އަނާ - 37

(8 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން އިހަށްވުރެ ވެސް ފުންވެގެން ދިޔައެވެ. ބިއްލާ ފުންނޭވާއެއްލާފައި އަނެއްކާވެސް ވާހަކަ ދައްކަން ފެއްޓިއެވެ. "އަލުން ހޭލައިގެން އައި ބިއްލާ އައީ އޭނާގެ މަންމަ ސަލާމަތްކޮށް ދިނުމަށް އެސްޕީ ޞާޙަބު. ތިޔަ ބޭފުޅުންނަކީވެސް ރަނަގަޅު އިންސާނުން...އަދި ޤަވްމުގެ ކަންތައްތައް ރައްކައުތެރިކޮށް ސަލާމަތްކޮށްދޭން ތިއްބެވި ބޭކަލުން. އަޅުގަނޑުގެ ވާހަކަވެސް އައްސަވާލައްވާ.... އަޅުގަނޑުގެ މަންމައާ ޙާމަލާދޭން ދެ ކުއްތާއެއް އައީ. އަދި މިގޭ ފެންޑާމަތީގައި އެމީހުން އަޅުގަނޑާ ދިމާއަށް ބަޑިޖެހީ. ބޭރަށް ނުކުންނަވާ ނިކަން ފާރުގެ އުވަގަނޑު ބައްލަވާ ބައްލަވަ. އުންޑައަރާފައި ހުރިތަން ފެންނަން ހުންނާނެ.... އެ އުންޑަ ފޮނުވާލި ރިވޮލްވަރު މިހާރު އޮންނާނީ އަޅުގަނޑު އަތުގައި. އަޅުގަނޑު އެ ރިވޮލްވަރު ނަގާފައި އޮންނަނީ ކުޑަރުމާލަކުން ހިފައިގެން. އެހެންހެދީ އެ ރިވޮލްވަރުގައި ހުރި އިނގިލީގެ ނިޝާންތައް ފުހެވިގެން ދިޔަނުދިނުމަށް ޓަކައި..... އެ މީހުން ބަޑިޖަހާ އަޅުގަނޑުގެ ފުރާނަޔަށް ގެއްލުންދޭން އުޅެންފެށީމާ އަޅުގަނޑު އެ ދެ ހައިވާނުންގެ ހަށިގަނޑު ހިސާބަކަށް މަރާމާތުކޮށްލިން. އެހެން ހަދަން ޖެހުނީވެސް އެ މީހުން މަރާލައިގެން ނުވާނެކަމަށް އަޅުގަނޑުގެ މަންމަ އެންގެވީތީ...އެހެން ނޫންނަމަ އެ މީހުން ފޮނުވީހީ ހޮސްޕިޓަލަކަށް ނޫން... ޤަބުރުސްތާނަށް..."

އަނެއްކާވެސް  ބިއްލާގެ ވާހަކަ މެދުކަނޑާލިއެވެ. އަދި ވާހަކަ ދައްކަމުންއައި އަޑުވެސް ހިސާބަކަށް ބަދަލުކޮށްލާފައި ކުރިއަށް ގެންދިޔައެވެ.

"ތިޔަބޭކަލުންވެސް ތިޔަބޭކަލުންނާ ޚާންއާޞިފާ ދޭތެރޭގައި އޮތްގާތްކަމަށް ނުބައްލަވައި އީމާންތެރި ތެދުވެރި ފުލުސް އޮފިސްރުންގެ ގޮތުން މި މައްސަލަ ތަޙްޤީޤް ކުރައްވައިފިނަމަ އަޅުގަނޑުމެންނަކީ ކުށްވެރީން ނޫންކަން އެނގިލައްވާނެ. އެސްޕީ ޞާޙަބ.ު ރަނގަޅަށް ހަނދާން ކުރައްވާތި! މި ރަށުގެ އެކަކުވެސް އަޅުގަނޑުގެ މަންމައާ ދިމާއަށް ނުރުހުމުގެ ގޮތެއްގައި އިސްއުފުލާ ބަލާލިއަސް މުޅި ޝަހަރަކީ ޤަތުލް ގާހަކަށް ހަދާލާނަން. މިއީ ބިއްލާ އޭނާ އެ ފަރާތަކަށް އީމާންވާﷲ ގަންދީ ކުރާ ހުވާއެއް."

