ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. އިސްދޫ އަދި ކަލައިދޫގެ އިތުރުން އެއަތޮޅު ދަނބިދޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ދެރަށަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ވަނީ ލ. އިސްދުއަށް ވަޑައިގެން އިސްދޫ ބަނދަރު ހުޅުއްވައިދެއްވައި އިސްދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. އަދި އެމަނިކު ފާނު މިއަދު ވަނީ ކަލައިދޫގެ ފެނުގެ ނިޒާމާއި ދަނބިދޫގެ ފެނުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 160 މީޓަރުގެ ބޭރުތޮށި ލުމާއި، 48 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ކޮށްފައިވެއެވެ. އަދި އެމަނިކުފާނު މިއަދު ނިމުން ފާހަގަކޮށްދެއްވި އިސްދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނިމުން ފާހަގަކުރެއްވި ކަލައިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. އަދި ލ. ދަނބިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.