ރަޝިޔާ ސިފައިން ޔުކްރޭންގެ ބައެއް ސަރަހައްދުތަކަށް އަރައިފި

ޔުކްރޭންގެ އިރުމަތީގެ ދެ ސަރަހައްދަކަށް ރަޝިޔާ ސިފައިން ވަދެއްޖެ ކަމަށް ރަޝިޔާއާއި، ބޭރުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ހާމަކޮށްފިއެވެ. ރަޝިޔާ ސިފައިން ވަދެފައި ވަނީ އިރުމަތީ ޔުކްރޭންގެ ދެ ސަރަހައްދެއް ކަމަށްވާ ޑޮނެޓްސްކްއާއި ލުހާންސްކްއަށެވެ. މި ދެ ސަރަހައްދުގައި ވަކިވެގަންނަން އުޅޭ މީހުން ވަނީ ޔުކްރޭނުން މިނިވަންވެ ވަކި ދެ ގައުމެއް އުފައްދާފައިވާކަން އިއުލާންކޮށްފައެވެ.

ރަޝިޔާ ސިފައިން މި ދެ ސަރަހައްދަށް ވަދެފައި މިވަނީ، މި ދެ ސަރަހައްދަކީ މިނިވަން ދެ ގައުމުކަން ރަޝިޔާއިން ގަބޫލުކުރާކަން ރައީސު ވްލާޑިމީރް ޕުޓިން އިއުލާންކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެއެވެ.

"އަހަރެން މާ ކުރިން ނިންމަން ޖެހިފައި އޮތް ނިންމުމެއް މިއަދު ނިންމަން ކޮންމެހެން ޖެހިއްޖެ ކަމަށް އަހަރެން ގަބޫލުކުރަން. އެއީ ޑޮނެޓްސްކް ޕީޕަލްސް ރިޕަލްބްލިކާއި، ލުހާންސްކް ޕީޕަލްސް ރިޕަބްލިކުގެ މިނިވަންކަމާއި، ސިޔާދަތު ގަބޫލުކުރުން." ޕުޓިން ދެއްވި ޚިޠާބެއްގައި ވިދާޅުވިއެވެ.

ރަޝިޔާ ސިފައިންގެ ދެ ގާފިލާ ޑޮނެޓްސްކް އަދި ލުހާންސްކްއަށް ވަންނަތަން ފެނިފައވާކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާއިރު، ރަޝިޔާއިން ބުނެފައި ވަނީ މިނިވަންކަން އިއުލާންކުރި އެ ދެ ސަރަހައްދުގެ އެދުމުގެ މަތިން އެ ދެ ސަރަހަށްދަށް ފޮނުވާފައި ވަނި ސުލްހަ ބަލަހައްޓާ ސިފައިން ކަމުގައެވެ.

ރައީސު ޕުޓިންގެ އެންގެވުމަށް ރަޝީޔާ ސިފައިން ޔުކްރޭންގެ ސަރަހައްދުތަކަށް ވަނުމާއެކު، ޔުކްރޭންއިން ވަނީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ. އަދި އެމެރިކާއިން ވަނީ ޔުކްރޭންގެ އެދުމަށް ތާއީދުކޮށްފައެވެ.

އެންމެ ފަހުން (ރާއްޖޭ ގަޑިން މިއަދު ހެނދުނު 7:10 ވީއިރު) ލިބުނު ޚަބަރުތައް ބުނާގޮތުގައި އދ. ގެ ސަލަމާތީ މަޖިލީހުގެ ބައްދަލުވުން ފެށިގެން ކުރިއަށް އެބަދެއެވެ.

ރަޝިޔާ ސިފައިން ޔުކްރޭންގެ ސަރަހައްދުތަކަށް ވަނުމާ ގުޅިގެން ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން ސަރަހައްދުގެ ހަމަޖެހުން ނަގާލާފައިވާ ކަމުގައެވެ. އަދި ޔުކްރޭންގެ ބިމުން އެއްވެސް ބައެއް ދޫނުކުރައްވާނެ ކަމުގައްޔާއި، ރަޝިޔާއާ ދެކޮޅަށް "ސާފު، އަމަލީ" ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިޔާ ގުޓަރޭޝްވެސް ރަޝިޔާ ސިފައިން ޔުކްރޭންގެ ސަރަހައްދުތަކަށް ވަނުމާ ގުޅިގެން ބަޔާނެއް ނެރެއްވާފައެވެ.

"އދ. ގެ އާއްމު މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޔުކްރޭންގެ ބައިނަލް އަގުވާމިގޮތުން ގަބޫލުކޮށްފައިވާ ސަރަހައްދީ ރޮނުގެ ތެރޭގައި، އެގައުމުގެ މިނިވަންކަމާއި، ސަރަހައްދީ އެއްބައިވަންތަކަމަށް އދ.ން ތާއީދުކުރޭ." ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފޭން ޑުޖާރިން ނެރުއްވި ބަޔާނެއްގައި ވެއެވެ.

ޔުކްރޭންގެ މަސްރަހަށް މިއައި ބަދަލާ ގުޅިގެން އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ތައްޔާރުވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.