ބިއްލާގެ ވާހަކަ ހުއްޓާލިއެވެ. މުޅިން ހިމޭންވެއްޖެއެވެ. އަދި އޭނާއަތުގައި އޮތް ރިވޮލްވަރު އެސްޕީ އަތަށް ދިއްކޮށްލިއެވެ.

އެސް.ޕީ ރިވޮލްވަރު އަތުލިއެވެ. ނަމަވެސް އޭނާ ވަނީ ވަރަށް ގަދަ އަސަރެއްގެ ތެރޭގައެވެ. ބިއްލާގެ ވާހަކަތައް އޭނާ އަހަން އިނީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. އިންސާނުންނާ ދޭތެރޭގައި ނަހަމަ ގޮތްގޮތުން ކަންތައްތައް ކުރެވެމުން ދިޔަވަރަކަށް އިންސާނުންގެ ތެރޭގައި ކުށްތައް އިތުރުވަމުންދާނޭކަން އޭނާ އަށް ވިސްނިއްޖެއެވެ. އަދި އެހެންވާން ވެއްޖެނަމަ ލޭއޮހޮރުވުމާއި މީހުން މެރުންވެސް އިތުރުވަމުން ދާނީކަން އޭނާއަށް އިޙްސާސްކުރެވިއްޖެއެވެ. އެއާއެކު ބިއްލާއަށް ދިމާވެފައިވާގޮތާއި މިއަދު އޭނާ އެ ހުރިގޮތް ވެސް އެސްޕީއަށް ޤަބޫލުކުރެވިއްޖެއެވެ.

އަދި ބިއްލާގެ ވާހަކައިން "އިންޞާފުކޮށްދޭށޭ އިންޞާފުކޮށްދޭށޭ ޢަދުލްވެރިކޮށް ކަންތައްތައް ބަލާށޭ" ބުނާއަޑު އެސްޕީގެ ކަންފަތަށް ވަންނަންފެށީ ކަންނޭނގެއެވެ. އަދި އެހެން ނުހަދައިފިނަމަ އަނެއްކާވެސް އެ ނުބައި ބިއްލާ އޭނާގެ ވެރިކަން ޤާއިމް ކުރުމަށްޓަކައި އިތުރު ނުބައިތައް ހަދާފާނޭވެސް އޭނާގެ ހިތަށް އެރީ ކަންނޭނގެއެވެ.

އެސްޕީ ވަރަށް ދިގު ނޭވާއެއް ލާފައި ބުންޏެވެ.

"މިހާރު ދެން ބޭނުންވަނީ ކޮންގޮތެއް؟ ބިއްލާ!"

ބިއްލާ ފާޑަކަށް ހީނލާފައި ޖަވާބު ދިނެވެ.

އަޅުގަނޑު މިހާރު މިހިރީ ކަލާގެ ކުރިމަތީގައި. އެސްޕީ ޞާޙަބް ބޭނުންވެލައްވަންޏާ ހައްޔަރުކުރައްވާ.... އަދި ބޭނުންވެލައްވާނަމަ އަޅުގަނޑާމެދު އިންޞާފުވެރިވެލައްވާ..."

"އެ ދެ މީހުން މަރުވީތަ ނުވަތަ ދިރިއެބަތިބިތަ؟ އެ މީހުންނަށް ހަމައެކަނި ކުޑަކުޑަ މަރާމާތުކޮށްލުމެއް ދިނީ. އެ މީހުން މަރާލަން ޤަސްދުކޮށްފައި އޮތްނަމަ ބިއްލާ އެ މީހުން މަރާލާފައި ވަޅުލީހީ ތިޔަބޭކަލުން މަރުވާންދެން މަސައްކަތްކުރެއްވިޔަސް ނުފެންނާނެގޮތަކަށް..."

