(2 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޚާންއާޞިފް ހާސްވެ ކަންބޮޑުވެފައިވާ ނަޡަރަކުން އޭނާޔާ ދިމާއަށް ބަލަން އިނެވެ.
ޘަނާ..މަޑުމަޑުން ތެދުވެއްޖެއެވެ. އަދި ޚާންއާޞިފާ ދިމާއަށް ބަލާނުލާ ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. އޭނާ ނުކުމެގެން އެދިޔަގޮތުން ހީވަނީ އެހާބޮޑު ވާހަކައެއް ބުނެވިގެން އޭނާ އަމިއްލައަށް އޭނާއަކީ ކުށްވެރިއެކޭ ހީވެގެން ދިޔައީހެންނެވެ. އޭނާގެ މޫނުމަތީގައިވަނީ ލަދުގެންފައިވުމުގެ އަސަރުތަކެވެ.
ޚާންއާޞިފަށް އެންމެބޮޑަށް ހަދާނެ ގޮތަކާމެދު ގޮތްހުސްވީ މިކަންތައްތަކުގެ ސަބަބުންނެވެ. އޭނާ އިރުކޮޅެއް ވަންދެން ވިސްނަންއިނެވެ. އަދި ކޮންމެވެސް ޚިޔާލެއް އައިސްގެން ސިއްސައިގެން ދިޔައެވެ. އައީ ވަރަށް އާދަޔާ ޚިލާފް ޚިޔާލެކެވެ. އޭނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. ޚާންއާޞިފް އިންޓަރކަމްގެ ރިސީވަރ ނަގާފައި ޘަނާއަށް ގުޅާލިއެވެ. އަދި ބުންޏެވެ.
"ކަލޭ ހަމައަޞްލުގައި ވެސް އެކިކަންތަކުގައި ސީރިޔަސް ނަމަ އަދި އެއްވެސް ކަހަލަ ލާނެތް ކަމެއްކުރަން އުޅެނީ ކަމުގައި ނުވާނަމަ އަހަރެން މިހިރީ ވަރަށް އުފަލުން. ނަމަވެސް އެންމެ ކުރިން އެހުރިހާ ލިޔުންތައް އަހަރެން އަތަށް ލިބުން ބޭނުން."
"ކަލާ މިހާރު ދުރުވެ ގެންދެވިއަސް އެންމެ ރަނގަޅު މިހާރު މިވަގުތު މި އޮފީހުގައި އެ ހުރިހާ ލިޔުމެއް އަޅުގަނޑު އަތުގައި އެބަހުރި."
"ހަމަ ރަނގަޅަށްތަ؟'
"ލައްބަ.... އަޅުގަނޑު އަދު ހެނދުނު އައީ އެ އެއްޗެތި ލޮކަރުން ނަގައިގެން..އެހެނީ އަޅުގަނޑު އައީ ހަމަމިއަދު އެ އެއްޗެތި ކަލާއަތަށް ދޭން ޤަސްދުކޮށްގެން."
"އޮފީހަށް އާދޭ! ޚާންއާޞިފް ވަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.
ޘަނާއަކީ މިހާ މޮޔަކޮށްކަންތައް ކޮށްފާނެ މީހެކޭ އޭނާގެ ހިތަށްވެސް އަރާފައެއްނެތެވެ.
ޘަނާ ޚާންއާޞިފްގެ ކޮޓަރިއަށް ވަންއިރު އޭނާގެ އަތުގައި ބްރީފްކޭސް ހުއްޓެވެ. އޭނާ ވަރަށް އަދަބު ވެރިކަމާއެކު އެ ފޮށި މޭޒުމަތީގައި ބަހައްޓާފައި ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. އޭނާ ޚާންއާޞިފާ ދިމާއަށް ބަލާވެސް ނުލައެވެ.
ޚާންއާޞީފް ކުޑައިރުކޮޅެއް ވަންދެން ބްރީފްކޭސް ބަލަން އިނެވެ. އެއަށްފަހު ތުރުތުރު އަޅައަޅާއޮތް އަތަކުން އޭނާ އެ ފޮށި ހުޅުވާލިއެވެ. އެތެރޭގައި އޮތީ ވަރަށް ބޯ ފައިލެކެވެ. އޭގެ ތެރޭގައި ޢަދަދު ނުކުރެވޭ ހާގިނަ ލިޔުންތައް ހުއްޓެވެ. އެ ލިޔުން ތަކަކީ އޭގެ ސަބަބުން މިހާތަނަށް އޭނާ މުޅީން ބަރުބާދުވާން ޖެހިފައިވާ ލިޔުންތަކެވެ.
އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެ ލިޔުންތައް ބަލަން ފަށައިފިއެވެ. އެކިއެކި ލިޔުން ވަކިވަކިން ޗެކްކުރަމުންނެވެ. އެ މަސައްކަތުގައި އޭނާ ފުރިހަމަ އެއްގަޑިއިރު ހޭދަކުރިއެވެ. އަދި އެ ހުރިހާ ލިޔުންތައް ގޮތްގޮތަށް ބަލާ ނިންމުމަށްފަހު އޭނާ އަނގައިން ފުންނޭވާއެއް ލެވުނެވެ.
އެއާއެކު އޭނާގެ ލޮލުގެ ތެރެއިން އައު ވިދުވަރެއް ފެނިގެން ދިޔައެވެ. އޭނާގެ ހިތަށް އަރަމުންދަނީ ޘަނާ މިވަރުގެ މޮޔަކަމެއް މިކުރީ ކީއްވެގެން ބާވައެވެ. އޭނާއަށް ކުރިމަތިވެފައިވަނީ ކޮން މަޖްބޫރީއެއްބާވައޭއެވެ.
އޭނާ ބުނަމުން އެ ދަނީ ތެދު ހެއްޔެވެ.؟
މިހާރުވެސް ޢާޝީގެ ކައިވެނި އޭނާއާ ކޮށްދިނުން އެއީ އަހަރެންނަށް ބޭނުން ކަމެއް ހެއްޔެވެ. ޚާންއާޞިފް އަނެއްކާވެސް އިންޓަރކަމުން ޘަނާއާ ގުޅައިފިއެވެ.
"އަހަރެން ކައިރިއަށް އައިސްބަލަ!"
ގިނައިރެއްނުވެ ޘަނާ އަނެއްކާވެސް ޚާންއާޞިފްގެ ކައިރިއަށް އަތުވެއްޖެއެވެ. އޭނާ ހުރީ އިސްޖަހާލައިގެންނެވެ.
"އިށީނދޭ!"
ޚާންއާޞިފް އޭނާއާ ދިމާއަސް ބަލަން އިނދެފައި އެ ތާހުރި ގޮނޑިއަކަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
ޘަނާ އިށީނދެއްޖެއެވެ. ޚާންއާޞިފް އިރުކޮޅެއް ވަންދެން އޭނާއާ ދިމާއަށް ކަޅިއަޅާލާފައި ބަލަން އިނެވެ. "އަހަރެންނަށް ކަލެއާއެކު އަހަރެންގެ ދަރިފުޅުގެ ކައިވެނި ކޮށްދެވޭކަށް ނެތް. އެހެނީ މިހާރުމިހާރު އަހަރެންގެ އެއްވެސް މަޖްބޫރުވުމެއްނެތް. ކަލޭގެ މަޅިން މިހާރު އަހަރެން މިވަނީ ސަލާމަތްވެފައި."
"ކަލާ ތިޔަބުނުއްވަނީ ތެދެއް އަދި އަޅުގަނޑު މިއަދު މިއިނީ ވަރަށް ލަދުން. އެއީ މޮޔަ އަންހެނެއްގެ ބަސްއަހައިގެން ކަލާއަށް އުނދަގޫތަކެއް އުފުލަން މަޖްބޫރު ކުރެވުނީތީ ކޮންމެއަކަސް މިހާރު އަޅުގަނޑުގެ ޒަމީރު ހިތްހަމަޖެހިއްޖެ. މިހާރު ދެން އަޅުގަނޑު އެއްވެސް މީހެއްދެކެ ލަދުގަންނާކަށް ނުޖެހޭ."
ކުއްލިއަކަސް ޚާންއާޞިފް ވާހަކަ ބަދަލުކޮށްލިއެވެ.
