އަނާ - 62

(12 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ ލޯމަރާލިއެވެ.

"ނަންގަންނަތޯ؟ ކަލާގެ ކުޅިގަނޑު މިހާރު މި ނިމުނީ... އެކަމަކު.. އަޅުގަނޑުގެ ކުޅިގަނޑު އަދިވެސް ހިނގަމުންދަނީ... ވީމާ  މިއަދުން ފެށިގެން އަޅުގަނޑު ކަލާގެފަރާތުން ވަކާލާތުކުރާ ވަކީލެއްގެ ގޮތުގައި މި ވަކިވަނީ މިހާރު އަޅުގަނޑު... އަޅުގަނޑުގެ ދިރިއުޅުން އަމިއްލަ ވޭތުކުރަމުން ގެންނާދަނަން. އަނާޖީ!"

"ބުނަން ބޭނުންވަނީ ކީކޭތަ؟" އަނާ ލޯހުޅުވާލާފައި ބުންޏެވެ.

"ބުނަންބޭނުމީ އަޅުގަނޑަކީ ކަންތައްތަކުގައި ދެރަވާން ދަންނަ މީހެއް ނޫނޭ... ފުރަތަމަ އަޅުގަނޑު ހަނގުރާމަކުރީ ކަލާގެ ޙައްޤަށްޓަކައި.."

"ކަލޭ ތިޔަބުނާ އެއްޗެއްގެ މާނަޔަކީ އެ ވިޔަފާރީގެ މައްޗަށް ކަލޭގެ އަތްގަދަކުރުންތަ!"

އާނ... އަޅުގަނޑު މިއައީ ބޭރު ޤަވްމުތަކުގައިހުރި ހުރިހާ ކުންފުނިތަކެއް ބަންދުކޮށްފައި، އަދި ބޭރުގައި ހުރި ހުރިހާ ފައިސާ އެއް އަޅުގަނޑުގެ ޤަވްމުގެ ބޭންކަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި ޓްރާންސްފަރކޮށްފައި..މިހާރު ބާކީ އޮންނާނީ ހަމައެކަނި މި ރަށުގައި މިހިނގާކުންފުނި... އެއީ ކަލާގެ ތަނެއް..ނަމަވެސް ކަލާ ކުރެންނުވެސް އައްސަވާ އެ ކުންފުނި މީހަކަށް ދެއްވެވީ...ނޫންއަނާޖީ! އަޅުގަނޑަކީ ހަރުފައަކަށް މިނިވަންކަންދޭން އެއްބަސްވާނެ މީހެއްނޫން. އަޅުގަނޑުގެ އަމިއްލަ ލޭންދޭނެއް ވެސް ޚާންއާޞިފާ އެކުގައި އެބައޮތް، ކަލާއާހުރެ މިހާތަނަށް އެ ލޭންދޭނުއޮތީ ހަމަޖައްސާނުލެވި... މިހާރު ކަލާ ތިޔަ ހުންނެވީ ހުރިހާގޮތަކުން ކުންފުނީގެ ކަންތައްތަކުން ވަކިވެލައްވައިގެން، މިހާރު އަޅުގަނޑު ކަލާގެ ކިބައިން މި އެދެނީ އަޅުގަނޑު މުޢާމަލާތުގެ ތެރެއަށް ނުވެންނެވުމަށް..އަޅުގަނޑުވެސް ކަލާއާދޭތެރޭ ކަންތައްތައް ކުރަމުން ދިޔައީ ނުހަނު މާތްކޮށް. އަދި އެހާމެ ތެދުވެރިކޮށް، އަލި ކަލާ ބުނުއްވިއެއްވެސްކަމަކަށް އަޅުގަނޑު ދެކޮޅު ހަދާފައެއްވެސް ނޯންނާނެ. ހަމައެހެންމެ އެއިންކަމެއް ބަދަލުކުރަން އުޅެފައެއްވެސް ނޯންނާނެ. ވީމާ އަޅުގަނޑު އެދެނީ އަޅުގަނޑުގެ އަމިއްލަ ކަންތައްތަކާ ކަލާ ބެހިނުލެއްވުން."

ޘަނާ ނޭވާއެއްލާން ހުއްޓާލި ވަގުތު އަނާ ބުންޏެވެ.

"ކަލެއަކީ ވަރަށް ރަނގަޅު ރަޙްމަތްތެރިއެއް އެހެންވީމާ އަހަރެން އެދެނީ އަހަރުމެންގެ ވަކިވުންވެސް މާތް ގޮތެއްގައި ޤަދަރާއި އިޙްތިރާމާއެކު އޮތުން އެހެންކަމުން ތިޔަހުރިހާ ކަންތައްތައް ހަނދާން ނައްތާލާ!"