 "އެންމެ ރަނގަޅު މައްސަލައާބެހޭ ތަޙްޤީޤުތައް ކުރެވޭނެ.... ހަމަލާދޭން އުޅުނުކަމުގެ ކުށް އެ ދެ މީހުންގެ މައްޗަށް ޗާޖް ކުރެވޭނެ... އަދި ކަލޭ ކުރިކަމެއްކުރީ ކަލޭގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންކަމަށްވިޔަސް އެމީހުންނަށް އަނިޔާކުރިކަމުގެ ކުށް ކަލޭގެ މައްޗަށް ޗާޖްކުރެވޭނެ. މައްސަލަ ނިމޭނީ ކޯޓުން ނިންމާގޮތަކަށް...."

"އަޅުގަނޑުގެ އެއްވެސް ޢިއުތިރާޟެއްނެތް... އެސްޕީ ޞާޙަބު!"

"ކަލޭގެ މައިބާޕްއަށް ގޮވާލަބަލަ.... އަހަރެމެން އޭނާގެ ކިބައިން މާފަށް އެދެން ބޭނުން... އަހަރެމެންނަށް މި ތަނަށް އާދެވުނުއިރު މަސްރަޙް އޮތްގޮތުން އޭނާގެ ހުއްދަވެސް ނުހޯދާ މި ކޮޓަރިއަށް ވަދެވުނީ.... ނަމަވެސް އެއީ ޤާނޫނީގޮތުންވެސް އަދި އަޚްލާޤީ ގޮތުންވެސް ކުށެއްކަން އަހަރެމެން ޤަބޫލުކުރަން."

ޖެހިގެންހުރި ކޮޓަރިތެރޭގައި ހުރި އަނާ ހުރީ އެ މީހުން ދައްކަމުން ދިޔަ ވާހަކަ އަހާށެވެ.  އެހެން ކަމުން އެ މީހުންގެ އެ ވާހަކަ އެހިސާބަށް ދިޔުމާއެކު އޭނާ އަމިއްލައަށް ކޮޓަރީގެ ތެރެއަށް އަތުވެއްޖެއެވެ.

"އެއީ އެއްވެސް ކަމެއް ނުން..އެސްޕީ ކަލާގެ ތެދުވެރިކަމާއި ހަރުދަނާކަން ފެނިފައި އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރުކޮށްފި. ކަލާއަށް ހެއްދެވުނު ގޯސް މިހާރުކަލާއަށް ޤަބޫލުކުރެވިއްޖެ. އަދި އެކަމާމެދު ދެރަވެލައްވައިފީމު. އެވަރު އަޅުގަނޑަށް ފުދިއްޖެ."

އެހެންބުނެފައި އަނާއަތުގައި އޮތް ރިވޮލްވަރު ބިއްލާ އަތަށްދީފިއެވެ. އަދި ބިއްލާ އޭތި ސަބްއިންސްޕެކްޓަރ އަތަށް ދީފިއެވެ.

ދެން... އެސްޕީ އާއި ސަބްއިނިސްޕެކްޓަރ ނުހަނު މަޑުމައިތިރި ކަމާއެކު އެހާމެ ސީރިއަސް ގޮތެއްގައި ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. އެ މީހުންގެ ފަހަތުން ވަރަށް ވަރުގަދަ ހަނު ހިމޭންކަމެއް ދޫކޮށްލާފައެވެ.

ވަރަށް ބޮޑަށް ހަމަހިމޭންކަމުގައި ހަފްތާއެއްހާ ދުވަސް ވޭތުވެގެން ހިނގައްޖެއެވެ. މުޅި ގެއަށް ވެސް ވެރިވެފައި އޮތީ ހިމޭންކަމެވެ. ހީވަނީ ގޭގެ އެންމެން ނަށްވެސް އެ ހިމޭންކަމުގެ އަސަރު ފޯރަމުން ދާހެންނެވެ. އަނާއަށް ވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އޭނާ ބިއްލާއަށް ގޮވާލާފައި ބުންޏެވެ. އަހަރެން ކުޑަވަގުތުކޮޅަކަށް ގެއަށް ދަނީ. ބޭނުމިއްޔާ ކަލޭވެސް ބޭރަށް ނުކުމެ ހިނގާހަދާލާފައި އަންނަންދޭ!"

"އެކަމަކު..." ބިއްލާ ހީނލާފައި ބުންޏެވެ.

