އަނާ - 50

(16 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ މިހާރު އޭނާގެ އައު ގެއަށް ބަދަލުވެއްޖެއެވެ. އެހެންކަމުން ޚާން އާޞިފްގެ ގޭގެ ހުރިހާ ހިސާބަކަށް ވެރިވެފައިވަނީ ހިމޭންކަމެވެ.

ގޭގެ އަނެއްފަރާތުގައި ޚާންއާޞިފް އެ ގޭގެ ނޯކަރަކަށް އުޅޭ ޒުބޭދާއާ ވާހަކަ ދައްކަނީއެވެ.

"އޭނާ އަދިވެސް މަރެއްނުވޭ...މިހާރު އޭނާ މި ގެއިން ފިލާ ރައްކާވެސް ވީ. އޭނާއަށް ޒަހަރު ދެމުންދާކަން އޭނާއަށް އެނގުނީތަ؟"

"ނޫން....ބޮޑުޚާން ޞާޙަބް....އެކަހަލަ ކަމެއްވީނަމަ އޭނާ ކޮންމެވެސް މީހެއްގާތުގައި ކޮންމެވެސް އެއްޗެކޭ ބުނީސް ނޫންތޯ! އެ ކުއްޖާ މަރުވެއްޖެ...އެކަމަކު އޭނާ މަރެއް ނުވި... އޭނާއަށް ޒަހަރު ދެމުންދިޔައީ ހަމަ ޞާޙިބާ ބުނުއްވި މިންވަރަށް...އޭނާ މަރުނުވެ ދިރިހުރިއްޔާ އެހުރީވެސް އެހެންވެގެން...."

"އެންމެ ރަނގަޅު...ދެންކަލޭ ދޭ..ނަމަވެސް އަނގަ ބަންދުކޮށްގެން ހުންނާތި...އެއްވެސް މީހެއްގާތުގައި އެއްވެސް އެއްޗެއް ނުބުނާތި! އެހެންނޫނިއްޔާ ދާން ޖެހޭނީ ހަމަސީދާ ދަންޖައްސާ ފިލާގަނޑުގެ މައްޗަށް..."

"އެކަމަކު އަޅުގަނޑު މި ހުރިހާ ކަމެއްވެސް ކުރީ ހަމަކަލާ ބުނުއްވައިގެން ނޫންތޯ؟ ބޮޑުޚާން ޞާހަބު!" ނޯކަރު އަންހެންކުއްޖާ ޖަވާބުދިނެވެ.

"ހަމައެއްވަރުގެ ކުށްވެރިއަކަށް ...އެހެންވީމާ އަނގަ ބަންދުކޮށްގެން ހުންނާނޭ މި ބުނީ..." ޚާންއާޞިފް ވަރަށް އަވަހަށް ޖަވާބުދިނެވެ. އަދި އޭނާގެ ޖީބުން ނޫޓް ބޮނޑިއެއްނަގާފައި އެ އަންހެންކުއްޖާއާ ދިމާއަށް އެއްލިއެވެ. އަދި ވަރަށް މަޑުމަޑުން ބުނެލިއެވެ.

"މިހާރުދެން ކަލެއަށް ރަށަށް ދެވިދާނެ... މި ތާނގައި ކަލޭ ހުރުންވެސް ދެން ރަނގަޅެއް ނުވާނެ...ކަލޭ މި ގޭގައި އުޅުނުކަން ވެސް ހަނދާން ނައްތާލާ!"

"ހަނދާން ނައްތާލާނަން...ބޮޑު ޚާން..."

"ދޭ ...ކަލެއަށް ރަނގަޅުވާނީ އެގޮތް" ޚާންއާޞިފްގެ އަޑުގައިވަނީ ހާސްކަމުގެ އަސަރެވެ.

ދެން އެ ނޯކަރު އަންހެންމީހާ ހިނގައްޖެއެވެ.

މައްސަލައިގެ މުހިއްމު އެއްހެއްކެއްގެ ކަންތައް ނިމުނީއެވެ. އޭނާ އެ ތަނަކުން އައިތަނަކަށް އެނބުރި ދިޔައީއެވެ. އޭނާ އައީ ކޮންތާކުން ކަމެއް އަދި ދިޔައީ ކޮންތާކަށް ކަމެއް ޚާން އާޞިފް ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ.

