ނޫސްވެރިންނަށް ފައިނޭންޝަލް ޖާނަލިޒަމް ކިޔަވައިދޭ ކޯސް އަންނަމަހު ބާއްވަން ނިންމާ ބައިވެރިވާން ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މި ކޯސް ނުވަތަ ވޯކްޝޮޕް އޮންނާނީ އަންނަ ނޮވެމަބަރ މަހުގެ 19 ވަނަ ދުވަހު އެވެ. މެންހަޓަން ބިޒްނެސް ސްކޫލުގައި އެދުވަހުގެ ހެނދުނު 9 ން ހަވީރު 5 ޖަހަންދެން ނެވެ.
އެމްއެމްސީން ބުނީ މި ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދޭނީ މާލީ ދާއިރާގެ ފްނަނީ ތަޖުރިބާ ކާރުން ކަމަށެވެ.
އެގޮތުން ގިނަ އަހަރުތަކެއްގައި ފައިނޭންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅުން މި ވޯކްޝޮޕްގައި ބައިވެރިވާނެ ކަމަށް އެމްއެމްސީން ބުނެ އެވެ. މިއަދު ބީއެމްއެލް އާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން މީޑިއާގެ ފަންނުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މާލީ މަސްލަހަތު ހިމެނޭ ދާއިރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމްއެމްސީން ބުނެ އެވެ.
އެމްއެމްސީން ބުނީ މި ވޯކްޝޮޕްގައި ނޫސްވެރިންގެ އިތުރުން އެޑިޓަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. މި ވޯކްޝޮޕްގައި ބައިވެރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްސީސީން ބުނެ އެވެ.
ނޫސްވެރިން ތަމްރީން ކުރުމަށް އެމްއެމްސީން މިފަދަ އެކި ދާއިރާތަކާ ގުޅުން ހުރި މައުލޫމާތު ދިނުމަށާއި އެ ދާއިރާތަކުން ފެންވަރު ރަނގަޅު ހަބަރުތައް ގެނެސްދިނުމުގައި އެހީތެރިވުމަށް ދޭތެރެ ދޭތެރެއިން އަންނަނީ އެކި ވޯކްޝޮޕްތައް ހިންގަމުން ނެވެ.