ބްލޫ ރިބަން: ރައްޔިތުންގެ "ހޮޅުއަށި"

ހޮޅުއަށްޓަކީ ، މީހުން އިށީނދެ އޮށޯވެލުމަށް ، ކަށިކެޔޮ ހޮޅުން ނުވަތަ ރުއްފަޅިފަޅިން ، ރަށްރަށުގެ އަތިރިމަތީގައި ، އަޅައިފައި ހުންނަ އަށްޓެކެވެ. މިފަދަ އަށިއަށިވެސް ޒަމާނީވެ ، ރާނައި ތަޅުން އަޅައި ، ޓިނުން ހިޔާކޮށް ، ތަރަފާލު އަޅައި ނުވަތަ ތަށިމުށި ޖަހައި ކަރަންޓްލައި ފަންކާ ހަރުކޮށްފައި އެބަ ހުރެއެވެ. މިފަދަ އަށިތައް ހުންނަނީ ހަމައެކަނި އަތޮޅުތެރޭ ރަށްރަށުގައި އެކަންޏެއްނޫނެވެ. ފުރަމާލޭގައި ، މުޅިން އަތިރިމަތީގައި ނޫނަސް ، މެދުޒިޔާރަތްމަގުގައިވެސް ހަމަ އެކަހަލަ ހޮޅުއަށްޓެއް އެބަހުއްޓެވެ.

ދޮންބެއްޔާއަށް ޤަބޫލުކުރެވުނު ގޮތުގައި ، މާލޭގައި ހުންނަ ހޮޅުއަށީގެ ތަފާތަކީ ، މާލެއާއި ރަށްފުށުގެ ރަށްރަށާ އެހެން ކަންކަމުގައިވެސް އޮންނަ ތަފާތެވެ. ހޮޅުއަށީގެ ސައިޒާއި ބޭރުން އެފެންނަ ހައިބަތެވެ. މާލޭގައި ހުންނަނީ ހެޔޮކޮށް ބޮޑު ހޮޅުއަށްޓެކެވެ. ވަށައިގެން ރާނާފައެވެ. އެތެރެ އޮންނަނީ ފިނިކޮށްފައެވެ. އަރާމުގައި އިށީނދެލައިގެންތިބެ ، ޒުވާބުކޮށް ، އަނގަ ތަޅައިލެވޭ ގޮތަށެވެ. ރަށްފުށުގެ ހޮޅުއަށީގައި ބޮޑުވަރަކަށް ލިބެނީ ، މީހަކު ގެންދާތަނުން ދުފާއެތިކޮޅެކެވެ. ފެންފުޅިއެއްވެސް ގެންދަން ޖެހެނީ އަމިއްލަޔަށެވެ. މާލޭގައި މިހުންނަ ހޮޅުއަށީގައި ސަޔާއި ކެއުމާ ދުފުން އޮންނަނީ ވަކި ސުމާރެއް ނެތިއެވެ. ނުވިތާކަށް ، އެހޮޅުއަށްޓަށް އަރާމީހުންނަށް ، ތިންހަތަރުފުޅި ބާމު ހުސްވިޔަސް ވަށައިނުޖެހޭވަރަށް ، ބޮޑު މުސާރައެއްވެސް ލިބެއެވެ. ރަށްފުށުގެ ހޮޅުއަށީގައި ، ގިނަފަހަރަށް ހުންނަނީ ކޮންމެވެސް ޕާޓީއެއްގެ ދިދަނަގާފައެވެ. މާލޭގައި ހުންނަ ހޮޅުއަށީގައި ދިވެހިދިދަވެސް އިތުރަށް ހުރެއެވެ.