އަޅުގަނޑު މި ތާނގައި މިއޮތް ހަމަހިމޭންކަން ވަރަށް ހިތްގައިމު. މައިބާޕް އަޅުގަނޑަށް ހީވަނީ މި ހިމޭންކަމަކީ މި ތާނގައި އަޅުގަނދު މަވްޖޫދުވެ ހުރުމުގެ ބައެއްހެން."

ދެން އަނާ އޭނާގެ ދަރިފުޅު ޙިނާ ގޮވައިގެން ގެއިން ބޭރަށް ހިނގައްޖެއެވެ. އެ ދުވަހުގެ ހަވީރު އަނާ އެނބުރި ގެއަށް އައިއިރު އޭނާގެ ކޮޓަރީގައި މާޖިދު އޭނާގެ ފިރިމީހާ އޮއްވާ ފެނުމުން އަނާ ސިއްސައިގެންދިޔައެވެ.

ލަންޑަނުން އެނބުރި އައީއެވެ. ކޮޓަރީގެ އެނދުމަތީގައި އޮށޯވެލައިގެން އޮތީ ވަރަށް ހިތްހަމަޖެހިލައިގެން އޮތްގޮތެއްގައެވެ. އޭނާ އަރާމުކުރަނީއެވެ. ދަތުރު ވަރުބަލި ފިލުވަނީއެވެ. ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލަން ތިއްބެވެ. ހީވަނީ އެތައް ދުވަހަކަށް ފަހު ބައްދަލުވީމާ ބަލަން ތިބިހެންނެވެ.

"ހެލޯ އަނާ... ކޮން ހާލެއްތަ؟"

މާޖިދު ބުނެލިއެވެ. އަނާއަށް އިޙްސާސްކުރެވުނީ އެ އަޑުއަންނަނީ ކޮންމެވެސް މެޝިނެއްގެ ތެރެއިން ކަމަށެވެ.

"ކަލޭގެ ޙާލަކީ ކޮބައިތޯ؟"

"އަހަރެން މިވަނީ ކަލޭގެ ކުރިމަތީގައެއްނު!"

"އަހަރެންވެސް މިހިރީ ކަލޭގެ ކުރިމަތީގައެއްނު!"

"ތިޔަ ކުއްޖާ ފުޅު ގެނެސްބަލަ...އޭނާ ވަރަށް ރީއްޗޭ ބުނާއަޑު އެހިން...ހަމަ މުޅީން ކަލެއާއެއްގޮތޭ އަދި މުޅީން ވައްތަރީ ކަލެއާ އޭ" އެ ކުއްޖާ ވައްތަރު ވާންވާނީ އަހަރެންނާ...ބައްޕަޔަކާނޫން.... އެހެން ބުނެފައި އަނާ އޭނާގެ އުރުގައި ނިދާފައި އޮތް ކުޑަކުޑަ ޙިނާ ގެންގޮސް އޭނާގެ ކުޑަ އެނދުގައި ބާއްވައިފިއެވެ. އަނާ އޭނާގެ ދަރިފުޅު މާޖިދުގެ އަތަކަށް ނުދިނެވެ. އަދި ހިނިތުންވުމާއެކު އެނބުރިލާފައި ބުންޏެވެ.

"އަހަރެންނަށް ޚިޔާލު ކުރެވޭގޮތުގައި ކަލޭގެ ބައްޕަ މިހާރުވަނީ ހުރިހާކަންތައްތަކެއް ހަމަރަނގަޅަށް ކިޔާދީފައި."

"އާނ... އެކަމަކު އެ ކަންތައްތަކަކާ އަހަރެންނަކާ އެއްވެސް ގުޅުމެއް ނެތް އެއީ ބައްޕައާ ބެހޭ ކަންތައްތަކެއް... އަހަރެންނާ ބެހޭނީ ހަމައެކަނި ކަލޭ. ކަލޭ އެނބުރި އައިކަން އެއީ ހަމަގައިމުވެސް އަހަރެން އުފާވިކަމެއް. ކަލޭގެ މަތިން ހަނދާންވާ ފަހަރު ފަހަރަށް އެ ހަނދާން ވެގެންދަނީ ވަރަށް ހިތްދަތިކަމާއެކު..."

 "ހަމަ ރަނގަޅަތަ؟."

