އަނާ - 42

 (19 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާއެއްވެސް އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް ޘަނާ ބުންޏެވެ.

"ޙިނާގެ ޙާލު މިވަނީ ވަރަށް ބޮޑުވެފައި."

"އާނ...އަޅުގަނޑުވެސް ތިޔަކަމާ ވަރަށް ފިކުރު ބޮޑުވޭ."

"ކޮންމެއަކަސް ކަލާމެންގެ ދެ މައިންނަށް ކޮންމެވސް ރަނގަޅު ފަރުވާއެއް ބޭނުން މިވަގުތު ވަރަށް ވެސް ބޮޑު."

"ކާނަންތަ؟"

"ނޫން އަޅުގަނޑު މިއައީ ކައިގެން."

ދެން އަނާ ކުންފުނީގެ ކަންތައްތަކާ ބެހޭގޮތުން ޘަނާއަށް ތަފްޞީލްކޮށް ކިޔައިދިނެވެ. ނަމަވެސް މާޖިދާއެކު އޭނާގެ ދިރިއުޅުން ވޭތުކުރަމުން ދާގޮތާމެދު އެއްވެސް ވާހަކައެއް އޭނާ ޘަނާއަކަށް ކިޔައެއްނުދެއެވެ. ނަމަވެސް ....

ނަމަވެސް އެންމެފަހުން އެވާހަކަޔާ ބެހޭގޮތުން ޚުދް ޘަނާ ސުވާލުކޮށްފިއެވެ.

"އަޅުގަނޑު މިވާހަކަ އަހާކަށްވެސް ނުވާނެ .... މިއީ މުޅީން ކަލާގެ އަމިއްލަ ޛާތީ މައްސަލައެއް.... އެކަމަކު.... ނާހާވެސް ނުހުރެވުނީ އެންމެކުޑަމިނުން ބުނުއްވާ ބައްލަވަ... މާޖިދު ސާހަބު ކަލާއާ އެކުވެރިކަން ބަހައްޓަވާތޯ؟"

"އަޅުގަނޑަކަށް ރަނގަޅަކަށް ނުވިސްނޭ އެހެންވީމާ އަދި ޔަޤީންކޮށް ވަކިއެއްޗެއް ބުނަން އަޅުގަނޑަށްދަތި...... ބޭރުފުށުން ފެންނަގޮތުގައި އޭނާ އަޅުގަނޑާ އެކުވެރިކަން ބަހައްޓާ، އަދި އަޅުގަނޑު ބުނާ ގޮތަށް ކަންތައްތައްކޮށް އުޅޭ..... ނަމަވެސް ސުވާލަކީ އޭނާ ހަމަ ޙަޤީޤަތުގައި އަޅުގަނޑާ އެކުވެރިކަން ބަހައްޓަން ބޭނުންވާނެތޯ ކުރެވޭ ސުވާލު."

"ލައްބަ ތިޔައީ ވަރަށް މުހިއްމު ސުވާލެއް!"

ޘަނާ ވާހަކަ ހުއްޓާލިއެވެ. ކީއްވެގެން ހެއްޔެވެ. އެވަގުތު މާޖިދުކޮޓަރިތެރެއަށް ވަނީއެވެ. އަދި މުޅީން ބޭރު މީހަކު އަނާ ކައިރީގައި އިންދާ ފެނިގެން ވަރަށް ނުރުހުންވާ ގޮތް އޭނާގެ މޫނުމަތިން ފެނިގެން ދިޔައެވެ. ޡަނާ އިން ގޮޑީން ތެދުވެއްޖެއެވެ. އަދި މާޖިދާ ސަލާމް ކޮށްލަން އަތްދިއްކޮށް ލަމުން ބުންޏެވެ.

"ކަލާއަށް އަޅުގަނޑު އެނގިލައްވާ ދޮގެއްތޯ؟"

"ކީއްވެ ނޭނގޭނީ؟ އަހަރެމެންގެ މުވައްޒަފެއްގެ ގޮތުގައި އުޅުނީމެއްނު!"

"ހަނދާން ބެހެއްޓެވި ކަމަށް ޓަކައި ޝުކުރިއްޔާ މިސްޓަރ މާޖިދު! ދެން އަވަހަށް އިށީންނަވާ!"

"ތިޔަ ޖުމުލަ ބުނަން ޖެހޭނީ އަހަރެންނަށް." މާޖިދުގެ މޫނުމަތިން ނަފްރަތުގެ އަސަރުތައް ދައްކަމުން ބުނެލިއެވެ. އަދި އަނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

"އަނާ ކަލޭއެއްވެސް މެހްމާނަކާ ބައްދަލުވާން ހަމަޖައްސާފައި އޮވެއްޖެނަމަ އެމީހަކާ ބައްދަލުކުރާނީ ޑްރޯއިންގ ރޫމުގައި ހަމަ ކޮންމެ މީހަކު ބޯދަމާފައިއައިސް މިކޮޓަރިޔަށް ވަންނަނީ. ހީވަނީ މިއީ ޚާންއާޞިފްގެ ގެއެއްނޫންހެން މުނިފޫހިފިލުވާ ޕާރކެއްހެން."

