ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް، އިދިކޮޅު ކޯލިޝަނުން އިންތިހާބު ބޮއިކޮޓެއް ނުކުރި

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިލެއްވުމުން އެ ކޯލިޝަނުން ނޫނެކޭ ބުނެފިއެވެ.

ރައީސް ޔާމީން މިގޮތަށް އެދިލެއްވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.

ސެނެޓުގެ ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓު މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، ސެނެޓުން ނިންމީ ޔާމީނަށް އެގޮތަށް ލަފާ އެރުވުމަށް ކަމަށެވެ.

ރައީސް ޔާމީން އެންގެވި އެންގެވުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ސެނެޓުން ބައްދަލުވުމެއް ބާއްވައި، ވަނީ ވޯޓެއް ނަގާފައެވެ.

126 ސެނެޓަރުން ބައިވެރިވި އެ ބައްދަލުވުމުގައި އިންތިހާބުގައި ބައިވެރިވާން 67 ވޯޓު ލިބުނުއިރު، އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 45 ސެނެޓަރުންނެވެ. ބައެއް ސެނެޓަރުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫޫރީ މައްސަލައިގެ އަޑުއެހުން ނިންމާލައި، ކޯޓުން ގޮތެއް ކަނޑައަޅާފައި ވަނީ މިއަދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.