އިންޑިޔާގައި ދަތުރުކުރަމުން ދިޔަ ބަހެއްގައި އަލިފާން ރޯވެ 25 މީހުން އަނދައިފި

ރޭގެ އެކްސިޑެންޓުގައި އަލިފާން ރޯވި ބަސް އަނދައިހުލިވެފައި

އިންޑިޔާގެ މަހާރާޝްޓްރަ ސްޓޭޓުގެ ބުލްދާނާގައި ބަހެއްގައި އަލިފާން ރޯވުމުގެ ސަބަބުން 25 މީހުން ފިހިގެން މަރުވެއްޖެއެވެ. މަރުވި މީހުން ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ. މަރުވި އެންމެންގެ ހަށިތައް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދައިގެން ގޮސްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި 33 ފަސިންޖަރުންނާއެކު ނާގްޕޫރުން ޕޫނޭއަށް ދަތުރުކުރަމުން ދިޔަ ބަހުގައި އަލިފާން ރޯވީ ޓައިރެއް ގޮވުމުގެ ސަބަބުންނެވެ. ޓައިރު ގޮވުމާއެކު ބަސް ކޮންޓުރޯލުން ނައްޓައިގެން ގޮސް ހައިވޭގެ ދެބައިކުރަން މެދުގައި ޖަހާފައި ހުންނަ ޑިވައިޑާގައި ވަނީ ޖެހިފައެވެ. އެއީ ރޭ ދަންވަރު 1:30 (ރާއްޖޭ ގަޑިން ދަންވަރު 1:00) ހާއިރުއެވެ.

ޕީޓީއައި (ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ) އަށް މައުލޫމާތުދެއްވަމުން ބުލްދާނާ ޑިސްޓްރިކްޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުނިލް ކަދާސްނޭ ވިދާޅުވިގޮތުގައި ޓައިރު ގޮވުމާއެކު ބަސް ޑިވައިޑާގައި ޖެހުމުގެ އިތުރަށް ހޮޅިދަނޑިއެއްގައި ވެސް ވަނީ ޖެހިފައެވެ. އަދި އެއާއެކު ބަހުގައި އަލިފާން ރޯވިއެވެ.

"އެކްސިޑެންޓް ހިނގިއިރު ދަތުރުވެން ތިބީ ނިދާފައި." އޭނާ އިތުރަށް ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ބަހުގެ ޑްރައިވަރާއި މަސައްކަތު މީހާ ވަނީ ސަލާމަތްވެފައެވެ. ސަލާމަތްވި 8 ފަސިންޖަރުން ސަލާމަތްވީ ބަހުގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައި ބަހުން ފުއްމާލައިގެންނެވެ. އެއަށް މީހުންނަށް

ފުލުހުން ދަނީ ބަހުގެ ޑްރައިވަރު ހައްޔަރުކޮށް އޭނާއާ ސުވާލުކުރަމުންނެވެ.

ޕީޓީއައިން ޚަބަރުދިން ގޮތުގައި ވިދަރްބާ ޓްރެވެލްސްގެ އެ ބަސް ނާގްޕޫރުން ޕޫނޭއަށް ދަތުރު ފެށީ ހުކުރު ދުވަހު ހަވީރު 4 ޖެހިއިރުއެވެ. އަދި އެކްސިޑެންޓް ރޭގަނޑުގެ ކެއުމަށް ޔަވަތުމާލް ޑިސްޓްރިކްޓްގެ ކަރަންޖާލްގައި މަޑުކުރުމަށް ފަހު އެރަށުން ފުރައިގެން ދަތުރުކުރަނިކޮށެވެ.

މާހާރާޝްޓްރަ ސްޓޭޓުގެ ޗީފް މިނިސްޓަރު އޭކްނާތު ޝިންޑޭ ވަނީ މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 5 ލައްކަ ރުޕީސް (93 ހާސް ދިވެހި ރުފިޔާ) ސަރުކާރުން ދޭނެކަން ހާމަކުރައްވާފައެވެ.

މި ހާދިސާއިން ސަލާމަތްވި މީހަކު އިންޑިޔާގެ ނޫހަކަށް މައުލޫމާތުދެމުން ބުނިގޮތުގައި އޭނާ އިނީ އެންމެ ފަހަތުގައެވެ. އޭނާއާއި އޭނާގެ ކައިރީގައި އިން މީހާ ވަނީ ބަހުގެ ފަހަތު ބިއްލޫރިގަނޑު ތަޅާލައި ބަހުން ފުއްމާލާފައެވެ. އޭނާ އިތުރަށް ހާމަކުރިގޮތުގައި ޓައިރު ގޮވުމާއެކު ބަހުގައި ހުޅު ހިފިއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުޅުގަނޑު މުޅި ބަހަށް ފެތުރުނެވެ. އެހެންކަމުން ބަހުން ފުއްމާލަން ފުރުސަތު ލިބުނީ މަދު މީހަކަށެވެ.

ފުލުހުންނާއި އަލިފާން ނިވާ މީހުން ވަރަށް އަވަހަށް އެތަނަށް އައިކަންވެސް އޭނާ ފާހަގަކުރިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.