އޭނާ ދިޔަތާ ކުޑައިރުކޮޅެއްފަހުން ޚާން އާޞިފް ޓެލެފޯޏުން ކުންފުނީގެ މެނޭޖަރ ޙަޔާމްއަށް ގުޅައިފިއެވެ.

"ވާހަކަދައްކަނީ ޚާން އާޞިފް.. މިހާރު އަހަރެން ބުނި ހުރިހާ މަޢުލޫމާތުތަކެއް ކަލޭ އެއްކޮށްފިންތަ؟"

"ލައްބަ ޞާހިބާ، މިހާރު އެ ވާހަކަތައް ކަލާއަށް ނަންގަތުމުގެ ހައްޤެއް އަޅުގަނޑަށް ލިބިފައިނެތް. ނަމަވެސް ކުރިން އޮތް ގުޅުމުގެ ސަބަބުން ކަލާއަށް ހަމައެކަނި މިހާވަރަށް ނަންގެންފާނަން... ކެނެޑާއާއި ނިއުޔޯރކާއި ފަރަންސޭސި ވިލާތުގައި ހުރި ހުރިހާ ކުންފުނިތަކާ އަނާޖީ ވަނީ މިހާރު ގުޅުން އުފައްދަވާފައި. އަދި އެ ކުންފުނިތައް ވަނީ މުޅިން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންނަވާފައި. އަސްލުގައި މިސްޓަރ ޘަނާ އޭނާއަށް ތަރުބިއްޔަތު ދީފައިވަނީ އެ ގޮތަށް. އަޅުގަނޑަށް ހީވާގޮތުގައި މިހާރު ކަލާއަކަށް އެއްވެސް ކުންފުންޏަކާ ގުޅުމެއް ނުހިންގެވޭނެ. އެ ތަންތާނގައި ކަލާގެ ނަމުގައި ހުރި ހުރިހާ އެކައުންޓްތަކެއް ވެސް މިހާރުވަނީ ކުންފުނީގެ ނަމަށް ބަދަލުކޮށްފައި."

"މި ހުރިހާ ކުންފުނިތަކެއް ރަޖިސްޓްރީ ކޮށްފައިވަނީ ކާކުގެ ނަމުގައިކަން އަހަރެންގާތު ބުނެފާނަންތަ! އަނާގެ ނަމުގައިތަ ނުވަތަ ޘަނާގެ ނަމުގައިތަ؟"

"އެ ދެ މީހުންގެ ނަމުގައެއްނޫން.... ހުރިހާ ވިޔަފާރިއެއްވެސް އަދި ކުންފުނިތަކެއްވެސް ރަޖިސްޓްރީ ކޮށްފައިވަނީ ޚާން އެންޓަރ ޕްރައިޒްގެ ނަމުގައި. އެ ތާނގެ މެނޭޖިންގ ޑިރެކްޓަރަކީ އަނާޖީ.. މިހާރު މިކަންވަނީ ހުރިހާ ތަންތަނަކަށް އަންގާ ނިންމާފައި...އަނާޖީ މިހާރު އުޅުއްވަނީ ކުޑަދުވަސްކޮޅަކަށް ބޭރު ތަންތަނަށް ދަތުރެއް ކުރައްވަން .އަދި އަޅުގަޑުގެ ނަޞީބު ރަނގަޅުކަމުން އެ ދަތުރުގައި އަނާޖީއާއެކު އަޅުގަނޑު ގެންދަވަންވެސް ވަނީ ޤަޞްދުކުރައްވާފައި."

"އަހަރެންނާ ގުޅުން ބަހައްޓައްޗޭ އަހަރެން ކަލެއަށް ވަރަށް ގިނަ ފައިސާ ދޭނަން."

