ބްލޫ ރިބަން: ރާއްޖެ ބަދަލުކޮށްލި ޑިމޮކްރަސީ

ދޮންބެއްޔާގެ އަތުގައިހުރި ބާ ފޮތްތައް ހާވާލައިގެން ޑިމޮކްރަސީއަކީ ކޮބައިތޯ ބަލައިލިއެވެ. މިބަހަށް ދިމިގްރާތީއޭ ކިޔާ އަޑުވެސް އެއްދުވަސްވަރެއްގައި އިވުނެވެ. ޑިމޮކްރަސީ ، މިބަހުގެ އަޞްލަކީ އެވޭލާ ގްރީކް ބަހެވެ. އެބަހުގައި ހިމެނިގެންވަނީ އެންމެ ދެ ބަހާއެވެ. އެއީ ރައްޔިތުން އަދި ބާރު ، މިދެބަހެވެ. ޤާނޫނު އަސާސީއަކާއެކު ، ޑިމޮކްރަޓިކް ވެރިކަމެއް އެންމެ ފުރަތަމަ އުފެދުނީ އެވޭލާ ގްރީކްގެ އެތެންސްގައެވެ. މީލާދީން 508 ވަނަ އަހަރުއެވެ. އެއީ މީގެ 15 ޤަރުނު ކުރީގައެވެ. 15 ޤަރުނުވީއިރުވެސް ، ވެރިކަން ހިންގުމުގެ އެނިޒާމް ދޮންވެ ފައްކަލެއް ނުވެއެވެ. ޚުދު ގްރީކްގެ ، މިހާރުގެވެސް ސިޔާސީ ޙާލަތަކީވެސް އެއީއެވެ.

ދިވެހިރާއްޖޭގައި އުޅޭބަޔަކަށް ޑިމޮކްރަސީގެ ވަސްދުވަންފެށީ ، ޑޮމިކްރަސީ ދުނިޔެއަށް އުފަންވިތާ 15 ޤަރުނުފަހުން ،  1990 ގެ ފަހުކޮޅު ނުވަތަ 2000 ގެ ކުރީކޮޅުގައެވެ. 30 އަހަރުވީ ޚުދުމުޚުތާރު ރިޔާސީ ވެރިކަމެއް ނިންމަން އެންމެން ހިފައިލިއެވެ. ދުނިޔޭގެ އެކި ޤައުމުގައި ، އޭރުވެސް ޕާޓީ ނިޒާމާއި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި ރަސްކަމުގެ ނިޒާމުން ވެރިކަން ކުރެވެމުން ދިޔައެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިއިން އެއްވެސް ނިޒާމެއް ، އެނިޒާމެއް ފުރާފުރިހަމަވެގެން ހިނގަންޖެހޭގޮތަކަށް ހިނގަމުންނެއް ނުދެއެވެ. ހަމަ އެއްވެސް ޤައުމެއްގައެވެ. ސަބަބަކީ ރައްޔިތުންނާއި ވެރިކަމުގެ ބާރުތަކާ ނުގުޅުމެވެ. ތެލާއި ފެނާ ނުގުޅޭގޮތަށް ، އެއީ ގުޅިގެންދާނެ އެއްޗެއްނޫންކަން ، މުޅިދުނިޔެއިން އެހެރަދަނީ ފެންނަމުންނެވެ. ހަމަލޮލަށް ފެންނަ މި ޙަޤީޤަތް ޤަބޫލުކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. ބޭނުމަކަށްވީ ވެރިކަން ބަދަލުކުރުމެވެ. ވެރިކަމާ ތޮޅުމެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު ، ރަސްރަސްކަލުންގެ ރަސްކަން ކަމުނުގޮސްގެން ، ރަސްކަން އުވާލައި ޖުމްހޫރީ ވެރިކަމެއް އުފެދުނެވެ. ޖުމްހޫރީ ވެރިކަން ކަމުނުގޮސްގެން އަލުން ރަސްކަމެއް އުފެދުނެވެ. އަނެއްކާވެސް ރަސްކަމެއް ކަމަކު ނުދިޔައެވެ. ރަސްގެފާނު ، ރަސްކަމުގެ ތަޚުތުން ބާލައި ޖުމްހޫރީ ވެރިކަމެއް އުފެއްދިއެވެ. އެއަށްފަހު މިއަދާހަމަޔަށް ، ޤައުމު ތަޖުރިބާ މިކުރަނީ ޖުމްހޫރީ ، ރިޔާސީ ވެރިކަމެކެވެ. ދެވަނަ ޖުމްހޫރިއްޔާގެ މި ރިޔާސީ ވެރިކަމުގައި ހަ ރައީސުން ވެރިކަން ކުރައްވައިފިއެވެ. އެއްބޭފުޅަކު 10 އަހަރު ، އަނެއްބޭފުޅަކު 30 އަހަރު ، އަނެއްބޭފުޅަކު ދެއަހަރާބައި ، އަނެއްބޭފުޅަކު ދޮޅުއަހަރު ، ދެންތިއްބެވިބޭފުޅުން 5 އަހަރެވެ. 55 އަހަރުވަންދެން ، މިހަބޭފުޅުން ހިންގެވި ވެރިކަމަށް ބަލާއިރުވެސް ، ޑިމޮކްރަސީ އޭގެ އަސްލު ސިފައިގައެއް ނުފެނެއެވެ. މުޅިންވެސް ފެންނަނީ ، ރައްޔިތުންނާއި ވެރިކަމުގެ ބާރާ ނުގުޅުމެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންކަން މިހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވައެވެ. މިސަބަބަށްޓަކައި ހުރިހާ ބޭފުޅުންވެސް ގެންގުޅުއްވީ ، ޙީލަތްތެރިކަމާއެކު ވެރިކަން ހޯއްދަވައި ، ވެރިކަމުގައި ދެމިތިއްބަވަންވެގެން ، ރައްޔިތުން ހައްދައިގެން ، ހައްލައިގެން ވެރިކަންކުރުމުގެ ވަށްޓަފާޅިއެވެ. އަބަދުވެސް ފެންނަނީ ، ކޮންމެވެސް ސިފައެއްގައި ނުފޫޒުފޯރުވައިގެން ، ރައްޔިތުން އެނުފޫޒުގައި މެކިގެން ، އެބައިމީހުންގެ ވޯޓު ވިއްކައިގެން އަމިއްލަ ނަފްސުގެ އަޅުންނަށްވެގެންތިބެ ، ވެރިން ހޮވޭ މަންޒަރެވެ. ޤާނޫނުއަސާސީއަކާއެކީ ، މީގެ 15 ޤަރުނުކުރިން ، ގްރީކްގެ ސިޔާސީ މުދައްބިރުންނާއި ޙިކުމަތްތެރިން ، ޑިމޮކްރަޓިކް ސަރުކާރެއް ތަޢާރުފްކުރި އަސްލާއި މަޤްޞަދަކީ އެއީއެއްނޫނެވެ.

