އިންޑިޔާގައި ބަހެއް ވާދީއަކަށް ވެއްޓި 44 މީހުން މަރުވެއްޖެ

ހިމަޗަލް ޕްރަދޭޝްގެ ކުއްލޫގައި އިއްޔެ ވާދީއަކަށް ވެއްޓުނު ބަސް

އިންޑިޔާގެ އުތުރުގައި، ހިމާލަޔާ ފަރުބަދަތަކުގެ ތެރޭގައި އޮންނަ ސްޓޭޓެއް ކަމަށްވާ، ހިމަޗަލް ޕްރަދޭޝްގައި އިއްޔެ ފަރުބަދަމަތިން ދަތުރުކުރަމުން ދިޔަ ބަހެއް، ކައިރީގައި އޮތް ވާދީއަށް ވެއްޓުމުގެ ސަބުބުން އެބަހުން ދަތުރުކުރި މީހުންގެ ތެރެއިން 44 މީހުން މަރުވެ 29 މީހުން ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ. ޒަޚަމްވި ބައެއް މީހުންގެ ހާލު ވަރަށް ދެރަކަމަށް ވެއެވެ.

ޖާގަ ހުރި ވަރަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރަމުން ދިޔަ އެބަހަކީ ދަތުރުފަތުރުގެ ޚިދުމަތް ދޭ އަމިއްލަ ކުންފުންޏެއްގެ ބަހެކެވެ. ބަސް ވެއްޓިފައިވަނީ ކުއްލޫ ޑިސްޓްރިކްޓްގެ ފަރުބަދަމަތީ މަގަކުން 900 ފޫޓު އަޑީގައި އޮތް ވާދީއަކަށެވެ. ބަސް ވެއްޓިފައި ވަނީ ކުއްލޫ ޑިސްޓްރިކްޓްގެ ބަންޖަރުން އެ ޑިސްޓްރިކްޓްގެ ގާޑާގުޝައިނީއަށް ދިއުމަށް ދަތުރު ފަށައިގެން 2 ކިލޯމީޓަރު ދުރަށް ދަތުރުކުރެވުނުތަނާއެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ބަސް ވެއްޓެން ދިމާވީ ވަރަށް ބޮޑަށް އެނބުރިފައި އޮންނަ ގުދަކުން ބަސް އަނބުރާލުމުގެ ތެރޭގައި ޑްރައިވަރަށް ބަސް ކޮންޓުރޯލު ނުކުރެވިގެނެވެ. އެ ގުދު 75 ޑިގްރީއަށް އެނބުރިފައި އޮންނަ ކަމަށް ވެއެވެ. މަގުން ބަސް ކައްސާލުމާއެކު ފަރުބަދައިގައި ކޭއްތެމުން ގޮސް ވާދީތެރެއަށް ވެއްޓުނީކަމަށް އެ މީހުން ބުންޏެވެ.

ހާދިސާ ހިނގި ތަނުގައި މަރުވީ 25 މީހުންކަމަށް ޚަބަރުތައް ބެނެއެވެ. ކުއްލޫގެ ޕޮލިސް ޗީފް ޝާލިނީ އަންގްނީހޯތުރީ ވިދާޅުވިގޮތުގައި 19 މީހުން މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

70 އަށްވުރެ ގިނަ މީހުންނާއިގެން ދަތުރުކުރި ބަހުގެ ފުރާޅުމަތީގައިވެސް މީހުން ތިބިކަމަށް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.