25 އަހަރުވީ ބައު އިންޖީނުގެ ނިއްވާލާ ނާލާފުއްޓަށް އައު އިންޖީނުގެއެއްގެ އުފާވެރިކަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މ. ނާލާފުށީ އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، މ. މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ނާލާފުށީ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ނާލާފުށީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓްއެވެ. ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށުގެ މެދުގައި ނަމަވެސް އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ހަވީރު ވަނީ މުއްޔަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މުލީގައި ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫޢުކެވެ. މިމަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.