އަނާގެ މިސުވާލުގައި ވަނީ ހައިރާންވުމުގެ އަސަރެވެ.

"ދޮގުހެދުމަކީ އަހަރެންގެ އާދައެއް ނޫންކަން ކަލެއަށް ރަނގަޅަށް އެނގޭނެ. ކަލެއާވަކިވިއިރު ވެސް އަހަރެން ހަމަ މުޅީން ސާފުކޮށް ވާހަކަ ދެއްކިން.... އަދި މިހާރުވެސް އަހަރެން މި ވާހަކަދައްކަނީ ސާދުކޮށް ތެދުބަހުން. އަހަރެންގެ ސުވީޓް! ކަލެއަކީ ހަނދާން ނެތޭނެ މީހެއްނޫން...."

"ކަންތައްތައް ހުރީ ތިޔަގޮތަށް ނަމަ ކަލާގެ ފަރާތުން އަހަރެން ވަރިކުރި ކަމުގެ ލިޔުން އަހަރެންނަކަށް ނުފޮނުވީސް!"

 "އަހަރެންނަށް މަޖްބޫރުވީ... "ކީއްވެގެން"

"ބައްޕަގެ ހިފެހެއްޓުން. އެހެންވިއްޔާ ދެން މިހާރު ވާނީ ވަކި ކިހިނެއް؟"

"މިހާރު ބައްޕަގެ ހިފެހެއްޓުމެއް ނެތް.

"އެއީ ކީއްވެގެން؟"

 "އެއީ ބައްޕަ އަތުގައި އެއްވެސް އެއްޗެއް ނެތް. މިހާރު އެއީ ހަމައެކަނި ބައްޕަ! އެހެން މީހުންގެ ބައްޕައިން ފަދައިން އެއީ މިހާރު ހަމައެކަނި ބައްޕައެއް...."

"އަހަރެން މިއައީ ބޭރުގައި އުޅެފައި..މިހާރު މިހިރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އެހެންވީމާ މިހާރު ބޭނުންވަނީ އަރާމުކޮށްލަން އެހެން ވާހަކަތައް ދެން މާދަމާ ދައްކާނީ..."

"ތިޔަ ބުނީ ކީކޭ!" މާޖިދު ޙައިރާންވިއެވެ.

"މިބުނީ ކަލޭ މިވަގުތު ދެން ދާށޭ. ކަލޭވެސް މިހާރު ހުންނާނީ ދަތުރުވަރުބަލިވެފައޭ. ކަލޭވެސް އަރާމުކުރަން ބޭނުންވާނޭ... އެނގިއްޖެއެއްނު؟"

"އެކަމަކު ފުރާނަޔާ! މިއީ އަހަރެމެންގެ ކޮޓަރިއެއްނު! އަދި...."

"ކަލޭ ނިދާ  އުޅެނީ ޒުމައްރަދުގެ ކޮޓަރީގައެއްނު... ކަލޭ ބޭނުންކޮން އުޅެނީ ޒުމައްރަދުގެ ކޮޓަރިއެއްނު..އެހެންވީމާ މިހާރުވެސް އެ ތަނަށް ދޭ.... އަސްލުގައި މިހާރު އަހަރެންނަށް ވަނީ އެކަނި ނިދާއުޅެން އާދަވެފައި.... ދެންދޭ.... ޚުދާ ޙާފިޒް"

މާޖިދު ކުޑައިރުކޮޅެއް ވަންދެން ޢަޖައިބުވެފައި އަނާއާ ދިމާއަށް ބަލަން އޮތެވެ. ދެން ތެދުވެގެން ބޯ ހޫރަމުން ނުކުމެގެން ހިނގައްޖެއެވެ. އަނާ ފުން ނޭވާއެއް ލިއެވެ.

އޭނާއަށް ހިތްހަމަނުޖެހުން އިޙުސާސްވަމުން ދިޔައެވެ. މި ހިތްހަމަނުޖެހުން އިހްސާސްވާން ޖެހުނުގޮތެއް އޭނާއަކަށް ނުވިސްނޭމެއެވެ. އޭނާގެ ހިތަށް ތަދުވާ ކޮންމެވެސް ކަމެއް އެބައުޅެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.