ފަލަސްޠީނުގެ ސަފީރު، އިސްލާމިކް މިނިސްޓަރ އާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ ޢަލީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއިއެކު އޮންނަ އޮތުން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ހައްޤު ހޯދުމަށް އެ ޤައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ޤައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ޤައުމެއްކަން ފާހަގަކުރައްވައި ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްޠީނަށް ކުރާ ތަޢީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަފީރުވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި މިއަދު އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ޤައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށް ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްޠީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައިކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖެއިން ތަޢީދުކުރާނީ ފަލަސްޠީނަށްކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ފަލަސްޠީނާއިދެެމެދު ވެވޭ އެއްބަސްވުމާއިއެކު މިގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން އެހީތެރިކަން ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަމުގައި އެހީތެރިކަން ދެވިދާނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.