"ނޫން... އަޅުގަނޑުގެ މި އެދުން.... އަޅުގަނޑުގެ މި އާދޭސް... ޤަބޫލުކުރައްވާ..އަނާޖީ! ކަލާގެ ވަގުތު މިހާރު މި ނިމުނީ..އަޅުގަނޑުގެ ވަގުތު ފެށުނީ އަޅުގަނޑު މިނަންގަންނަނީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަންދީފައި އަޅުގަނޑަކީ ދުވަހަކުވެސް މުދާދެކެ ލޯބިވީ މީހެއްނޫން... އަދި ދުވަހަކުވެސް ނާޖާއިޒް ގޮތެއްގައި މުދަލެއް ހޯދަން އަޅުގަނޑު މަސައްކަތް ކޮށްފައެއް ނޯންނާނެ ނަމަވެސް މިމައްސަލައިގައި ކަންތައްތައް މިދަނީ މުޅީން އެކޮޅުކޮޅުންޖެހިގެން މިމައްސަލައިގައި އެއްފަރާތަކީ އަނާޖީ. އަނެއް ފަރާތުގައި ވަނީ އަމިއްލަ އެދުން  ނާއިންސާފު... ކަލާއަށް އެނގިލައްވާނެ އަޅުގަނޑު މަރުވަންދެންވެސް އަޅުގަނޑުގެ މުވައްކިލް ރައްކައުތެރިކޮށްދޭން މަސައްކަތް ކުރާނަމޭ އަޅުގަނޑު އެންމެކުރިންވެސް ނަންގަނެފައިވާނެ، އަދި އަޅުގަނޑުގެ ނަސީބުގައި ދުވަހަކުވެސް  ނާކާމިޔާބުވުން ލިޔެވިފައި ނުވުމުގެ މުހިއްމު ސަބަބަކީ އެއީ އަދި މިހާރު މިކަމުގައި އަޅުގަނޑު ބަލިވުމަކީ އަޅުގަނޑުގެ މަރު ދިރިއުޅުމާމެދު ކަލާ ބައްލަވަމުން ތިޔަގެންދަވަނީ އެހެން ގޮތަކަށް...ކަލާއަށް ނާކާމިޔާބުވުން ޤަބޫލު ކުރެއްވޭ..ނަމަވެސް އަޅުގަނޑަކަށް ނުކުރެވޭ، އެހެންވީމާ ޕްލީޒް! އަޅުގަނޑުގެ އާދޭހަކީ މިހާރުދެން އަޅުގަނޑަށް އެއްވެސް ޙުކުމެއް ނުކުރެއްވުން!"

"ޘަނާ! ކަލެއަށް ތިޔަ އުޅެނީ ކިހިނެއްވެގެންތަ؟"

"ދިރިއުޅުމާމެދު އަޅުގަނޑު އެދެނީ މުޅިން އެހެން ގޮތަކަށޭ ނަންގަނެފީމުނޫންތޯ!"

"ރަނގަޅުވާހަކަ ދައްކާ!... ރަޙްމަތްތެރިޔާ!"

"ޚާންއާޞިފް އަޅުގަނޑާ ދޭތެރޭގައި ނިންމާލަން ޖެހިފައިވާ އަޅުގަނޑުގެ އަމިއްލަ ހިސާބެއް އޮތްވާހަކަވެސް މިހާރު ނަންގަނެވިއްޖެ ނޫންތޯ ކޮންމެ ގޮތަކުންވެސް އެހިސާބު ނިންމާލަން އަޅުގަނޑަށް ޖެހޭނެ."

"އެކަމަކު އަހަރެން މި އެދެނީ މިހިސާބުން ދެން އޭނާއަށް އުނދަގޫ ނުކުރުމަށް މިހާރު އޭނާއާ އަހަރެންނާ ދެމެދު އެއްވެސް ގުޅުމެއް ނެތް... އަދި ގުޅުން އެބަހުރި އަނާޖީ! ގުޅުންނެތީ ކަލާގެ...އެކަމަކު އަޅުގަނޑު ގުޅުން އެބައޮތް... އަޅުގަނޑު ފުރިހަމަ އެއްއަހަރު އޭނާގެ ޚިދުމަތުގައި މަސައްކަތް ކުރިން، އޭނާގެ ވަޒީފާގައި އަޅުގަނޑު އުޅުނުދުވަސްވަރު އޭނާގެ އެކިއެކި ބަސްބަހުން އަޅުގަނޑުގެ ހިތް ކަތިލަމުން އެގެންދިޔައގޮތް އަދި ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑު އެޝަރީޢަތުގައި ބަލިވެފައިވާކަން އިޙްސާސްކޮށްދިނުމަށް އޭނާ ކުރި މަސައްކަތް އަޅުގަނޑުގެ ހިތަކުން ނުފިލާނެ... އޭނާ އަބަދު އަޅުގަނޑަށް އޮޅުންފިލުވާދިނީ ފައިސާވެރިކަމުގެ އަހަންމިއްޔަތު.... ކޮންމެ ވާހަކައަކުންވެސް އޭނާ އަޅުގަނޑަށް އަންގައިދިނީ ޚާންއާޞިފް ރުހޭގޮތާ ޚިލާފު ގޮތަކަށް ގަހެއްގެ ފަތެއްވެސް ހެލިނުލާނެކަން...ނޫން އަނާޖީ! އަޅުގަނޑު ފުރިހަމަ އެއްއަހަރު ދުވަހު އޭނާގާތުގައި ވަޒީފާ އަދާކުރީ ވަރަށް ހިތްދަތިކަމާއެކުގައި އަޅުގަނޑު އެކަންތައްތައް ބަރުދާސްތުކުރީ ހަމައެކަނި ކަލާ އެ ޝަރީޢަތުގައި ބަލިވިޔަނުދިނުމަށް، އެކަމަކު މިޔަދު ކަލާ ތިޔަ ހަތިޔާރު ބެހެއްޓެވީ...އަޅެ ކީއްވެގެންތޯ؟ މާޖިދު އެއީ ދުނިޔޭގައި އެންމެ ފަހަށް ހުރި ފިރިހެން މީހާތޯ..އޭނާ ނެތިއްޔާ ދެން ދިރިއުޅުން ނިމުނީތޯ؟ އަދި..."

ޕްލީޒް ޘަނާ! އަނާ އަތްއުފުލާލާފައި އިތުރުއެއްޗެއް ބުނިޔަނުދީ ހުއްޓުވާލައިފިއެވެ. ޡަނާ އޭނާއާ ދިމާއަށް ޢަޖައިބުވެފައި ގޮތެއްގައި ބަލަން ހުއްޓެވެ. އެވަގުތު އަނާ  ބުންޏެވެ.

"އަހަރެންނަކީ  ދިރިއުޅުމުގައި ގަދަކަމުން ކަންތައްކުރުވާ އަނިޔާވެރިވުމަށް ވާހަކަ ދައްކާ މީހެއް ނޫން... ގަދަކަމުން ފިރިއެއް ހޯދައިގެން ވާނީ ކިހިނެއްތަ؟  އަހަރެން ފަހަރެއްގައިވެސް  މާޖިދަކީ ދުނިޔޭގެ އެންމެ ފަހަށް ހުރި ފިރިހެނާކަމަކަށް ނުވިސްނަން. އަހަރެން ހަމައެކަނި ވިސްނި އެއްޗަކީ މާޖިދުގެ މައްޗަށް އަހަރެންނަށް  ޙައްޤެއް އެބައޮތްކަން. ނަމަވެސް  އޭނާއަކީ ފިނޑިއެއްކަމާއި  ނަމަވެސް އަހަރެންގެ މަސައްކަތުން ރަނގަޅުވެދާނެއޭ އަހަރެން ވިސްނީ އެހެނަސް އެންމެފަހުން އަހަރެންނަށްވީ ނާކާމިޔާބުވީ ދެން މިހާރު އަހަރެން މިވިސްނަނީ އިތުރު މަސައްކަތް ކޮށްގެންވެސް އަހަރެންނަށް ކާމިޔާބެއް ނުވާނޭ އެހެންވީމާ ވަރުބަލިކަން އީޙްސާސް ކުރެވެނީ..

އަހަރެން ބޭނުންކަންތައް އަހަރެންނަށް ނުވީމާ އަހަރެން ބަލިވީ މިއީ އަހަރެންގައި ހުރި އެންމެ ބޮޑު ބަލިކަމަކީ ދެންއޮތީ މުދާތަކާ ފައިސާތަކުގެ މައްސަލަ...ޘަނާ! ވިސްނާލަބަލަ އެއެއްޗެތިން އަހަރެންނަސް ހިފޭނީ ކޮންބޭނުމެއް؟ އަހަރެންގެ ނަސީބުގައި އެންމެ ދެ ރޮށި ލިބެނިކޮށް ކޮންމެވެސް ތަނެއްގައި އިނދެގެން އަހަރެންނަށް އެ ކާލެވިދާނެ. ކޮންމެވެސް މަސައްކަތެއް ކޮށްގެން އެވަރު އަހަރެންނަށް ހޯދޭނޭ.... އެހެންވީމާ އެހާބޮޑު ވިޔަފާރިގަނޑެއް އަތުލުމުންވާނޭ ފައިދާއަކީ ކޮބާ؟ ދެން އޮތީ ކަލޭގެ ކަންތައްތަކުގެ ވާހަކަ ކަލެއަކީ ވަރަށް މާތް އިންސާނެއް. އެހާމެ ރަނގަޅު މީހެއް ވީމާ ތިޔަހުރިހާ ކަމެއް ނިންމާލާ ބުއްދި ސާފުކޮށްލާ އޭނާޔާ އެއްވެސް އަރާރުމެއްވެސް މިހާރު އަހަރެން ބޭނުމެއްނޫވޭ. އޭނާގެ ފަރާތުން އެއްވެސް ކަމެއްވާގޮތް ނުވީމާ ދެން ވަގުތުނަގާލަން އުޅުމުން ވާނީ ކީއް...؟" އަނާ ބުންޏެވެ.

