ބްލޫ ރިބަން: ސަތޭކަ

މިއީ ދޮންބެއްޔާގެ ޚިޔާލާ އަދި ވިސްނުމާއި ފިކުރުގައި ލިޔެވެމުންދާ ، ބްލޫރިބަންގެ 100 ވަނަ ޚިޔާލީ ލިޔުމެވެ. މިފަހުން ކޮލަމެއްގެ ގޮތުގައި ބްލޫރިބަން ލިޔަންފެށިފައިވަނީ 2 ޖެނުއަރީ 2023 ވީ ހޯމަ ދުވަހުއެވެ.  100 އަކީ ރީތި އަދި ފުރިހަމަ ޢަދަދެކެވެ. ވަރަށްގިނަ ކަންކަމާއި މުނާސަބަތުގައި ތާރީޚީގޮތުން ބޭނުންކުރެވޭ ޢަދަދެކެވެ. ސައިންސާއި ހިސާބު ޢިލްމުގައިވެސް 100 އަކީ ވަރަށް މުހިންމު ޢަދަދެކެވެ.

އެއީ ސަތޭކައިގެ ވާހަކަ އެކެވެ. މާނަޔަކީ ، ސަތޭކަ އިންސައްތައިގެ ބަރާބަރު ވާހަކަ އެކެވެ. ސަތޭކަ އަހަރަކީ ޤަރުނެކެވެ. އެއީ އެއްހާސް ދުވަހެވެ. ދިހަޔަކާ ދިހަޔަކާ ގުނަކުރީމަ އަންނާނީ 100 އެވެ. ނަޤުދަށް ބަލާނަމަ ،  ދެ ފަންސާހަކީ ސަތޭކައެވެ.  ވިހިރުފިޔާގެ 5 ނޫޓަކީ ސަތޭކަ ރުފިޔާއެވެ. 10 ރުފިޔާގެ 10 ނޫޓަކީ ސަތޭކަ ރުފިޔާއެވެ. 5 ރުފިޔާގެ 20 ނޫޓަކީ ސަތޭކަ ރުފިޔާއެވެ. 2 ރުފިޔާގެ 50 ނޫޓަކީ ސަތޭކަ ރުފިޔާއެވެ.

ކްރިކެޓްގައިވެސް 100 އަކީ މުހިންމު ނަންބަރެކެވެ. އެއްކުޅުންތެރިޔަކު ، އެއް އިނިންގސް އެއްގައި ސަތޭކަ ރަންސް ހަދައިފިނަމަ އެއީ ސެންޗަރީއެކެވެ. ކްރިކެޓްގައި ސެންޗަރީ ހެދުމުގައި އިތުރު ގޮތަކަށްވެސް ބޭނުން ކުރެވެއެވެ. އެއީ ދެ ކުޅުންތެރިޔަކު ނުބައިނުވެ ، ދެމީހުންވެގެން 100 ރަންސް ހަދައިފިނަމަ ، އެއީ ދެމީހުން ގުޅިގެން ހަދާ ސެންޗަރީއެކެވެ. ކްރިކެޓްގެ ތާރީޚުގައި އެންމެ އަވަސް ސެންޗަރީއެއް ހެދީ ، ވެސްޓްއިންޑީޒާއި ދެކުނު އެފްރިކާއިން 18 ޖެނުއަރީ 2015 ގައި ޖޮހަނަސްބާރގްގައި ކުޅުނު މެޗްގައި ދެކުނު އެފްރިކާގެ ކުޅުންތެރިޔާ ޑި ވިލިއަރޒް ހެދި ސެންޗަރީއެވެ. އޭނާ 31 ބޯޅައިން ، ސެންޗަރީހެދީ 16 ފަހަރު ހަޔަކަށް ޖަހައިގެންނާއި 8 ފަހަރު ހަތަރަކަށް ޖަހައިގެންނެވެ.

100 އަކީ ހިސާބު ޖެހުމުގައި ތިންއަކުރުން ފެށޭ ފުރަތަމަ ޢަދަދެވެ. އަދި އިންސައްތަ ކިޔުމުގައި އެއްޗެއް ބައިކުރެވޭ މިންވަރެވެ. 100 އަކީ ، ޢާންމު ގޮތެއްގައި ، ގިނަ ޤައުމުތަކުގައި ކުއްލި ޙާލަތުގައި ބޭނުންކުރެވޭ ފޯނު ނަންބަރެކެވެ. އަދި ބައެއް ޤައުމުގައި އޮޕަރޭޓަރުގެ ނަންބަރުގެ ގޮތުގައި ބޭނުންކުރެވެނީވެސް 100 އެވެ.

