ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތުނުހިފޭ ތުހުމަތު ނުކުރުމަށް އެމްއެމްސީ އިން އިލްތިމާސްކޮށްފި

ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތުނުހިފޭ ތުހުމަތު ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ މީޑިއާގެ މިނިވަންކަމަށް ވެސް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއް ކަމަށާއި އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމެއްކަމަށެވެ. އަދި މިއީ ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް ހުރަސްއެޅިގެންދާކަމެއް ކަމަށެވެ.

އެހެންކަމުން ވަކިވަކި ނޫސްވެރިންނާ ބެހޭގޮތުން ސާބިތުނުހިފޭ ވާހަކަދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް މީޑިއާ ކައުންސިލުން ވަނީ ގޮވައްލާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްޤަކަށްވާއިރު ފަހަކަށް އައިސް ތަފާތު އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމާއި، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތުނުހިފޭ ތުހުމަތުތައް ކުރަމުންދާ މައްސަލަ އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ،

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތުނުހިފޭ ތުހުމަތުތައް ކުރުމާއި، ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭކަމެއްގެގޮތުގައި އެމްއެމްސީ އިން ފާހަގަކޮށްފައިވެއެވެ. އަދި މިދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުންވެސް ނޫސްވެރިކަމުގެ މަސައްކަތްކުރައްވާއިރު، ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑީއާގެ އަޚްލާޤީ މިންގަނޑު"އާއި އުޞޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

 

1 ޚިޔާލު

  1. ދެން ތިމާ މާރަނގަޅުވާން ވެގެން މޮޅެތި ވާހަކަ ނުދައްކާ!
    އަމްރު ދެންވެސް ރަނގަޅުވާނީ ކުރިންވެސް އުޅުނުހެން ޑަމީކޮށް މީހުން އަތަށްދީގެން ޕީސްކޮޅު ވިއްކަން. މިރަށު މީހުން އަމްރުއަށް ކިޔަނީވެސް ފުށްގުދަނޭ.
    ނިއުސްކޮންފެރެންސުގައި ދެއްކި ވާހަކަތަކުން ތިމާގެ ފެންވަރު ރައްޔިތުންނަށް އެނގި ބޭޒާރުވީމާ، ދެން މަތިޖަހަން ނޫޅޭ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.