ރަށްފުށުގެ ހޮޅުއަށީގައިވެސް އަދި މާލޭގައިހުންނަ ހޮޅުއަށީގައިވެސް ގިނަފަހަރަށް ކުރެވެނީ އެއްކަމެކެވެ. ޒުވާބުކުރުމެވެ. ފިތުނަ ފަސާދަ އުފެއްދުމެވެ. ނެތިމޮށުމާއި ދެބައޮޑުވުމެވެ. މީހުންގެ އަބުރު ކަތިލުމެވެ. ގަޔަށް އަތްލައި އެކަކު އަނެކަކަށް އެފަދަކަމެއް ރަށްފުށުގެ ހޮޅުއަށްޓެއްގައި މީހަކު ކޮށްފިނަމަ ، ކުށްވެރިވެއެވެ. މާލޭގައި ހުންނަ ހޮޅުއަށީގައި ކޮންމެކަމެއްކުރިޔަސް ކުށްވެރިއެއް ނުކުރެވެއެވެ. ކުރިން ބުނެވިދިޔަ ނޭއްގާނީ ޢަމަލުތައް ރަށްފުށުގައި ހުންނަ ހޮޅުއަށީގައި ހިނގަނީ ވަރަށްމަދުންނެވެ. އެކަމަކު ، މާލޭގައި ހުންނަ އެ ހޮޅުއަށީގައި ، އެއީ ކޮންމެދުވަހަކުވެސް ހިންގާ ޢަމަލެވެ. ރަށްފުށުގެ ހޮޅުއަށިތަކުން މީހުން ބޭރުކުރާކަށް ނުޖެހެއެވެ. މާލޭ ހޮޅުއަށިން ، ސިފައިން ގެނެސްގެންވެސް އެތާތިބޭމީހުން ނެރެ ހޫރައި ލެވެއެވެ.  ރަށްފުށުގެ ހޮޅުއަށީގައި ޔައުމިއްޔާއެއް ނުލިޔެވެއެވެ. މާލޭގައި ހުންނަ ހޮޅުއަށީގައި ދައްކާވާހަކަ ލިޔެވި ޔައުމިއްޔާ ކުރެވެއެވެ. އޭގެ އިތުރަށް ކެމެރާތައް ބަހައްޓައިގެން ، ޓީވީން ލައިވްކޮށް ދައްކައި ، ގޭގޭގެ ސިޓިންގރޫމުގައި ، ޢާއިލާމީހުން އެއްކޮށްތިބެގެން ބަލައި ލެވެއެވެ. އެކަމަކު ، މިހާރު މާލޭ ހޮޅުއަށީގައި ހިނގާ ކަންކަން އެއީ ، ބަޔަކު ދެއްކިޔަސް ބަލަން ހެޔޮވާވަރުގެ ތަނެއްނޫނެވެ.

2008 ވަނައަހަރު ، މިޤައުމަށް ބަޔަކު ގެނައި ޑިމޮކްރަސީއާއެކު ، މުޅިދުނިޔެ ބަދަލުކޮށްލައިފިއެވެ. ވެރިއެއް ކީއްކުރަން ، އެކަކު އަނެކަކަށް ކުރަންޖެހޭ އަދަބު އިޙްތިރާމް ގެއްލިއްޖެއެވެ. އެއްބަނޑު އެއްބަފާ މީހުންގެ ތިމާގެކަން ކެނޑިއްޖެއެވެ. ރަޙިމުގެ ގުޅުން އެއީ ނެތް އެއްޗަކަށް ހަދައިފިއެވެ. މީހަކާ ދިމާއަށް ހިތަށް އެރިއެއްޗެއް ގޮވައި ލެވެއެވެ. ބޮޑުމީހެއް ، ކުޑަމީހެއް އަދި މުސްކުޅިއެއް ، ކުޑަކުއްޖެއް ނޯވެއެވެ. މީހުންމަރާމީހުންނާއި ވަށްކަންކުރާމީހުން ގިނަވެ އެއީ ދިރިއުޅުމުގެ ސްޓައިލަކަށް ވެއްޖެއެވެ. ވަގުންނާއި ކުށްވެރިން ، ޤާނޫނުގެ ލޯވަޅުތަކުން ، ދޮގު ތެދަށް ހަދައިގެން ، ދަމައިނެރެ ކުށެއްނެތް މީހުންގެ ގޮތުގައި މުޖުތަމަޢަށް ނެރޭ ، ޤާނޫނީ ވަކީލުން ގިނަވެއްޖެއެވެ. އަމިއްލަ ނަފުސު ލާރިއަށް ވިއްކައި ހުސްކޮށްލާ މީހުންނަކީ ، މީހުންކަމަށް ވެއްޖެއެވެ. ދަރިންގެ އިޙްތިރާމް މައިންބަފައިންގެ މައްޗަށް ގެއްލިއްޖެއެވެ. ދީނީ ޢިލްމުވެރިންނަކީ ، ލަވަކިޔާމީހުންނަށްވުރެ ދަށްބަޔަކަށް ވެއްޖެއެވެ. ދީނަކީ އެމީހަކަށް ފެންނަގޮތަކަށް އުޅެން އޮންނަ އެއްޗަކަށް ހަދައިފިއެވެ. ނަޟާޙަތްތެރިކަމުގެ މާނަޔަކީ ގިނައިން ވަށްކަންކޮށް ، ޚިޔާނާތް ހިންގުންކަމަށް ބެލެވިއްޖެއެވެ. ވަގުން ، ޖަލުންނެރެން މަގުމައްޗަށް ނުކުންނަމީހުން ގިނަވެއްޖެއެވެ. އިންޓަނެޓްގެ އެކި ޕްލެޓްފޯމްތައް ތަޢާރުފްވެ ، އެއީ އެކިއެކި ޖަރީމާ ހިންގާ ، މީހުންގެ ސިކުނޑި ދޮވެލާ ނެޓްވޯކް ތަކަކަށް ވެއްޖެއެވެ. މިއީ ، ޒަމާން ބަދަލުވެގެން އައި ތަރައްޤީގެ ޙަޤީޤަތެއްނޫނެވެ. 2008 ގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ބަދަލާގުޅިގެން ، ޤައުމާއި ރައްޔިތުންގެ ޙާލަތަށް އައި ބަދަލު ތަކެކެވެ. ނިޒާމު ބޮއްސުންލައިގެންގޮސް ، ޤާނޫނީ ޙުކޫމަތު އެކޮޅުކޮޅުން ޖެހި ، އިޖްތިމާޢީ ޢަދާލަތު ގެއްލި ، މުޖުތަޢަތުގެ އަޚުލާޤީ ފޭރާންވީދި އޮރިޔާންވެގެން ދިއުމުގެ ނަތީޖާއެވެ. މިހުރިހާކަމެއް ފެށިގެންއައުމުގެ އަޞްލަކީ ، މާލޭގައި އެހުންނަ ބޮޑު ހޮޅުއަށްޓެވެ. ރިކޯޑްކުރެވި ، ތާރީޚުން ފެންނަން އެހެރަ ، އެ ހޮޅުއަށީގެ ޔައުމިއްޔާ ބަލައިލުމުން މި ޙަޤީޤަތް ވަރަށް ސާފެވެ.

އެ ހޮޅުއަށިން ނުފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ ؟ އެތާ ކޮޅުގޮނޑީގައި ބޮޑަކަށް އިންމީހެއްގެ މަޔާ އަޅުވައި ، ތުއްތު ސާހަބަށްވުރެ ހިސާބު ޢިލްމަށް މޮޅު ، ޓިނުވިއްކާ މީހަކު ، އަވަގުރާނަ ގޮވިއެވެ. ދޮންކެޔޮ ކައިގެން އައިމީހަކު ، އޭނާގެ އަނގަޔަށް ބައިލިޓަރުގެ ފެންފުޅިއެއް އަޅާލައި ، އެތާއިން ކަނބަލެއްގެ މޫނަށް އެފެނާއެކު ކުޅު ޖެހިއެވެ. ބަދަލުގައި އެކަނބުލޭގެވެސް ، އަނެއްމީހާގެ މޫނަށް އެތާހުރި  ފެންތަށްޓެއް ޖެހިއެވެ. އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކޮށް ، ހޮޅުއަށި ހޫނުވެ ، ގަޔަށް އަތްލައި ގުޅަޔަކަށް ޖެހިމީހުންގެ ޢަދަދެއްވެސް ނޭނގެއެވެ. އިށީނދެއިންނަ ހޮޅުނަގައި ބޯމަތިން ހޫރައި އެކަކު އަނެކަކަށް އުކައި ލޭކޮށާލައެވެ. ހޮޅުމައްޗަށް ކޮއްޅުން އަރައި ލަވަކިޔާ ނަށާ ނާޗަރަނގީ ކުޅެއެވެ. ރަށެއްގެ ބަޔަކު ،  ކިހިލިފައްޗަށް އަތްލައްވައި އަޑުގޮއްވާ  ، ......... ތަޣަލް ބުރަދަގޮނޑިއޭ ގޮވައި ، ކަނޑިކި ކޮށިކޮށް ، އަތްއުކައި ޒުވާބުކުރާގޮތަށް ، ހަޅޭއްލަވައި އަޑުގަދަކުރުމަކީ ޢާންމު ކަމެކެވެ. އަޑުގަދަކުރާ ބޭނުންކުރަން ، ހޮޅުތެރޭގައި