"އަޅުގަނޑަކީ ވެރީންނަށް ވަފާތެރި މީހެއްކަން ކަލާއަށް އެނގިލައްވާނެ. ކަލާ އަޅުގަނޑުގެ ވެރިޔަކަށް ހުންނެވިއިރު އަޅުގަނޑު ކަލާއަށް ވަފާތެރިވީނު.... މިހާރު އަޅުގަނޑުގެ ވެރިޔަކީ އަނާޖީ. މިހާރު އަޅުގަނޑު ވަފާތެރިވާނީ އޭނާއަށް.. އެހެންވީމާ މިހާރު އަޅުގަނޑަށް ކަލާއަށް އިތުރު ޚިދުމަތް ކޮށްދެވޭކަށް ނޯންނާނެ." ޙަޔާމް ޖަވާބު ދިނެވެ.

ޚާންއާޞިފް ރުޅިއައިސްފައި ފޯން ބާއްވައިފިއެވެ.

ހުރިހާ ފަރާތަކުންވެސް ބަލިވަނީއެވެ. ކަންތައްތައް ނާކާމިޔާބު ވަނީއެވެ. މިހެންވެދާނޭ ފަހަރެއްގައިވެސް  އޭނާއަށް ވިސްނިފައެއް ނެތެވެ. މިހާރު އޭނާ އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އިންކަމް ޓެކްސްއަށް މަކަރު ހަދާފައިއޮތްކަމުގެ ކުށުގައި ޖަލަށް ދާން އޭނާއަށް ޖެހޭނެއެވެ. އޭނާ ވަނީ ސަރުކާރަށް މަކަރު ހަދާފައެވެ. އެއްކަމަކީ އިންކަމްޓެކްސް ނުދީ ހުރުމެވެ. އަނެއްކަމަކީ ބޭރު ޤަޥްމުތަކުގައި އޭނާ ކުރާ ވިޔަފާރީގައި އެތައް މިލިޔަން ފައިސާއެއް ވަގަށް ގެންގުޅެމުން ދާކަމެވެ. ފަހަރެއްގައި ވެސް މިހިރަ ކަންކަމަށް ސަރުކާރުން މާފެއް ނުކުރާނެއެވެ.

ޘަނާއުﷲ އޭނާ ބްލެކްމެއިލް ކުރަމުން މި ގެންދަނީ މިކަންތައްތައް މެދުވެރިކޮށްގެންނެވެ. އޭނާއަށް ޘަނާއާމެދު އިތުބާރު ކުރެވުނީއެވެ. ފަޤީރު ނިކަމެތި ވަކީލެކޭ ހީކޮށް އޭނާއަށް ފައިސާދީގެންނެވެ. އޭނާ ދެކޭގޮތުގައި ފައިސާއަކީ ކޮންމެ އިންސާނެއްވެސް އޭގެ ދަށުގައިވާއެއްޗެއް ކަމަށްވާތީއެވެ. އޭނާ މަސައްކަތް ކުރީ އޭނާގެ އިޙްސާންތެރިކަމުގެ ތެރޭގައި ޘަނާ ވަޅުލާށެވެ. ނަމަވެސް ކަންވީ އެހެނެއްނޫނެވެ. ޘަނާ އޭނާކައިރިއަށް އައިސް އުޅުނީ ބަދަލު ހިފަންވެގެންނެވެ. އަދި އޭނާގެކަންތައް ކާމިޔާބުވުމުން އެތަނުން ނުކުމެގެން ދިޔައީއެވެ.

މިހާރު އޭނާއަށް ނުވިސްނޭ ކަމަކީ ޘަނާ މި ހުރިހާ ކަމެއްކުރީ އަނާއަށްޓަކައި ކަމަށްވާނަމަ އެކަމުން ޘަނާއަށް ލިބުނީ ކޮންއެއްޗެއް ކަމެވެ. ފައިސާއެއް ނުލިބެއެވެ.

ލޯބިވެރިއެއްވެސް ނުލިބެއެވެ. ފަހެ އޭނާ އަނާދެކެ ލޯބިވީ ބާވައެވެ.

މިއީ ވަރަށް މުޙިއްމު ސުވާލެކެވެ.

އަނާދެކެ ލޯބިވާނަމަ އަނާޔާ ދުރުގައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟

އޭނާއަށް އެނގިފައިވާ ގޮތުގައި މިހާރުވެސް ޘަނާ އުޅެނީ ސަހާރަންޕޫރުގައެވެ. އަދި އެތާނގައި ވަކީލުކަމުގެ މަސައްކަތް ކުރަމުން ދަނީއެވެ. މިގެންވަނީ ކީއްވެގެން ބާވައެވެ.