ޚުދުމުޚުތާރުނުވެ އެކަކަށް ގިނަދުވަހު ވެރިކަމެއް ނުކުރެވޭނެއެވެ. އެއީ ދުނިޔެދައްކާ ޙަޤީޤަތެކެވެ. 30  އަހަރުވީ ޚުދުމުޚުތާރު ވެރިކަމެއް ވަށްޓައިލެވިއްޖެއެވެ. ގިނަޕާޓީ ބައިވެރިވެގެން ހިނގާ ވެރިކަމުގެ ޑިމޮކްރަސީއެއް ރާއްޖޭގައި ޤާއިމް ކުރެވުނެވެ. އެހެނަސް ވެރިކަމުގައި ބައިވެރިވި ޕާޓީތައް ބާކީވެ ، މާގިނަދުވަހެއްނުވެ ވެރިކަމާ ވަކިވާން ޖެހުނެވެ. މި ޑިމޮކްރަސީގައި ، ކުރިން ރާއްޖޭގައި ނުހިނގާ އެތައްކަމެއް ތަޢާރުފް ކުރެވުނެވެ.

ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ ، އެއްވެސް ޕްރޮޓޮކޯލެއްނެތި ، ރަށު ހޮޅުއަށްޓަށް ވަޑައިގެން ރައްޔިތުންނާ އެއްހަމައެއްގައި ، ހޮޅުއަށީގައި ވާހަކަދެކެވޭވަރަށް ހަމަބިމަށްތިރިވި ބޭފުޅަކަށްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމައްޗަށް އަރައި ، ހެއްދެވި ނުހެއްދެވިޔަށް ގޮވިޔަސް އެއީ އަދި ވެރިންނަށް އިޙްތިރާމް ނުކުރުން ކަމަކަށް ނުވިއެވެ. އެއްގެޔެއްތެރޭގައި އެއްޢާއިލާއެއްގައި އެކިޕާޓީއަށް ނިސްބަތްވާ މީހުންގެ ރަޙިމުގެގުޅުން ކެނޑުނެވެ. ޕާޓީގެ ވިސްނުމުގައި ، ލަދެއް ޙަޔާތެއްނެތި ، މަގުމައްޗަށް ނުކުމެ ، ހޯބޯލަވައި ، އިޖްތިމާޢީ މިންގަޑުން ނެއްޓި " އަނގަހުޅުވައިލަން " ފުރުޞަތު ލިބުނެވެ. އެކަކުއަނެކަކަށްކުރާ އިޙްތިރާމާއި ޤަދަރު އުވިގޮސް ، އެންމެން ހަމަހަމަވެގެން ދިޔަދިޔައިނުންގޮސް ، އިޖްތިމާޢީ ފޭރާން ވީދުނެވެ. ވެރިކަމުގެ ކިއްލާގައި ހިނގާ ، ލާދީނީކަންކަން ފެންމަތިވަމުން ދިޔައެވެ. ޝަރުޢީ ނިޒާމް ގަޑުބަޑުވިއެވެ. މަގުމަތި ހަމަބޮލިވެ ބިންބިފޯސް އުފެދުނެވެ. ވެރިކަމުގެ ތިންބާރުގެ ގުޅުން ކެނޑުނެވެ. ސަލާމަތީބާރުގެ މައްޗަށް އޮންނަންޖެހޭ ކޮމާންޑަރ އިންޗީފްގެ ބަސްނުވިކި ، ޤައުމު ހަލަބޮލިވިއެވެ. ވެރިކަމުގައި ފަސާދައާއި ޚިޔާނާތް އިތުރުވެ ، ވެރިންގެ " އިސްއުފުލި " ، ރައްޔިތުން ފެންނަލެއް ކުޑަވިއެވެ. އެންމެފަހުން ދެއަހާބައިވެސް ނުވަނިސް ، ވެރިކަމުން އަތްދޫކޮށްލަން މަޖުބޫރުވިއެވެ. 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަމެއް ވަށްޓާލައި ވެރިކަން ހޯދައިދިނީމަ ، ޤައުމާއި ރައްޔިތުންނަށް ޙައްޤު އިނާމަކީ މިއީތޯއެވެ ؟ ނޫނެކެވެ !

ފޮތްފަންސުރު ހިލޭބެހުމާއި އާސަންދަ ތަޢާރުފްކުރުމާއި ، އެކަނިވެރިމައިންގެ ޢިނާޔަތާއި އަސާސީ ޕެންޝަނާ އަޅާބަލާއިރު ، ކުރިން ބަޔާންކުރެވުނު ކަންކަމުން ، މުޅިދިވެހި ޤައުމާއި ނިކަމެތި ރައްޔިތުންނަށް ދާއިމީގޮތަކަށް ލިބުނު ގެއްލުން ހާސްގުނަ ބޮޑެވެ. ބާފޮތިއަޅައި ނުފެހޭވަރަށް ، އުނުއޮރިޔާން ނިވައިނުކުރެވޭވަރަށް ، އިޖްތިމާޢީ ފޭރާންވީދިގެން ހިނގައްޖެއެވެ. ރަނގަޅަކަށޭ ހިތައި ބަދަލުކުރި ވެރިކަމުގެ ނިޒާމުން ، ޤައުމުގެ މިސްރާބު އަމާޒުވެގެން ދިޔައީ ފުންވަޅުގަނޑަކަށެވެ. މިފުންވަޅުގަނޑުން އަރައިގަނެވޭނީ ، ކުރިޔަށް އޮތް އެތައްޖީލެއްގެ ޙިކުމަތު ޢަމަލީގެ ޤުރުބާނީންނެވެ. މިހާރަކު މިކަންކަމެއް ނުވިސްނޭނެއެވެ. އެކަމާ ފަހުން ހިތާމަކުރަންޖެހޭނެއެވެ. ޑިމޮކްރަސީވެސް އަދި މަލްޓިޕާޓީވެރިކަންވެސް ކުރަންވީއެވެ. އެކަމަކު އޭގެ އަސްލު ގޮތުގައެވެ. ރައްޔިތުންނާއި ޤައުމަށް ލާބައާއި މަންފާހުރި ގޮތުގައެވެ. ހަމައެކަނި ، ވެރިކަމަށް އިސްވާބައެއްގެ ބޭނުންފުއްދާން އެކަންޏެއްނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.