އަނާގެ ރުޅި ހޭލައިފިއެވެ. ޘަނާ ކައިރިއަށް ހިނިއަތުވެއްޖެއެވެ. ނަމަވެސް މާޖިދު މަޑެއް ނުކުރިއެވެ. ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. އަނާ ވަރަށް ބޮޑަށް ލަދުގަންނަ ގޮތް ވިއެވެ. ޘަނާއަކީ ހަމައެކަނި އޭނާގެ ރަޙްމަތްތެރިއެއްނޫނެވެ. އޭނާއަށް ހުރިހާ އިޙްސާންތެރިކަމެއް ކޮށްދިން މީހާވެސްމެއެވެ.

"ކަލާ ކަންބޮޑުވެލައްވަނީ ކީއްވެތޯ އަނާޖީ! ބައްލަވާ! އަޅުގަނޑުމެން ދައްކަމުން އައީ ކޮންވާހަކައެއްތޯ؟ ނަމަވެސް."

 އަނާ ކުއްލިއަކަށް އޮށޯވެއްޖެއެވެ. އޭނާ އަނބުރައި ގަންނަގޮތްވަނީއެވެ. ޘަނާ އަވަސް އަވަހަށް ބުންޏެވެ. "އަނެއްކާ ކަމެއްވަނީތޯ؟ އަނބުރައިގަންނަހެން ހީވަނީ އަނާ އަމިއްލައަށް އެނދުގައި ހިފެހެއްޓޭތޯ  ބަލަމުން ބުންޏެވެ. އަދި ތެދުވެވޭތޯ މަސައްކަތް ކުރަން އުޅުނެވެ. ނަމަވެސް ޘަނާ އޭނާ ތެދުވިޔަނުދީ ހުއްޓުވިއެވެ.

"ކަލާ އޮށޯވެލައްވައިގެ އޮންނަވާ އަނާޖީ!"

"އަޅުގަނޑުގެ ގައިގައި ވަރެއްނެތް."

ކުއްލިއަކަށް ހަމައެވަގުތު ކުއްލިއަކަށް ޙިނާގެ ކަރުގެ ތެރެއިން އަޑެއް ނުކުމެއްޖެއެވެ

ޘަނާ ބާރަށް ގޮސް ޙިނާ ނަގައިފިއެވެ

އެކަމަކު ހަމަވިދިގެންއައި ހިނދުކޮޅުގެ ތެރޭގައި ޙިނާ މުޅީން ހިމޭންވެއްޖެއެވެ ހިލަގަނޑެއްހެން ވެއްޖެއެވެ. ޙިނާ މަރުވީއެވެ. މީ..... ކިހިނެއްވީތޯ؟  ހީވަނީ މާދުރުން ޘަނާ ބުނިހެންނެވެ. އެތަންވަޅު ޘަނާ މަރުވެފައިއޮތް ޙިނާ އަނާކައިރީގައި އެނދުމަތީގައި ބާއްވައިފިއެވެ.

"ނު..... ނު.... ނޫން....ނޫން.".އަނާއަށް އެކަން ޔަޤީނެއް ނުކުރެވުނެވެ. އޭނާ ލޯބޮޑުކޮށްކޮށްފައި  ހިމޭންވެފައިއޮތް ޙިނާއާދިމާއަށް ބަލަނީއެވެ. އަނާ ހުއްޓޭގޮތް ވަނީއޭ ޘަނާ ހިތަށްއެރިއެވެ.ކީއްވެގެންތޯއެވެ.

އަނާވެސް މަރުވެފައިވާ ޙިނާގެ މައްޗަށް ވެއްޓެނީއެވެ. ޘަނާއަށް ހަޅޭއްލަވައިގަނެވިއްޖެއެވެ.

“އަނާޖީ! ރޮއްލައްވާ! ޙިނާ މަރުވީ!"

އެވަގުތު އަނާ ސިއްސައިގެން ދިޔައެވެ. އަދި މަރުވެފައިވާ އޮތް ޙިނާ ނަގައިގެން އޭނާގެ މޭގައި ޖައްސައިލިއެވެ އަދި ރޯން ފެއްޓިއެވެ. ޘަނާ އަވަސް އަވަހަށް ބޭރަށް ނުކުމެއްޖެއެވެ. އަދި ބޭރު ފެންޑާމަތީގައި ހިނގާލަ ހިނގާލަ ހުރި މާޖިދުގާތުގައި ބުންޏެވެ.

"މިސްޓަރ މާޖިދު ކަލާގެ ދަރިކަނބަލުން ނިޔާވެއްޖެ! ތިޔަ ބުނީ ކީކޭ! "މާޖިދަށްވެސް ހަޅޭއްލަވައިގަނެވުނު ކަހަލައެވެ ޘަނާ އަނެއްކާވެސް ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.