އޭނާއަކީ އެހާ އިޚްލާސްތެރި އިންސާނެއް ހެއްޔެވެ. އަނާއަށްޓަކައި އެހާގިނަ ކަންތައްތައް ކޮށްދީފައި އެއްވެސް އެދުމެއްނެތި އެއްވެސް އެއްޗެއް ނާތުލާ އަމިއްލައަށް ހިނގާދާނެ ބާވައެވެ.

ނޫނެކެވެ. އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. އެ ދެ މީހުންގެ ދެމެދުގައި ކޮންމެވެސް ގުޅުމެއް ނުވަތަ ގާތްކަމެއް އޮންނާނެ ކަން ޔަޤީނެވެ.

އެހެންކަމުން އޭނާއަށް ވިސްނުނީ އޭނާ ޘަނާއާ ބައްދަލުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. މިގޮތަށް ދެ އަތް އުރާލައިގެން ހުރެގެން އެއްވެސް ކަމެއްނުވާނެ ކަމަށެވެ.

އޭގެ ފަހުން ތިންވަނަޔަށްވީ ދުވަހު ޚާންއާޞިފް ސަހާރަންޕޫރަށް ހިނގައްޖެއެވެ. އެ ރަށަށް އޭނާ ދިޔައީ  އޭނާގެ އަމިއްލަ ކާރުގައެވެ. އެ ތަނުން ޘަނާއާ އޭނާ ބައްދަލުވީ އެ ރަށުގެ ކޯޓްގެ ގޭޓުކައިރިންނެވެ.

"ކަލާތޯ...... އަދި މި ރަށުގައިތޯ؟" ޘަނާ މިހެންބުނީ ވަރަށް ޙައިރާންވެފައިވާ ގޮތެއްގައެވެ.

"އާނ...ހިނގާ ކޮންމެވެސް ހޮޓެލަކަށް!"

"އެއްކަލަ ކުރީގެ ހޮޓާ ރަނގަޅުވާނެ ނޫންތޯ! އެ ތާނގައި މީގެ ކުރީ ދުވަހަކު ވެސް އަޅުގަނޑުމެން ވިޔަފާރިއެއް ހިންގަންއުޅެ ނާކާމިޔާބުވެފައިވެސް އޮންނާނެ ދޮގެއްތޯ؟" ޘަނާ ވަރަށް މަލާމަތް ފާޑަކަށް ބުންޏެވެ.

ޚާންއާޞިފް ކާރުގެ ދޮރު ހުޅުވާލާފައި ޘަނާ ކާރަށް އެރުމަށް ބުނެފިއެވެ. އަދި ޘަނާ އެރުމުން ކާރު ދުއްވާލައިފިއެވެ.

ކުޑައިރުކޮޅެއް ފަހުން އެ ދެ މީހުންތިބީ އެއްކަލަ ހޮޓެލުގެ މޭޒެއްގެ ކައިރީގައެވެ.

"ލައްބަ! ދެން ބުނުއްވާ އަޅުގަނޑު ކަލާއަށް ކޮށްދެވޭނެ ކޮން ޚިދުމަތެއްތޯ؟"

"ޚިދުމަތް ކޮށްދެން މިއައީ އަހަރެން މިސްޓަރ ޘަނާ! އެއީ ކީއްވެގެން އެއީ މި ބިންމަތީގައި ކަލެއަށްވުރެ ބޮޑުމޮޔައެއް އަދި ތަންދޮރު ނުފިލާ މީހެއް އަހަރެންނަށް ފެނިފައި ނުވާތީ."

"ޝުކުރިއްޔާ ޚާން އާޞިފް!" ޘަނާ ހިނިތުންވެލިއެވެ.

ޚާން އާޞިފް ވެސް ހީނލާފައި ބުންޏެވެ.

