ކޯލިޝަން ހެދުމަށް ޕީއެންސީ އާއި އެމްއެންޕީ ސޮއި ކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީއެންސީ އާއި އެމްއެންޕީ ސޮއި ކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ މީރުމާ މާލަމުގައި މިއަދުއެވެ.

މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއި ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

މި އެއްބަސްވުމުގެ މާބޮޑު ތަފްސީލެއް އަދިހާމަނުކުރިނަމަވެސް އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ ންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލާއިރު، އެކިއެކި މަގާމުތައް ދޫކުރާނެ ގޮތް ދޫކޮށްލެއްވީ ޕީއެންސީ އަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގިނަ މެމްބަރުން ބޭނުންވަނީ ޕީއެންސީ ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އާއެކު ކޯލިޝަން ހަދަން ކަމަށް އެ މެމްބަރުން ހާމަކޮށްފައިވަނީ އެ ޕާޓީ އިން ބޭއްވި ކައުންސިލު ޖަލްސާގައެވެ.

އެ ޖަލްސާގައި ބައިވެރި ގިނަ މެމްބަރުން އެގޮތަށް ތާއީދު ކުރިނަމަވެސް ކޯލިޝަން ހަދާނެ ޕާޓިއެއް ފައިނަލް ކުރާނީ އެކްޒެކެޓިވް ކޮމެޓީ މީޓިންގ ގައި ކަަމަށް އެމްއެންޕީ އިން ބުނެއެވެ.

އެމްއެންޕީ އިން ބުނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މެމްބަރުން މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ގިނަ މެމްބަރުންގެ ޚިޔާލުތަކަށް ބަލާއިރު، ޕީޕީއެމް، ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް ގިނަ މެމްބަރުންނަސް ފެންނަކަމަށް ހިޔާލުފާޅުކުރި ކަމަށެވެ.

އެހެންނަމަވެސް ކޯލިޝަން ހަދާނެ ޕާޓީއެއް މުޅީން ފައިނަލް ކުރާނީ އެކްޒެކެޓިވް މީޓިންގ ގައި ކަމަށް އެ ޕާޓީ އިން ބުނެއެވެ.

ރިޔާސީ އިންތިޚާބުގައި 101635 މީހުންގެ ވޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނަ ލިބިވަޑައިގަތީ 86161 މީހުންގެ ވޯޓާ އެކީ ލިބިވަޑައިގަތީ ރައީސް ޞާލިޙަށެވެ. އަދި 15839 މީހުންގެ ވޯޓާއި އެކު ދަ ޑިމޮކްރެޓުންގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ތިންވަނަ ލިބުނު އިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގަތީ 6343 މީހުންގެ ވޯޓެވެ.

8 ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމަށް ލިބިވަޑައިގަތީ އިންތިޚާބުގެ 7 ވަނައެވެ. އޭނާއަށް ލިބިވަޑައިގަތީ 1906 ވޯޓެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.