ބްލޫ ރިބަން: ހެޔޮއެދޭމީހުން ދެނެގަންނާނީ ކިހިނެއް؟

ދޮންބެއްޔާއަކީ ، ދޭތެރެ ދޭތެރެއިން ކެއުންގަނޑުގަނޑު އަދި ސައި ހަދާފައި ގާތް އެކުވެރިންނަށް ކާންދޭ މީހެކެވެ. އެއްދުވަހެއްގެ މެންދުރަށް ، ރަނގަޅަށް މަސްފިހެ ، ބަތްކައްކައި ދެތިންވައްތަރެއްގެ ރިހަ ހަދާފައި ގާތްރައްޓެހިންނަށް ކާންދޭން ނިންމިއެވެ. ދޮންބެއްޔާގެ ރައްޓެހިންގެ ގޮތުގައި ގާތްކަމަށް ބެލެވޭ އުޅެނީ ހައެއްކަ އަށެއްކަ މީހުންނެވެ.

މެންދުރު ނަމާދުކޮށްލައިގެން އައިސް ، ކާން ތައްޔާރުކޮށްފައި ، އެތާހުރި ސޮރަކަށް ގޮވާލައި ، ދޮންބެއްޔާ އެބުނި ހައެއްކަ އަށެއްކަ މީހުންގާތު ކާން އަންނާށޭ ބުނަން އެސޮރު ފޮނުވިއެވެ. އެސޮރަށް މާދުރަށް ދާކަށް ނުޖެހުނެވެ. ދޮންބެއްޔާ އެބުނި މީސްމީހުންނާ ދިމާވެއްޖެއެވެ. އެމީހުންނާއެކު އެތަނުގައި ބައިބޯކޮށް އެހެންމީހުންވެސް ތިއްބެވެ. އެސޮރު ގޮވައިލިއެވެ.

" ދޮންބެއްޔާގެ ބަދިގޭގައި ރޯވެއްޖެއެވެ. ސަލާމަތްކުރަން އަންނާށެވެ. "

އެސޮރު އެގޮވި އެއްޗެއް ދެތިންފަހަރު ގޮވާފަ އެނބުރި ދޮންބެއްޔާގާތަށް ދިޔައެވެ. އެސޮރަށްވެސް ކާންލިބޭނެކަމަށް ބަލާފައެވެ. ބައިގަޑިއެއްހާއިރު ވީއިރުވެސް ، ދޮންބެއްޔާ ރައްޓެހިންކަމަށް ބަލައިގެން އުޅުނު އެއްވެސް މީހަކު ނާދެއެވެ. އެކަމަކު އެސޮރު އެގޮވި ވާހަކައެއްގެ އަޑު އަހާފައި ދުވަމުން އައި ހައެއްކަމީހުން ، އައިސް ދޮންބެއްޔާ އެކުރި ސަމާސާއަށް ހީހީފައި އެސޮރާ މައްލަވަކޮށް ، ވާހަކަ ދައްކަން ތިއްބެވެ. އިހަށްމަޑުކޮށްލަން އެމީހުންގާތު އެސޮރު ބުންޏެވެ. އަދި އައިމީހުންނަކީ މިތިބީ ކަމަށްބުނެ އެމީހުން ކާންވެއްދިއެވެ. ދޮންބެއްޔާގެ ރައްޓެހިންކުރެ އެކަކުވެސ އެތާކު ނެތެވެ. އެކަމާބެހޭގޮތުން އެސޮރާ ސުއާލުކުރުމުން ބުންޏެވެ.

" ކާންދީ ރައްޓެހިކަން ބާއްވަންވީ މީހުން ދޮންބެއްޔާއަށް އަދިވެސް ވަތްކެއް ނުވެއެވެ. ދޮންބެއްޔާ ބުނި ރައްޓެހިންގާތު ، ދޮންބެއްޔާގެ ގޭ ބަދިގެ އަނދާހުލިވާ ވާހަކަ ބުނީމަވެސް އެތިބީ ނައިހެވެ. އެއީ ދޮންބެއްޔާއަށް ހެޔޮއެދޭ މީހުން ހެއްޔެވެ. ހެޔޮއެދޭ އެހީތެރިންނަކީ ދޮންބެއްޔާއަށް އެހީވާން އައި މިތިބަ މީހުންނެވެ. މިމީހުންނަށް ކާންދޭށެވެ ! "

ދޮންބެއްޔާ ހިތަށް އެރިއެވެ. އާނއެކެވެ. އެސޮރެއްކަމަކު އެބުނީ ހެޔޮކޮށެވެ. ރައްޓެހިންނަކީ ނިކަމެތިކަމެއް ، ދެރައެއް ކުރިމަތިވާ އިރު ، އެހީވާ މީހުންނެވެ. ކޮންމެ ރައްޓެއްސަކީ ހެވެއް އެދިގެން އުޅޭމީހަކަށް ނުވާނެވެ. ގިނަމީހުން އުޅޭނީ އަމިއްލަ އެދުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.