ފާއިތުވި ދޮޅު އަހަރު ތެރޭގައި ރާއްޖޭގެ ތަރައްޤީގެ ނަމުގައި ލޯމޮހޮރެއް ޖަހާނުލެވުނު ޕާޓީއަކަށް (ސަރުކާރަކަށް) ދޭންޖެހޭ އެންމެ ގޮނޑިއެއްނޯންނާނެ ކުރީގެ އިކޮނޮމިކް މިނިސްޓަރ، އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ އިން ކޮންމެ ރެއަކު ބާއްވަމުން ގެންދާ އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ނުދޭ ބާރެއް ނެތްކަމަށެވެ. ވެރިކަމާއި، ރައްޔިތުންގެ މަޖިލީހާއި، އެހެންގޮސް ހުރިހާ މުއައްސަސާއެއް ވެސް ވަނީ ސަރުކާރުގެ މުށުތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ބާރެއް އޮވެ ފާއިތުވި ދޮޅުއަހަރު ތެރޭގައި ތަރައްގީގެ ނަމުގައި ލޯމޮހޮރެއް ޖަހާނުލެވުނު ޕާޓީއަކުން ލޯކަލްކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިއެއް ދޭށޭ ބުންޏަށް ދޭން ނުޖެހޭ ކަމަށް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މިސަރުކާރުން ގެންދަވަނީ ރިސޯޓު މުވައްޒަފުން ވެސް ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވަމުން ކަމަށެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ވިދާޅެއް ނުވެއެވެ. އެހެން ކަމުން މިދުވަސްވަރަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި، ދިވެހި ކަނބަލުންނާއި، ކަލުންނާއި، ދިވެހި ފިރިހެނުން ޤައުމަށްޓަކައި ތެދުވާންޖެހޭ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ފާއިތުވި ތާނގައި އެއްވެސް ވަޢުދެއްވެސް ފުއްދަވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. "އިގްތިސާދީ ބަލަކަށް ބޭނުންވާ އެންމެން މިވަގުތު ގައުމަށްޓަކައި ތެދުވާންޖެހޭ،" އޭނާ ވިދާޅުވިއެވެ.
"މިސަރުކާރުން ވައުދެއް ނުފުއްދާތާނގާއި، ފާއިތުވި މުއްދަތުގައި ތަރައްގީގެ ނަމުގައި ޖެހި ލޯ މޮހޮރެއްވެސް ނެތް. މިގައުމު ތަރައްގީ ކުރަންޖެހޭނީ އަންނަން އޮތްޖީލުގެ ޒުވާނުންނަށް ގައުމު ހަވާލު ކުރެވޭގޮތަށް. އެކަމަށްޓަކައި މާދަމާއަށްޓަކައި ކަންކަން ނިންމަންކެރޭ ވެރިއަކު ވެރިކަމަށް ގެންނަންޖެހޭ. އެއީ ރައީސް ޔާމީން،" ސަޢީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަނިޔާ ދެމުން ގެންދިޔަސް އެމަނިކުފާނަކީ އަނިޔާ ހައްގު ބޭފުޅެއްނޫން ކަމަށެވެ. "ރައީސް ޔާމީނަށް އަނިޔާ ހައްގެއްނޫން. ނުހައްގުން އަނިޔާ ދެމުންދަނީ. ވަގުތުން އެމަނިކުފާނު ދޫކޮށްލަންޖެހޭ،" ސަޢީދު ވިދާޅުވިއެވެ.