ކ. ގުރައިދޫގައި ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކ. ގުރައިދޫގައި ހޮސްޕިޓަލެއް އަޅައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން އެ އަތޮޅު ގުރައިދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ އެ ރަށުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތައުލީމީ ނިޒާމަށް ގެނެސްދެއްވާ ތަރައްގީގައި އެ ރަށުގެ ސްކޫލަށް 10 ކްލާސްރޫމް އިތުރުކޮށް މަލްޓިޕާޕަސް ހޯލެއް އަޅައި ދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ  އެ ރަށުގައި އެއަރޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށާއި އެއަރޕޯޓް ހަދާ އިރު، ބޭނުން ވާ ވަރަށް ޖާގަ އިތުރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު ހިންގަން އެ ރަށުގެ ބިން ހިއްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އެއަރޕޯޓުގެ ވާހަކަ ދައްކަވާފައިވާއިރު، އެކަމުން އުމްރާނީ ގޮތުންނާއި އިގްތިސޯދީ ގޮތުން އެރަށަށް ފައިދާތައް ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގުރައިދޫގައި ކުނި މެނޭޖްކުރަން ވެސް ރަނގަޅު ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ހަފްތާ ތެރޭގައި ކެމްޕެއިންނަށް މުއިއްޒު ވަނީ އ. ރ. ބ. ޅ އަދި ލ. އަތޮޅަށް ވަޑައިގެންފައެވެ. ލ އަތޮޅުގެ ދަތުރުގެ އެއްބައި ނިންމެވުމަށް މާލެ ވަޑައިގެން ރިޔާސީ ބަހުސް ނިންމަވާ ތ. އަތޮޅަށް މިހާރު ވަޑައިގެންފައި ވާއިރު، ލ. ގެ ބާކީ ހުރި ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށަށް ވެސް އަދި ވަޑައިގަންނަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.