ހާހަކަށްވުރެ ގިނަ މީހުންނާއެކު ޕީޕީއެމް، ޕީއެންސީ ކޮންގްރެސް ފަށައިފި

ހާހަކަށްވުރެ ގިނަ މީހުންނާއެކު ޕީޕީއެމް، ޕީއެންސީ ކޮންގްރެސް ފަށައިފި އެވެ.

"ހޯޕް" ގެ ނަމުގައު ކުރިއަށް ގެންދާ މި މަހާސިންތާގައި ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމާއި ފާސް ދޫކުރުން މިއަދު 8:30 އިން ފެށިގެން ކުރިއަށް ގެންދިޔައިރު، މަހާސިންތާ ރަސްމީކޮށް ފަށާފައިވަނީ 1:30 ގައެވެ.

3 ދުވަހުގެ މުއްދަތައް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި މަހާސިންތާގައި 1057 އަށްވުރެ ގިނަ މެމްބަރުން ހިމެނޭހެން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ދާއިރާ ރައީސުން، ދާއިރާ ނައިބު ރައީސުން، ޒުވާނުންގެ ރައީސުން، އަންހެނުންގެ ރައީސުން، ސެނެޓަރުން، ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުން ހިމެނެއެވެ.

މި މަހާސިންތާގައި މިއަދުގެ ދަންފަޅީގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލަން ހަމަޖެހިފައިވަނީ ކޯލިޝަންގެ އިސް ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އާއި ކޯލިޝަންގެ ތަސައްވަރާ ގުޅޭގޮތުންނާއި، އަދުގެ ދިވެހިރާއްޖޭގެ އިގްތިސާދު މިސްރާބު ހުރި ގޮތުގެ އިތުރުން މި ސަރުކާރުން ހިންގާ ނޭއްގާނީ އަމަލު ތަކާ ބެހޭ ގޮތުން ކަމަށް ކޯލިޝަންގެ ފަރާތުން މައުލޫމާތު ދިނެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދުން ދެވަނަ ދުވަހުގެ ދަންފަޅި ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އެދުވަހުގެ ފަހު ހަރާކާތެއްގެ ގޮތުން ކުރިއަށް ގެންދަން ތާވަލު ކޮށްފައިވަނީ ސުލްހަވެރި ހިނގާލުމަކާއެކީއެވެ. ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.

އަންނަ ހޮނިހިރުދުވަހުގައި ތިންވަނަ ދުވަހުގެ ދަންފަޅި ކުރިއަށްގެންދިއުމަށް ހަމަޖެހިފައުވަނީ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް މަޝްވަރާ ކުރުމަށެވެ. އެގޮތުން ކެމްޕެއިން ޓީމުތައް އެކުލަވާލުމާއި، ވޯޓު ފޮށިތަކަށް ފާރަވެރިވާނެ ގޮތްތަކާއި ވޯޓުލާ ދުވަހުގު އިސްތިރާތީޖީ އިންތިޒާމުތަކުގެ އިތުރުން ވޯޓާ ގުޅޭ މުޢާމަލާތްތައް ތަރުތީބުކުރާނެ ކަންކަން އެކުލަވާލުމަށް އިސްކަން ދެމުންނެވެ.

ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ބޭއްވޭ ޖަލްސާ އަކާ އެކުގައެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވި ނަަމަވެސް ޕީޕީއެމްއިން އަންނަނީ ރައީސް ޔާމީންގެ ޝެޑިއުލާ އެއް ގޮތަށް ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.