ބްލޫ ރިބަން: ފަރުދީ ޒިންމާ

ދޮންބެއްޔާހުރީ ، ވެލާނާގޭ ޕާކިން ސަރަޙައްދުގައި މަޑުކޮށްލައިގެންނެވެ. ގަޑިޔަކީ ، 8 ޖަހާއިރަށް އެންމެން އޮފީހަށް އަންނަ ގަޑިއެވެ. ވަރަށް ކާރޫބާރޫ ބޮޑު ވަގުތެކެވެ. މަޑުމަޑުން އެދަނީ ޕާކިން ސަރަޙައްދު ފުރެމުންނެވެ. އެއީ ބަލައި ފޫހިނުވާފަދަ މަންޒަރެކެވެ. ކޮންމެ މީހަކުވެސް ހޯދަނީ އެމީހެއްގެ ސައިކަލް އެންމެ ފަސޭހައިން ބެހެއްޓޭނެ ގޮތެކެވެ. ހުރަހަށް ވިއްޔާ ހުރަހަށެވެ. އެތާނގައި ސައިކަލް ބަހައްޓަން ދަމާފައިހުރި ރޮނގުތައް އެއީ ބޭނުން އެއްޗެއްނޫނެވެ. އެމީހެއްގެ ސައިކަލް ބަހައްޓަނީ އެމީހަކު ބޭނުން ގޮތަކަށެވެ. މީހަކު އައިސް ، ޕާކިނއަށް ވަންނަން އޮންނަ ދޮރުމަތީގައި ، އޭނާގެ ސައިކަލް ބަހައްޓައިލިއެވެ. އެސައިކަލްހުރި ގޮތުން އެތަން އެހުރީ ބަންދު ވެފައެވެ. އެސައިކަލް އެތާހުއްޓާ އެތަނަށް އެހެން ސައިކަލެއް ނުވެއްދޭނެއެވެ. ދޮންބެއްޔާ ބަލައިލިއިރު ، ފަހަތުގައި ހުސްތަންވެސް އޮތެވެ. އެއްޗެއް ބުނެފިއްޔާ ލަދުގަންނަން ޖެހޭނީ ދޮންބެއްޔާކަން އޭނާއަށް އެނގެއެވެ. އެހެންވެ އަނގައިން ނުބުނެ ހުރެފައި ، އެމީހަކު އެދާތާކަށް ދިޔައިމަ ، އެސައިކަލް އެއްފަރާތް ކޮށްލައި ދޮރުމަތި އަމާން ކޮށްލިއެވެ. އެއީ ، ދޮންބެއްޔާއާ ވާ ބެހޭކަމެއްވެސް ނޫނެވެ. އެކަމަކު އެކަން ކޮށްލިއެވެ. ހެޔޮކަމެއް ކޮށްލުމުގެ ނިޔަތުގައެވެ.

އިރުކޮޅަކުން އެހެން ސައިކަލެއް އައިގޮތަށް އައިސް ، އަނެއްކާވެސް ދޮރުމަތި ބަންދުވާގޮތަށް ބަހައްޓާލައިފިއެވެ. އެހިސާބުން ދޮންބެއްޔާވެސް ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތްވިއެވެ. ދާގޮތަށްގޮސް އެއްޗެކޭ ބުނެފާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް ހިންދިރުވާލައި ، ކެތްތެރިކަން އިސްކޮށް ، އަމިއްލަ ނަފުސު ކޮންޓްރޯލް ކޮށްލިއެވެ. އަދި އެމީހަކު އެދިޔަތާކަށް ދިޔައިމަ ، އެސައިކަލްވެސް ތަންކޮޅެއްބާރަށް ދަމާފައި ގެންގޮސް ، ކުޅުދުއްފުށީ މީހުން ، ދިރުބާކޮޅު އެއްގަމަށް ދޯނި އެހެލާގޮތަށް ، އެއްފަރާތްކޮށް ، ދޮރުމަތި ސާފުކޮށްލިއެވެ.