ކޮށްފައި އޮންނަ ވައިރު ، ހަނޑަހުން ބުރި ކުރެއެވެ. ބެރުދުންމާރި ތާޅަފިލި ފުމެ އަޑުގަދަ ކުރެއެވެ. އެކަކު އަނެކަކަށް ވަގަށްގޮވައި ، ރާބޮއެ ޒިނޭކުރުންފަދަ ، ދީނުން ބޭރުވާކަހަލަ ވާހަކަ ދައްކައެވެ. ދީނުގެ ޢިލްމު ނުމެ އެނގިހުރެ  ކީރިތި ޤުރުއާނުގެ އާޔަތްކިޔައި ދަލީލާއި ޙުއްޖަތް ދައްކައެވެ. އެއްބަޔަކު އަނެއްބަޔަކަށް ޚިޔާނާތުގެ ތުހުމަތާއި މަރުގެ ތުހުމަތު އަޅުވައެވެ. ހޮޅުއަށީތިބޭ އެހެންމީހުންނަށް ނުފޮރުއްޕާނަކަށްވެގެން ، ސިފައިން ގެނެސް ބައެއްމީހުން ބޭރު ކުރެއެވެ. އެއްބަޔަކު ، ހޮޅުއަށްޓަށް ނުވައްދައިގެން ، ފިލައިގެން ފާރުމަތިން އަރައެވެ. އަނެއްބަޔަކު އެތަނަށް ވަނީމަ ފާރުމަތިން ނަގައި ހޫރައި ލެވެއެވެ. ރޯ ބުހުތާން ދޮގުހަދައި ، ދީނާއި އިޖްތިމާޢީ މިންގަނޑާ ޚިލާފުވެ ، އަޑުއަހާ މީހުންނަށް އަޞްލު އޮޅުވާލައެވެ. މީހުންގެ މަރުގެ ތުހުމަތު މީސްމީހުންގެ ބޮލުގައި އަޅުވައެވެ. ނަޞޭޙަތްދޭން ، އެތަނަށް ދާ ބޮޑުންނަށް ޖާނަށް ނުރައްކާވެގެން ، ތިބެން ނުކެރިގެން ޖާނު ސަލާމަތް ކުރުމަށްޓަކައި ނިކުންނަން މަޖުބޫރު ވެއެވެ. 2008 ގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ދިވެހިން ޙާޞިލްކުރަން ބޭނުންވި އުފަލާއި ހަމަޖެހުމަކީ އެއީތޯއެވެ ؟ ނޫނެކެވެ. ޤައުމުގެ ހަލާކަކީ އެއީއެވެ. 1998 ގެ ނޫ ޤާނޫނު އަސާސީ އުވާލައި 2008 ގެ ފެހިޤާނޫނު އަސާސީން ، ރާއްޖޭގެ ރައްޔިތުންނަށް ، ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި އަސާސްތައް އޭގެ އެންމެ ހެޔޮގޮތުގައި ޤާއިމްކޮށް ނުދެވުމުގެ ނަތީޖާ ، ޤާނޫނު އަސާސީ ފާސްކުރާ ހޮޅުއަށިތަކުން މިހާރު ފެންނަމުން އެދަނީއެވެ. 2008 ގައި އައި ވެރިކަމަށް ދެތިން އަހަރުވެސް ނުވެ ، ވެރިމީހާ އިސްތިޢުފާދޭންޖެހުނީވެސް ، ވެރިކަމާއި ޤައުމާއި ޤާނޫނުތައް ނުހިންގިގެންނެވެ. ރައްޔިތުން ޙަވާލުކުރި އަމާނާތް އެއްފަރާތްކޮށް މަސްއޫލިއްޔަތާއި ވާޖިބަށް އިހުމާލުވެ ، ހިތުހުރިގޮތަކަށް އުޅެން ހަދައިގެންނެވެ. މިހުރިހާ ކަންކަމެއް ، މާލޭގައި އެހުންނަ ހޮޅުއަށި ތެރެއިން ފެށި ، ދެމިގެން އެދަނީ ، ހަލާކުގެ މަގަށް ތަރުތީބުވެގެންނެވެ. ޚުދުމުޚުތާރު ވެރިކަމެއްކަމަށް ބުނެ ވައްޓާލި ވެރިކަމަށް އައީ ވަކިން ޚުދުމުޚުތާރުކަން ކުޑަ މީހެއްނޫން ވީމައެވެ. އެކަން މިއަދުވެސް ، މާލޭގެ ހޮޅުއަށީގެ އެކި ޙަރަކާތްތަކުން އެދަނީ ފެންނަމުނެވެ.

