ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ މިއަހަރުގެ ފޯރަމް ފަށައިފި

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ މިއަހަރުގެ ފޯރަމް ފަށައިފިއެވެ.

އިހްޔާ ފޯރަމްގެ ފުރަތަމަ ބައްދަލުވުން ފަށާފައިވަނީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބުމުގައި އަވަސްވެ ގަންނާށެވެ". މި މައުޟޫއަށެވެ.

މި ފޯރަމްގައި ވާހަކަފުޅުދެއްކެވީ އައްޝައިޚް އިލްޔާސް ހުސައިން އާއި އައްޝައިޚް ނަސްރު ﷲ އަލީއެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރ ޑރ. އަލީ ޒާހިރާއި ސަރުކާރުގެ އިސް ބޭފުޅުންނާއި އާއްމުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

ޢާންމުންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި ފޯރަމް މިއަހަރު ބާއްވާނީ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޙްޔާ ފޯރަމް ގައި ދީނީ އިލްމުވެރިން މެދުވެރިކޮށް އެކި މަޢުޟޫތަކަށް ވާހަކަދެއްކުމާއި މަޢުލޫމާތުދިނުން ކުރިއަށް ގެންދާނެއެވެ. އަދި އެ ރެއެއްގެ މަޢުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ވެސް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން ދީނީ ފޮތްތައް ހަދިޔާކުރުން ވެސް އިޙްޔާ ފޯރަމްތަކުގައި ކުރިއަށް ގެންދާއިރު، މިރޭ ބޭއްވި ފޯރަމްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަނީ ބީއެމްއެލް އިސްލާމިކުން ސްޕޮންސަރކޮށްފައިވާ ހަދިޔާއެއް ވެސް ދީފައެވެ.

ފައިބެއަހަރުތަކުގައި އިހްޔާ ފޯރަމް ބާއްވަމުން އައިސްފައިވަނީ ހަމައެކަނި މާލޭގައިނަމަވެސް މިއަހަރު މާލެއެކޭ އެއް ފެންވަރެއްގައި އަތޮޅުތެރޭގައިވެސް އިހްޔާ ފޯރަމްތައް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެގޮތުން އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީ އާއި ރ. އުނގޫފާރު ގައި މިއަހަރުގެ އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއަހަރަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ސަރުކާރުންގެންދަވާ 44 ވަނަ އަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.