ސެލްސިއަސްގެ މިންގަނޑުން ބަލާއިރު ، 100 ޑިގްރީއަކީ ، ކަނޑުގެ ލޮނުގަނޑު ހޫނުން ކެކޭ މިންގަނޑެކެވެ. އެންމެ ފުރިހަމަ ހަތަރެސްކަން ޢަދަދަކީ 100 އެވެ. އޭގެ ސްކްޔަރ ރޫޓަކީ 10 އެވެ. އެއްޗެއްގެ ދިހަގުނަ ނިސްބަތްވަނީ 100 އަށެވެ. ރޯމަން ހިސާބު ނަންބަރުގައި “C” ނިސްބަތްވަނީ 100 އަށެވެ. ހިސާބު ޢިލްމުގައި އެންމެ ފުރަތަމަ އޮނަހިރި 10 ނަންބަރު އެއްކޮށްލީމަ ޖުމްލައަކަށްވާނީ 100 އެވެ.

ވަކި ކަމެއް  ފުރިހަމަ ކުރުމަށް ނުވަތަ ޙާޞިލްކުރުމަށް މިނެއުޅޭ މިންގަނޑަކަށް 100 ދުވަސް ބަލައެވެ. 100 ދުވަހުގެ ތެރޭގައި ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް އަގުކޮށް ވަޒަން ކުރެވެއެވެ. މީހެއްގެ ޢުމުރުން 100 އަހަރުވުން ، އެކަން ފާހަގަ ކުރެވެއެވެ. ހަމަ އެފަދައިން ، ތަނެއް އުފެދުމުން ނުވަތަ ހުޅުވުމުން 100 އަހަރު ފުރިހަމަވުން ފާހަގަ ކުރެވެމުން ދެއެވެ.

ތާރީޚުގައި 100 އަހަރުގެ ހަނގުރާމަ ނިސްބަތްވަނީ 1337 އިން 1453 އަށެވެ. އެހެންނަމަވެސް ، އެވާހަކަ ދެކެވެން ފެށީ 1874 ގައެވެ. އެއީ ދުނިޔޭގެ ޤައުމުތައް މިހާރު އޮތްގޮތަށް ތަރުތީބުވުމުގެ ކުރިންނެވެ.

ޕެކެޓް ކުރެވޭއިރު ވަކި ބޭނުމެއް ފުއްދުމަށްޓަކައި 100 އިން ޕެކެޓް ކުރެވެއެވެ. ކަންވާރަކަށް އެޅޭ އެއްޗެއް ފުރިއްޖިއްޔާ އެހުރީ 100 އިންސައްތަ ފުރިފައެވެ.

އޮނަސައްތައަކީ ، ސަތޭކަޔަށް އެކެއް މަދު ޢަދަދެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޒާތުފުޅަށް ލިބިވޮޑިގެންވާކަމަށް ޢިލްމުވެރިން ވިދާޅުވަނީ ،  އޮނަސައްތަ އިސްމުފުޅެވެ. އެއީ ބަރަކާތުން ފުރިގެންވާ އިސްމުފުޅު ތަކެކެވެ.

100 އަކީ ، ހިސާބު ޢިލްމުގައި އެއްކޮށް ކަނޑައި ގުނަކޮށް ގެއްލުމުގައި މުހިންމު ޢަދަދެކެވެ. ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ ޢަދަދެކެވެ. ބްލޫރިބަންގެ ކޮލަމްގައި ، ތަފާތު ޚިޔާލާއި ވިސްނުމާއި ފިކުރު ހިމެނޭ ޚިޔާލުތައް ހާމަކުރެވެމުން ގޮސްފައި ވެއެވެ. އިރާދަކުރެއްވިއްޔާ ، ކުރިޔަށް އޮތްތާނގައިވެސް ، ﷲ ގެ ވާގިފުޅާއެކު އެކަން ، އެގޮތަށް ދެމިއޮންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.