މިފަދަ ހޮޅުއަށްޓެއްގައި ހިނގާ ކަންކަން ލައިވްކޮށް ، ސިޓިންގރޫމުގައި ތިބެގެން އެންމެންނަށް ބަލަން ލިބުމަކީ ، ތަހުޒީބު ތިމާވެށްޓެއްގެ ހަލާކެވެ. މަތީގައި ބަޔާންކުރެވިފައިވާ ފަސާދައިގެ ޢަމަލާއި ދީނާޚިލާފު ކަންކަމާއި ދޮގާއި މަކަރާ އަދި ޙީލަތާއި ތަޅައިފޮޅުމާއި އާޑަ ގޮވުމާ މިކަންކަން އެއީ އިންސާނަކު ބަލަން ހެޔޮވާވަރުގެ ކަންކަމެއްނޫނެވެ. ކިޔަވާކުދިންނާއި ޒުވާނުންނަށް އެފެންނަ މަންޒަރުތަކުން ލިބޭނީ ގެއްލުމެވެ. ޖީލުގެ ކުރިމަގު ބަނަވެ ، އަޚުލާޤު ދަށްވެ ، ކުށްތަކަށް އަރައިގަތުމަށް އެމަންޒަރުތަކުން ހިތްވަރު ލިބޭނެއެވެ. ހޮޅުއަށީގައި އެތިބޭ ބައެއްގެ އަބުރު ގެއްލި ފަޟީޙަތްވެ ބޭޒާރުވެ ، އެއީ ކިހާވަރެއްގެ ބަޔެއްކަން ރައްޔިތުންނަށް އެނގޭނެއެވެ. މުޖުތަމަޢުގައި އެބައިމީހުންގެ އަގެއް ނުހުންނާނެއެވެ. ހުރިއްޔާ ހުރިއެއްޗެއް ހުންނާނީ އެމީހުންގެ އަތުގައި ހުންނަ ފައިސާގައެވެ. ދެން ، އެމީހުންނަށް ލިބިއޮންނަ ބާރުގައެވެ. އެއީ މާއްދިއްޔަތަށް ހެއްލުމެވެ. އާޚިރަތް ގެއްލުމެވެ.

ވަގުން ޖަލުންނެރެ ސަލާމަތްކުރަން އުޅުމަށްވުރެ ، މިހޮޅިއަށި ލައިވް ނުކުރާނެ ގޮތަކަށް ޤާނޫނީ މަސައްކަތެއް ކުރުން މާ ރަނގަޅެއް ނޫންހެއްޔެވެ. އެހޮޅުއަށީގައި ހިނގާ ކަންކަމަކީ ، މިހާރު ، ބަލަން ހެޔޮވާވަރުގެ ކަންކަމެއްނޫނެވެ. ޤައުމުގެ ކުރިމަގަށްޓަކައެވެ. ދުޅަހެޔޮ އިޖްތިމާޢީ ޢަދާލަތަކަށް ، މުޖުތަމަޢުގެ އަޚުލާޤީ ހަމަތަކަކަށް ، ހޮޅުއަށީގެ ޙަރަކާތްތަކުން ނުރައްކާ އެބަވެއެވެ. އެތާ ތިބޭބަޔަކު އޮރިޔާންވުމަށްވުރެ ، އެމީހުން އެގަންނަ ގަނޑެއް ފެނުމަށްވުރެ ، އެކަންކަން ނުވުން މާ އައުލާކަން ބޮޑެވެ. ގޭގޭގެ ސިޓިންގރޫމުގައި ޢާއިލާއާއެކު ތިބެގެން ބަލައިލެވޭވަރަށްވުރެ ، ހުތުރު ޢަމަލު އެހޮޅުއަށީގައި ހިންގައެވެ. ދަރިންކުރިމަތީ އަޑުއަހަން އުނދަގޫވާވަރުގެ ، ހުތުރު ވާހަކަ ދައްކައެވެ. ރޯބުހުތާން ދޮގުހަދައެވެ. އެފަދަތަނެއް ޓީވީތަކުން ލައިވްކުރަން ހެޔޮ ނުވާނެއެވެ.