ޕާކިންގެ ފަހަތުގައި އޭރުވެސް ހުސްތަން އޮތެވެ. އަދި ، އެތަނަށް ވަންނަން އަންނަ މީހާއަށްވެސް ހުސްކޮށް އޮތްތަން ރީތިކޮށް ފެންނާނެއެވެ. ސައިކަލް ބަހައްޓަންވީގޮތަށް ރީތިކޮށް ތަރުތީބުކޮށް ބަހައްޓައިފިއްޔާ ، އަދިވެސް އެތައް ސައިކަލެއް އެތާނގައި ބެހެއްޓޭނެއެވެ. ދޮންބެއްޔާ ހަމަޖެހިލިއެވެ.

ދުރަށްޖެހިލައި ، އަނެއްކާވެސް  އެކުޅިވަރު ބަލައިލަން ، ދޮންބެއްޔާ މަޑުކޮށްލިއެވެ. ފަހަރަކު ސައިކަލެއް ވަންނަމުން ދެއެވެ. ތަންކޮޅެއް ބާރަށް އައި ސައިކަލެއް ވަތްގޮތަށްވަދެ ، ދޮރުމަތީ ބަހައްޓާލިއެވެ. އެއީ ގައިމުވެސް ޒުވާނެއްނޫނެވެ. ދެބައި ޢުމުރަށްވުރެ މައްޗަށްގޮސްފައި ހުރި ބޮޑު ފިރިހެނެކެވެ. މިފަހަރު ، ދޮންބެއްޔާއަކަށް ނުހުރެވުނެވެ. މީދެން ، ތަންކޮޅެއް ބޮޑުވަރެކޭ ހިތަށް އެރިއެވެ.

ދޮރުމަތީ ސައިކަލް ޕާކުކުރި މީހާ ސައިކަލުން ނުފައިބަނިސް ، އޭނާގާތަށް ދޮންބެއްޔާ ޖެހިލިއެވެ. ދަތްކުނޑި ވިކައިގަނެވުނެވެ. އެކަމަކުވެސް ހިނިތުންވެލައިގެން ހުރެ  ބުންޏެވެ.

" ތިއީ ސައިކަލްތައް ވަންނަ ދޮރުމަތި ނޫންތޯއެވެ ؟ ތިތާ ތިބޭފުޅާގެ ސައިކަލް ބެހެއްޓެވީމާ ، މިތަނަށް އެހެން ސައިކަލަކަށް ނުވަދެވޭނެ ދޮގެއްތޯއެވެ ؟ ފަހަތުގައި އެއޮތީ ހުސް ޖާގައެވެ. އެތަނުގައި ޕާކް ކޮށްލަންވީ ނޫންތޯއެވެ ؟ "

" އާނ ! ސައިކަލް މި ބަހައްޓަނީ ، މިތާ ދޮރުމަތީގައިކަން އެނގޭ. މީދެން ބޭބެއާ ބެހޭކަމެއްނޫނެއްނު. ބޭބެތީ ސައިކަލް ދުއްވާމީހެއްވެސް ނޫނެއްނު. މިތާ ( ވެލާނާގޭ ) އޮފީހަކަށް އަރާފައި އަންނަންވެގެން މަގޭ ސައިކަލް މިބެހެއްޓީ. މިކުރެވެނީ ކީއްކަން  ނޭނގިގެންނެއްނޫން. އެނގިއްޖެތަ ؟ " އެމީހާ ޖަވާބު ދިނެވެ.

ދޮންބެއްޔާ ހުރީ އޭނާއާ ދިމާއަށް އެއްޗެކޭ ބުނެވުނުމޮޔަ ހިތަށް އަރާފައެވެ. ޗޮކެއް ކަނޑާފައި ދުރަށް ޖެހިލިއެވެ. އެމީހާ އެބުނީ ހެޔޮކޮށެވެ. ދޮންބެއްޔާއަކީ ސައިކަލް ދުއްވާމީހެއް ނޫނެވެ. ދޮންބެއްޔާގެ ސައިކަލް ޕާކު ނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ. އެއީ ، ދޮންބެއްޔާއާ ބެހޭކަމެއް ނޫންތާއެވެ !

ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާއަކާއި މަސްއޫލިއްޔަތެއް އޮތްކަންވެސް ބައެއް މީހުންނަށް ނޭނގެނީ ބާވައެވެ. އެމީހަކާ އެމީހެކެވެ. އެހެންމީހަކާމެދު ކުޑަކޮށްވެސް ވިސްނާލާކަށް ބޭނުމެއް ނުވެއެވެ. ފަރުދީ ޒިންމާއަކީ މިހާރު ނެތް އެއްޗެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.