާ ދިޔައީ ނިދާކޮޓަރިއަށެވެ. ވަނުމާއެކު ޒުމައްރަދު އޭނާގެ މޫނާދިމާއަށް ބަލާލާފައި ބުންޏެވެ.

"ހީވަނީ ލޯބިވާ ބޭގަމްޞާޙިބާ ވިނަ އަޅުވާފައި ނެތީހެން."

"ތިޔަބުނީ ކީކޭ؟" މާޖިދު އޭނާއާ ދިމާއަށް ލޯބޮޑުކޮށްލިއެވެ.

"އޭނާ މަރާލާ!" ކުއްލިއަކަށް ޒުމައްރަދު  އަރާރުންވާފެއްޓިއެވެ.

"ކީކޭ..."މާޖިދު ހީވީ ހަޅޭއްލަވައިގަތް ހެންނެވެ.

"އާނ..ޤަތުލުކުރަންވީ ނުވަތަ މަރާލަންވީ އަހަރެން މިހެން މިބުނަނީ އޭނަ މަރުވުމުން ކަލޭމެން އެންމެންނަށް މިހާރުތިޔަ ލިބެމުންދާ ދަތިތަކާއި ނިކަމެތިކަމުން ކަލޭމެން ސަލާމަތްވާނެތީ އޭރުން އޭނާއެއްވެސް ނުހުންނާނެ.... އޭނާގެ ކުޅިގަނޑެއްވެސް ނޯންނާނެ... އޭނާއަށް މަޑުމަޑުން ޒަހަރުދެމުން ގެންދިޔަކަން އެއީ ކަލޭގެ ބައްޕަ ވަރަށް ރަނގަޅަށް ކުރިކަމެއް... އެހެންނަމަވެސް ނަޞީބު ދެރަކަމުން އެ ސިއްރު ބޭޒާރ"ުވީ. އެހެންނޫންނަމަ ކަލޭމެން އެންމެން އެ ލޭބޯމީހާގެ ކިބައިން ސަލާމަތްވީސް..."

"ކަލޭ ތިޔަހުރީ ހަމަހޭގައިތަ؟

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.