މާލޭގެ އެ ހޮޅުއަށްޓަކީ ، އަބުރުވެރި ޤަދަރުވެރި ތަނެކެވެ. ރައްޔިތުންގެ އިޙްތިރާމް ލިބިގެންވި ތަނެކެވެ. ޢިލްމީ ބިނާއެކެވެ. ޤާނޫނީ ފަލްސަފާއާއި ދީނީ ޝިޢާރުތަކުން ރައްޔިތުންނަށް މިސާލުދައްކާފައިވާ ތަނެކެވެ. އެ  ހޮޅުއަށްޓަށް މިހާރު އެދަނީކީ ،  އެމަގަށް އެކަން ކުރަން ޤާބިލް ބައެއްނޫނެވެ. އެ ޤާބިލްކަން އެމީހުންގައިހުރިނަމަ ، ﷲ ގަންދީ ކުރާ ހުވަޔާއި ، ޒިންމާއާއި މަސްއޫލިއްޔަތަށް އިހުމާލުނުވެ ، ސިޔާސީ ކުލަފިލުވައި ، ޢިލްމީ ޤާބިލްކަން އިސްކޮށްގެން ،  އެތަނުގެ ތަޞައްވުރަކީ ރައްޔިތުން ޤަބޫލުކުރާ ވަރުގެ އެއްޗަކަށް ހެދޭނެއެވެ. ރައްޔިތުންގެ ޓެކްސްފައިސާއިން އެމީހުންނަށް ބޮޑުމުސާރައާއި އެލަވަންސާ ކެއިންބުއިންދީ ބޭސްކޮށްދީގެން ގެންގުޅެނީ އެނަތީޖާ ޙާޞިލްކުރުމަށްޓަކައެވެ. އެމީހުން ބޭނުންހާ ގޮތަކަށް އުޅޭކަށް ނޫނެވެ. މީހުންގެ އިޙުތިރާމާއި ލޯތްބާއި ތާއީދު ބޭނުންވާނަމަ ، އަދި " ޢިއްޒަތްތެރިން " ގެ ގޮތުގައި ތިބެން ބޭނުންނަމަ ، އިންސާނުން އުޅޭހެން ރީތިކޮށް އުޅެން ދަސްކުރަންވާނެއެވެ. ހޮޅުއަށްޓަށް އަރަން ފުރުޞަތުލިބުމަކީ ، ބޭނުންހާ ގޮތަކަށް އުޅެން ހުއްދަދޭ ސެޓްފިކެޓެއްނޫނެވެ.

ހޮޅުއަށީގައި އެމީހުން އެދައްކާ ވާހަކައާއި އުޅޭގޮތް އެއީ ޓީވީތަކުން ލައިވްކޮށް ދައްކަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯވެއެވެ. މީހުންނަށް ނުކުރާ މަލާމާތެއް ނެތެވެ. ބަޔަކަށް އެއީ މަޖާ ކަމަކަށްވިޔަސް ، މިހާރު އެމީހުން އެއުޅޭގޮތުން ،އަމިއްލަޔަށް އަގުވެއްޓި ފަޟީޙަތްވެ ، ހޮޅުއަށީގެ ކަރާމާތްގެއްލި ، މުޖުތަމަޢުގެ އަޚުލާޤު ދަށްވުންނޫންކަމެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.