އިންޓަރނެޓު އަގުހެޔޮ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބަޓެލްކޯ އިން ދެމުންދާ އެހީތެރިކަމަށް ރައީސް ސާލިހުގެ ޝުކުރު

އިންޓަރނެޓު އަގުހެޔޮ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އިން ދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފި އެވެ.

އެ މަނިކުފާނު މިކަމަށް ޝުކުރު އަދާކުރެއްވީ ބަޓެލްކޯ ގެ އިސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސާލިހު ވިދާޅުވީ ބަޓެލްކޯ އާއި ރާއްޖެއާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫއާއެކު ޑިޖިޓަލް ޚިދުމަތްދޭ ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ބަޓެލްކޯ އާއިއެކު ވެވުނު ސައިބަރ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ޚިދުމަތްތައްދޭ ،ޤައުމީ، އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވާ އެލަނޑުދަނޑިއަށް ވާޞިލްވުމުގައި ބަޓެލްކޯއިން ވެދެއްވާ އެހީއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާ ބަޙްރައިނާއި ދެ ޤައުމަށް ވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ބަޓެލްކޯގެ ޗެއަރމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިގްތިސާދެއްގެ ބިންގަލަކީ ވެސް، ޓެކްނޮލޮޖީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ބަޙްރައިނަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯ އިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަޚުރެއްކަމަށް ވެސް ވިދާޅުވި އެވެ.

މިބައްދަލު ކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގާއި، ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބަރ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެ އެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބަހުރައިންއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.