"ކަލޭ ޢާޝީގެ ކައިވެންޏަށް އެދުނީ ކީއްވެގެން؟"
"އޭނާއަކީ ވަރަށް މާތް އަދި ނުހަނު ސާދާ އަންހެން ކުއްޖެއް. އަޅުގަނޑު ކަލާގެ ގޭގައި ކުޑަދުވަސްކޮޅަކު ހުރީމު.... އެދުވަސްވަރު އަޅުގަނޑަށް އޭނާ ފެނިގެން އަޅުގަނޑު އޭނާދެކެ ލޯބިވީ.... އޭނާގެ ކައިވެންޏަށް ކަލާގެ ފަރާތުން އެދެވުނީ މިސަބަބަށްޓަކައި ނަމަވެސް ކަލާ އަޅުގަނޑުގެ އެ އެދުން ރައްދު ކުރެއްވީ. އަޅުގަނޑު އެކަމަކާ ހިތާމައެއް ނުކުރަން. އެއީ ކީއްވެތޯ؟ ކަލާއެކަން ކުރައްވަން ވާނީވެސް އެހެން.... ކަލާގެ ފިޠުރަތާއި މުޅީން އެއްގޮތްވާ ގޮތުގެ މަތީން.... އެހެންވީމާ މިހާރު ދެން އަޅުގަނޑު ދިއުމުގެ އަމުރުދެއްވާ! އަޅުގަނޑު ބޭނުންވަނީ ސަހާރަންޕޫރަށް އެނބުރި ދިއުމަށް...މި ޝަހަރަކީ އަޅުގަނޑަށް މާނަޞީބު ރަނގަޅު ޝަހަރަކަށްނުވޭ!"
އަނެއްކޮޅުން
ޚާންއާޞިފްގެ ލޯ ޙަޤީޤަތުގައިވެސް ޙައިރާންވެގެންގޮސް ތެމިއްޖެއެވެ. ޘަނާގެ ކިބައިން މިކަހަލަ އަދަބުވެރި އަދި ކިޔަމންތެރި ޙަޞީލަތްތަކެއް ފެނިދާނެ ކަމަސް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ނަމަވެސް ޢާޝީގެ ކައިވެނި އޭނާއަށް ދިނުމާމެދު އިންކާރު ކުރުމުންވެސް ޘަނާގެ ފަރާތުން މިފެނުނީ މަޑުމައިތިރި އަޚްލާޤެކެވެ.
"މިސްޓަރ ޘަނާ! އަހަރެންގެ އަންހެން ދަރިފުޅާ ވާހަކަ ދައްކާފައި ބުނާނަން އޭނާ އިޢުތިރާޟު ނުކުރާ ކަމަށްވާނަމަ އަހަރެން އުފަލާއެކު ކަލެއަކީ އަހަރެންގެ ދަނބިދަރިފުޅުކަމަށް ހަދާނަން."
"އޭނާވެސް ކުރާނީ އިންކާރުކަން އަޅުގަނޑަށް ޔަޤީން އެކަންވާންވާނީވެސް އެހެން. އެހެނީ ކަލާއާއި ކަލާގެ މީހުންނަށް އެމީހެއްގެ ސަބަބުން އެތައް އުނދަގުލެއް ކުރިމަތިވެފައިވާ މީހަކާ ޢާޝީ ކައިވެނި ކުރައްވަންވީ ކީއްކުރައްވަންތޯ؟ އަޅުގަނޑަށް ހީވާގޮތުގައި އޭނާގެ ހިތުގައި އަޅުގަނޑާމެދު އޮންނާނީ ނަފްރަތު .އެހެންވީމާ ރަނގަޅު ގޮތަކަށްވާނީ ކަލާ އޭނާކުރެން ނޭއްސެވުން އަދި ކީއްތޯ އަޅުގަނޑު ސަހާރަންޕުރަށް އެނބުރި ދިއުމުގެ އަމުރު ދެއްވުން."
"ކަލޭ ކޮޓަރިއަށް ދޭ" ޚާންއާޞިފް ފުންނޭވާއެއް ލާފައިބުންޏެވެ.
ޘަނާ ތެދުވެގެން އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ޚާންއާޞިފް ވިސްނަމުން ގެންދިޔައީ މި ކުއްޖާއަށް ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް އައިގޮތަކާ މެދުގައެވެ. އަދި ޘަނާ ދެއްކިވާހަކަ ތަކާމެދު އޭނާ ވަރަށް ބޮޑަށް ފިކުރުކޮށްފިއެވެ. ނަމަވެސް އެ ވާހަކަތަކުން އެއްވެސްކަހަލަ ނުބައެއް އޭނާއަކަށް ނުފެނުނެވެ.
އެހެންކަމުން.... އޭގެ ބަރާބަރު ދެގަޑިއިރުފަހުން....
ޚާންއާޞިފް އޭނާގެ ދަރިފުޅު ޢާޝީގެ ކައިވެނި ޘަނާއާއެކުގައި ކޮށްދިނުމަށް ނިންމައިފިއެވެ.
ޘަނާ ހަވީރު ގެއަށް ހިނގައްޖެއެވެ.
އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނާ ހިތަށް އަރަމުންދަނީ ޚާން އާޞިފްވަރުގެ މޮޔަ އިންސާނެއް މި ދުނިޔޭއަށް ދުވަހަކުވެސް އުފަން ނުވާނޭކަމުގައެވެ. އެ ހުރިހާ ލިޔުންތައް އަނބުރާ ދިން އިރު އެ ތަކެތީގެ ފޮޓޯކޮޕީ ހަދާފާނެކަން ނުވަތަ އޭގެ މައިކްރޯ ފިލްމް ހަދާފާނެކަން އޭނާއަސް ނޭނގެނީބާވައެވެ. އެހެން ހިތަށް އަރާފައި އޭނާ އަމިއްލައަށް ހިނިއައެވެ. ކުއްލިއަކަށް....
ކޮޓަރީގެ ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑުއިވިއްޖެއެވެ.
އައިމީހަކީ ޒުމައްރަދެވެ.
މިއަދު އޭނާހުރީ ބޭނުން ވަރަށްވުރެވެސް ބޮޑަށް ފަރިވެފައެވެ. ޒުމައްރަދު އައުމުން ޘަނާ ތެދުވެއްޖެއެވެ.
"ފުރާނަޔާ! އާދޭ... ކޮންޙާލެއްތޯ؟"
"މިއައީ ކަލާއަށް އުފާވެރި ޚަބަރެއް ދޭންވެގެން!"
"އާދޭ... އާދޭ.... އަޅުގަނޑު ކައިރީގައި އިށީންނަވާ! އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކަލާގެ ހަށިގަނޑުގެ މީރުވަސް ވަނީ އަޅުގަނޑަށް ނުލިބި.."
ޒުމައްރަދު ހީނލިއެވެ. އަދި ޘަނާ ކައިރީގައި އެނދުގައި އިށީނދެއްޖެއެވެ.
"ކަލާއަށް ޓަކައި ވަރަށް ރަނގަޅު ޚަބަރެއް އެބައޮތް!"
އެތަންވަޅު ޘަނާ އޭނާގެ އަތުގެ ތެރެއަށް ޒުމައްރަދު ގެނައެވެ. އަދި އޭނާގެ ތުންފަތުގައި ހަނދުވާލާދީފައި ބުންޏެވެ.
"ކޮންކަހަލަ ރަނގަޅު ޚަބަރެއްތޯ؟"
"އެންމެ މުހިއްމު އުފާވެރި ޚަބަރަކީ ކަލާ އަޅުގަނޑުގެ އަތުގެ ތެރޭގައި އޮންނެވި ޚަބަރު..."
"އަދި ދެން އަބަދުވެސް އޮންނާނީ ކަލާގެ އަތުގެ ތެރޭގައި."
"ތިޔަބުނުއްވަނީ ކީކޭތޯ؟" ޘަނާ ސިއްސައިގެން ދިޔަގޮތް ދައްކާލިއެވެ.
"އަޅުގަނޑު މާޖިދު ކައިރީން ވަރިވެއްޖައީން!"
"ކީކޭތޯ؟"
ޘަނާ ކުއްލިއަކަށް ޒުމައްރަދު އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އޭނާޔާ އަރާރުންވީ އަދި އެ އަރާރުންވާން އޭނާއަށް މަޖްބޫރު ކުރުވީވެސް ހަމަ އަޅުގަނޑު. އެ އަރާރުމުގެ ތެރޭގައި އަޅުގަނޑު އޭނާގާތު ވަރިވާން އެދުނީ. އަޅުގަނޑު ވަރިކުރާށޭ އޭނާ ގާތުގައި ބުނީ އަދި މާޖިދު އަޅުގަނޑު ވަރިކުރީ. އޭނާގެ ވަރިބަސް މިހާރު ވަނީ ލިބިފައި. އަދި ދެތިން ދުވަހެއްގެ ތެރޭގައި އޭގެ ރަސްމީ ލިޔުންތައް ތައްޔާރުވެގެން އަޅުގަނޑުގެ އަތަށް ލިބޭނެ."
"ތިޔައީ ކަލާ ހެއްދެވި ވަރަށް ބޮޑު ގޯހެއް!"
"ކީއްވެތޯ؟" ޒުމައްރަދު ޙައިރާންވެފައި ބުންޏެވެ.
ޘަނާ ޖަވާބު ދިނުމުގެ ބަދަލުގައި އެނދުން ތެދުވެގެން ކޮޓަރި ތެރޭގައި ހިނގަން ފަށައިފިއެވެ.
(ނުނިމޭ)
ހާދަ ލަހުންނޭ މިވާހަކަ ތިޔަ ގެނެސްދެއްވަނީ ފާރޫގް.
varah varahves reethi