"އަހަރެން ބުނަންވެގެން މިއުޅެނީ ކަލޭ މިހާރު ކޮށްގެން ތިޔައުޅޭ ވިޔަފާރީން ކަލެއަށްވާނީ ގެއްލުމޭ.... އަޅެ ކަލޭ ތިޔަހާބޮޑަށް ބޮލުގައި ރިއްސުން އުފުލައިގެން އުޅުމުގެ ސަބަބަކީ ކޮބައިތަ؟ ކަލޭ  ފުރިހަމަ އެއްއަހަރު އަހަރެން ކައިރީގައި މަސައްކަތް ކުރި އަދި ކަލޭ އަހަރެން މުޅިން ބަރުބާދުކޮށްލި މިކަންކަމުން ކަލެއަށް ލިބުނީ ކޮންއެއްޗެއް؟"

"ވަރަށް ގިނަ އެއްޗެހި ލިބުނު."

"މިސާލަކަށް ކޮންއެއްޗެއް؟" ޚާން އާޞިފް ހީނލިއެވެ.

"އަޅުގަނޑުގެ ކެރިއަރަށް ހުތުރެއް އެރިޔަނުދީ ސަލާމަތްކޮށްދެވުނުކަން. އެ ކޭހެއް ކާމިޔާބުވުމާމެދު އެންމެ ޕަރސެންޓެއްގެ ރިސްކެއްވެސް އޮންނަ ކޭހެއް އަޅުގަނޑު ނުނަގާކަން ކަލާ ހަނދާން ހުންނާނެ ކަންނޭނގެ. ހަމައެހެންމެ ދެރަ ކޭހެއްވެސް އަޅުގަނޑު ނުނަގަން. އަޅުގަނޑުގެ އުޞޫލަކީ ޙައްޤު ހޯދުމަށް ޓަކައި މަސައްކަތްކުރުން ހަނގުރާމަ ކުރުން. އަނާގެ ކޭސްފަދަ މައްސަލަތަކުގައި ވަކާލާތުކުރުން އަނާ ހުންނެވީ ޙައްޤުގައި ނަމަވެސް އެ ކޭހުގައި ކަލާ ވަގުތީގޮތުން އަޅުގަނޑު ބަލިކޮށްލެއްވީމު.

ޙަޤީޤަތުގައި އެއީ ކަލާ ކުރެއްވި ކަމެއްނޫން. ކަލާގެ އަތުގައިހުރި ފައިސާ ކުރިކަމެއް. އެހެންވީމާ އަޅުގަނޑަށްވެސް މި ހަނގުރާމަ އަލުން ކުރަން ޖެހުނީ އަދި މިވިޔަފާރި މިގޮތަށް ކުރީ އެ ވިޔަފާރިން. އަޅުގަނޑަށް ލިބުނު އެއްޗަކީ އެއީ. އަދި ނަންގަންނަން އަޅުގަނޑު ކުރި މަސައްކަތަށް އަޅުގަނޑަށްވަނީ ފީވެސް ލިބިފައި. އެ ފީއަކީ ރަނުން ހަދާފައި އޮތް ދެ ތަނޑުގަނޑު އަޅުގަނޑުގެ މުވައްކިލުގެ އަތުގައި އޭރު އަޅުގަނޑުގެ ފީއަށް ދޭނެއެއްޗެއް ނެތިގެން އޭނާގެ އަތުގައި އޮތް ދެ ތަނޑުގަނޑު ބާލާފައި އަޅުގަނޑަށް ދިނީ. އަޅުގަނޑު މި ކޭހުގައި މަސައްކަތް ކުރަން އެއްބަސްވީ އެ ފީއަށް."

"ފަހުން އަނާޖީ އަޅުގަނޑަށް އިތުރަށް ފީ ދެއްވަން ހުށަހެޅުއްވި ވެސްމެ. އަދި ދެއްވަން މަސައްކަތް ވެސް ކުރެއްވި. ނަމަވެސް އަޅުގަނޑުގެ އުސޫލުތަކެއް ހުރޭ. އޭގެ ތެރެއިން އެއްއުސޫލަކީ ލިބޭ އެއްޗަކާމެދު ހިތްހަމަޖެއްސުން."

"ވަރަށް ރަނގަޅު" ޚާންއާޞިފް އޭނާޔާ ހަތަރުކަޅި ހަމަކޮށްލިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.