ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ މާއްދާއެއް ހިމަނާފައި ވާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.
އެމްއެމްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެއީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެކެވެ. ދިވެހިރާއްޖޭގެ ގާނުނު އަސާސީގެ 28 ވަނަ މާއްދާގައި ވެއެވެ.
"ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ."
ގާނޫނު އަސާސީގައި މިހެން އޮތް ކަމުގައި ވިޔަސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ވަނީ ޚަބަރުގެ މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާއަށް މަޖުބޫރު ކުރެވިދާނޭ ދެ ހާލަތެއް ބަޔާން ކޮށްފައެވެ. އެ އަކުރުގައި ބަޔާން ކޮށްފައި ވަނީ މިފަދައިންނެވެ.
"މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެއެވެ."
މިހެން ބަޔާން ކުރުމަށް ފަހު ކަނޑައަޅާފައިވާ ދެ ހާލަތަކީ މިއީއެވެ.
(1) ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
(2) ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
މީޑިއާ ކައުންސިލުގެ ބަޔާނުގައި ވަނީ މި ބައިތައް އުނިކުރަން ރައްޔިތުންގެ މަޖިލީހަށް ގޮވައިލާފައެވެ.