ޘަނާ ހީނލިއެވެ. އަދި ބުންޏެވެ.

"ޝުކުރިއްޔާ އަނާޖީ! އަޅުގަނޑު މިދަނީ ކަންތައް ކުރާނެގޮތަކާމެދު ވިސްނާނަން މާދަމާ ބައްދަލުވާނަން."

ޘަނާ ތެދުވެއްޖެއެވެ.

"މިވަގުތު ދާނީ ކޮންތާކަށް މިގޭގައި ހުންނަންވީނު."

”މި ގޭގައި ހުރެވިދާނެ... އެކަމަކު ކަލާ ތިޔަ އިންނެވީ އެކަނި މާއެކަނި ކަލާގެ ޢިއްޒަތަކީ އަޅުގަނޑުގެ ކައިރީގައި ވަރަށް އަގުހުރި އެއްޗެއް އެހެންވީމާ ޚުދާ ޚާފިޒް"

އެހެންބުނެފައި ތަނާ ބްރީފްކޭސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ. މަގުމައްޗަށް ނުކުތުމާއެކު އޭނާ ޓެކްސީއެއް ނަގައިފިއެވެ. އަދި ޚާންއާޞިފްގެ ގެޔާދިމާއަށް ދުއްވާލައިފިއެވެ.

އަނާގެ ވާހަކަތަކާއި އަނާއަށް ލިބިފައިވާ މާޔޫސްކަމުން އޭނާވެސްވަނީ ވަރަށްބޮޑަށް ނާއުއްމީދުވާގޮތް ވެފައެވެ.

ނަމަވެސް ....އޭނާއަކީ ވަރަށް ގޮތްދޫނުކުރާ މީހެކެވެ. އެގޮތަށް ކަމެއްގައި ދެރަވެގެން

ދިޔުމަކީ އޭނާ ދެކޭގޮތުގައި އޭނާގެ މަރެވެ.

އެހެންކަމުން އޭނާ......

ޖެހިލުމެއްނެތި ޚާންއާޞިފްގެ ގެއަށް ވަދެއްޖެއެވެ. އެންމެފުރަތަމަ އޭނާއާ ދިމާވީ މާޖިދެވެ.

"ކަލޭތަ! އަދި މިގޭގައި." މާޖިދު އޭނާއާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.

"ކަލޭގެ ބައްޕައާ ބައްދަލުވާން ބޭނުންވޭ!"

"ކީއްކުރަން....؟" މާޖިދު އޭނާއާ ދިމާއަށް ބަލަމުން ދިޔައެވެ.

"މިހާރު ކަލޭ ތިޔަހުރީ މިގެއަށް އައިސް ...އެހެންވީމާ ބައްދަލުކުރޭ.... ކުރިއަށް އޮތްތާނގައި ހުއްދަ ހޯދައިގެން ނޫނީ މިގެއަށް ވަދެގެންނުވާނެ މިއީ މާތްމީހުންގެ ގެއެއް."

"އަހަރެން ހަނދާން ބަހައްޓާނަން...." މިސްޓަރ މާޖިދު..ޘަނާ ދިޔަގޮތަށްގޮސް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ. ކުޑައިރުކޮޅަކު ހުރެފައި ޓަކިދީފިއެވެ. ޘަނާ ބްރީފްކޭސް ހިފައިގެން ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

"އާދޭ..އާދޭ...އިށީނދޭ..އަހަރެން މީނީ ކަލޭގެ އިންތިޡާރުގައި. އެކަމަކު ކަލޭ ތިޔައީ ވަރަށް ލަސްވެފައި"

"އަޅުގަނޑަށް ޚިޔާލު ކުރެވޭގޮތުގައި އަޅުގަނޑު މިއައީ ރަނގަޅު ވަގުތަކު..." ޘަނާ ހީލިއެވެ. އަދި ގޮނޑިސެޓްގައި އިށީނދެއްޖެއެވެ.

ކުޑައިރުކޮޅަކު އިނުމަށްފަހު ބުންޏެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.