ގޭ ދޮށު މަސް ފެކްޓްރީގެ މަސައްކަތް އަވަސްކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ގޭ ދޮށު މަސް ފެކްޓްރީގެ މަސައްކަތް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ގޮވައިލެއްވީ "ކެޔޮޅާ މިއީ އަހަރެމެން ބުނި ގޮތެއްނޫން" ގެ ނަމުގައި ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާލުވެފައިވަނީ މަސްވެރިން ކުރަނީ ހައްގު ޝަކުވާތަކެއް ކަމަށާއި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ މުޅި ދާއިރާގެ ކޮންޓްރޯލް އަބަދުވެސް ސަރުކާރުން ނެގުން ކަމަށެވެ. އެގޮތުން 2003 ވަނަ އަހަރު އާންމުންނަށް މަސްގަތުމުގެ ހުއްދަ ދޫކޮށް 2008 ގައި އެކަން ފުޅާކުރި ނަމަވެސް 2012 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލި ފަހުން، އަނެއްކާ ވެސް ދާއިރާގެ ކޮންޓްރޯލް ސަރުކާރުން ނެގިކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން 2018 ވަނަ އަހަރު ނެރުނު މެނިފެސްޓޯގައި މިކަމަށް އެކަށީގެންވާ ހައްލެއް ހުށަހެޅި ކަމަށާއި ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ އެ މަސް ބަންދުކޮށް އެކްސްޕޯޓްކުރުމަކީ އެއްވެސް ސަރުކާރަކަށް ވީކަމެއް ނޫން ކަމަށެވެ.

މިކަމަށް އޮތް ހައްލަކީ "ގޭދޮށު މަސް ފެކްޓްރީ" ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން 20 ނުވަތަ 30 މީހުން މަސައްކަތް ކުރާ ގޭދޮށުގައި ހަދާފަ ހުންނަ މިފަދަ ކުދި ފެކްޓްރީތައް ހެދުން މެނިފެސްޓޯގައި ހިމަނާފައިވީނަމަވެސް ސަރުކާރަށް ގިނަ ދުވަސްތަކެއް ވެގެން ދިޔަ އިރު، އަދިވެސް އެ މަސައްކަތް އޮތީ ނުވެ ކަމަށެވެ.

އެހެންވެ، އެމަނިކުފާނު ވަނީ ވީ އެންމެ އަވަހަކަށް މިކަން ކުރުމަށް ގޮވާލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.