އިންޑިޔާގައި ބަހެއް ބުރިޖެއްގެ މަތިން ވެއްޓި 47 މީހުން މަރުވެއްޖެ

ވެއްޓުނު ބަސް ކާނުން ނަގަނީ

އިންޑިޔާގެ މަދްޔަ ޕްރަދޭޝް ސްޓޭޓުގައި 50 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބަހެއް ބުރިޖެއްގެ މަތިން ފުން ކާނެއްްގެ ތެރެއަށް ވެއްޓުމުގެ ސަބަބުން 47 މީހުން މަރުވެއްޖެއެވެ.

އިއްޔެ މެންދުރުކުރީގެ ވަގުތެއްގައި ސިދީ ޑިސްޓްރިކްޓްގައި ހިނގި މިހާދިސާގައި ވެއްޓުނު ބަސް ކާނުން ނަގައި، ރޭގެ ވަގުތެއްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ނިމުނު އިރު، ދިރި ތިއްބާ ނެގުނީ 6 މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި 16 އަންހެނުންނާ ކުޑަކުއްޖަކު ހިމެެނެއެވެ.

ފުލުހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ޚަބަރުދީފައި ވާގޮތުގައި ވެއްޓުނު ބަހަކީ 32 މީހުންގެ ޖާގައިގެ ބަހެކެެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކާނުގެ ފެންގަނޑު މަދުކުރުމަށް އެކާނަށް ފޮނުވާ ފެން ބަންދުކުރުމަށް ފަހުގައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބުރިޖު މަތިން ބަސް ވެއްޓުމާއެކު އެ ބަސް ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. އެ ސަރަހައްދުން ލިބޭ ޚަބަރުތައް ބުނާ ގޮތުގަައި ޑްރައިވަރަށް ބަސް ކޮންޓުރޯލުނުކުރެވި ގޮސް ބުރިޖުގައި ޖެހުމަށް ފަހު ކާނުގެ ތެރެއަށް ވެއްޓުނީއެވެ. ސަލާމަތްވީ މީހުންގެ ތެރޭގައި ބަހުގެ ޑްރައިވަރު ހިމެނޭކަމަށް ވެއެވެ.

އިންޑީޔާގައި ދަތުރުކުރާ އުޅަނދުތައް އިތުރުވަމުން ދާވަރަށް، މަގުތަކުގެ ފެންވަރު ރަނގަޅު ނުކުރެވުމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް ހިނގުން ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ ހާދިސާތަކުގައި އެތައް ލައްކަ ބަޔަކު ވަނީ މަރުވެފައެވެ.

ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަަަހަރު އިންޑިޔާގައި 5 ލައްކަައަށްވުރެ ގިނަ އެކްސިޑެންޓު ހިގާފައ ވެއެވެ. އަދި މި އެކްސިޑެންޓުތަކުގައި 1 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެއީ ދުވަހަކު 410 މީހުންނެވެ. ގަޑިއަކު 17 މީހުންނެވެ.

ޓައިމްސް އޮފް އިންޑިޔާ ނޫހުގައި ބުނެފައިވާ ގޮތުގައި ކޮންމެ އަަހަރު އެމެރިކާގައި އިންޑިޔާއަށްވުރެ ފަސް ގުނަ އިތުރަށް އެކްސިޑެންޓު ހިނގައެވެ. އެކަމަކު އެމެރިކާގައި އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު 4 ގުނަ ދަށެވެ. މީހުން ގިނައިން މަރުވާ ސަބަބުތަކުގެ ތެރޭގައި އުޅަނދުތަކަށް މާގިނައިން މީހުން އެރުވުމާއި، ބާރަށް ދުއްވާއި، ސީޓް ބެލްޓާއި، ހެލްމެޓް ނޭޅުން ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.