އައްޑޫ މަރުކަޒީ އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާނެ: ފެނަކަ

އައްޑޫ ސިޓީ މަރުކަޒީ އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިތުރުން ރ. ރަސްމާދުއާއި، ހއ. އުތީމު އިންޖީނުގޭގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށެވެ. މި ތިން އިންޖީނުގެއަކީ ވެސް 2019 ވަނަ އަހަރު މަސައްކަތް ފެށުމަށް ކަނޑައެޅި 30 އިންޖީނުގޭގެ ތެރޭގައި ހިމެނުނު އިންޖީނުގެ ތަކެވެ. "ދިމާވި އެކިސަބަބުތަކާހެދި ކުޑަ ލަސްވުމެއް މިއައީ. މިއަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ މި ތިން އިންޖީނުގޭގެ މަސައްކަތް ފެށޭނެ،" ސަޢީދު ވިދާޅުވިއެވެ.

ފެނަކައިން އަލަށް އަޅަންފަށައިފައިވާ އިންޖީނުގެ ތަކުގެތެރެއިން މިހާތަނަށް ވަނީ ފަސް ރަށެއްގ އިޖީނުގެތައް ނިމިފައެވެ. ސަޢީދު ވިދާޅުވީ އުންމީދުކުރަނީ ކިންމެ ދެމަހުން އެއްމަހު ތަނެއް ހުޅުވިގެންދާނެ ކަމަށެވެ.

ސަޢީދު ވިދާޅުވީ ގޮންޖެހުންތަކާއެކު މިއަހަރު ވެސް މަސައްކަތް ކުރައްވާނީ ކޮންމެ ރަށެއްގައިވެސް "ކޯޕަރޭޓިވް އައިޑެންޓިޓީއެއް ގާއިމްކޮށް ދެރަ ޙާލަތުން އަރައިގަތުމަށް" ކަމަށެވެ.

ސަޢީދު ވިދާޅުވީ ފެނަކައިން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތް ފުޅާ ކުރުމަށް މުހިންމު ކަންތައްތަކެއް މިއަހަރު ކުރައްވާނެ ކަމަށެވެ. އެގޮތުން ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމާއި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތީޒާމް ވެސް  ހަމަޖެއްސުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސްމާޓް މީޓަރު ކުރުމުން ކަރަންޓު އަރާ މިންވަރު އެޕެއް ބޭނުން ކޮށްގެން އަޕްޑޭޓްވާނެ ކަމަށެވެ. އެ ޚިދުމަތާއެކު ކަރަންޓު ބިލް ކުޑަކުރުމަށް ވަރަށްބޮޑު ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު އެޚިދުމަތް އޮތީ ޓެސްޓު ކުރުމުގެ މަރުޙަލާގައެވެ. މިއަހަރު ކުރުމަށް ރާއްވާފައިވާ ކަންތައްތަކުގެ ތެރޭގައި 70 ޕަސެންޓް ކަރަންޓު ސޯލާއަށް ބަދަލު ކުރުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.