ދީނާއި ދުނިޔޭގެ ކަންކަން ރަނގަޅުކޮށް މަސްލަހަތުތައް ހިމާޔަތްކުރެވޭނީ އެއްބައިވަންތަ ވެގެން: ޙައްޖުގެ ޚުޠުބާ

އައްޝައިޚް ޑރ. ޔޫސުފް ބިން ސަޢީދް މިއަދު ނަމިރާ މިސްކިތުގައި ޙައްޖުގެ ޚުޠުބާ އިއްވަވަނީ

މުސްލިމުންނަށް އެބައިމީހުންގެ ދީނާއި ދުނިޔޭގެ ކަންކަން ރަނގަޅުކޮށް މަސްލަހަތުތައް ހިމާޔަތްކުރެވޭނީ އެއްބައިވަންތަވެ، އެންމެން އެކައްޗެއް ކިޔައިގެން ކަމުގައި މިއަދު، މިއަހަރުގެ މާތްވެގެންވާ ޙައްޖު ދުވަހު، ނަމިރާ މިސްކިތުގައި ދެއްވި ޚުޠުބާގައި ޚަޠީބު އައްޝައިޚް ޑޮކްޓަރ ޔޫސުފް ބިން މުޙައްމަދު ބިން ޢަބްދުލްޢަޒީޒް ބިން ސަޢީދް ވިދާޅުވެއްޖެއެވެ.

"ހުރިހާ ނައްޞެއްގައިވެސް (ޤުރްއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލު صلى الله عليه وسلم ގެ ޙަދީޘުތަކުގައި) ގަދައަޅައި އަންގަވާފައި ވަނީ (އެއްބަޔަކު އަނެއް ބަޔަކަށް) ލޯބިވުމާއި، ހިތްތައް އެކުވެރި ކުރުމުގައި އެކަތިގަނޑަކަށްވުމަށް. އަދި އަރައިރުންވުމާއި، ބައިބައިވުމާއި، ދެބަސްވުން މަނާކުރައްވާފައިވޭ." ސައޫދީ އަރަބިއްޔާގެ އެންމެ މަތީ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ވިދާޅުވިއެވެ.

"ދީނާއި ދުނިޔޭގެ ކަންކަން ރަނގަޅުވެ، މަސްލަހަތުތައް ހިމާޔަތްވެ، ފަސާދަ ނެތިގެންދާނީ އެކަތިގަނޑަކަށް ވެގެން." އޭނާ އިތުރަށް ވިދާޅުވިއެވެ.

"ބައިބައިވާ ކޮންމެ ފަހަރަކު ހަވާނަފުސުގެ އެދުމާއި، ރުޅިވެރިކަން ވަދެގަނޭ. ބޭނުންވާ ކަންކަން ތަފާތުވެ، ހުރުމަތްތެރިވެގެންވާ ލޭއޮހުރުވުމާ ހަމައަށް ދޭ. ކުށެއް ނެތް މީހުންގެ މުދާ ހަލާލުކޮށް، ހުރުމަތްތެރިކުރައްވާފައިވާ ހައްގުތަކަށް އަރައިގަނޭ. އަދި ކުރިއަރައި ތަރައްގީވުމަކީ އުއްމަތަށް ކުރަން އުދަނގޫ ކަމަކަށްވޭ." މިއަދުގެ ޚުޠުބާގައި ޑރ. ޔޫސުފް ވިދާޅުވިއެވެ.

މިއަދު ޚުޠުބާގައި އޭނާ ވަނީ މުސްލިމުންގެ މެދުގައި އިޖްތިމާއީ އަދި އާއިލީ ގުޅުން ދެމެހެއްޓުމަށް އިސްލާމްދީނުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަށް ބައްލަވައިލައްވާފައެވެ.

"ދީނުގައި ވަނީ ރަހިމު ގުޅުން ދެމެހެއްޓުމަށް އަންގަވާފައި. ފިރިންނަށް އަނބިންގެ ހައްގުތައް ބަޔާންކޮށްދެއްވާފައި. މައިންބަފައިންނާއި ދަރީންގެ ހައްގުތަށް ތަފްސީލުކޮށްދެއްވާފައި. އަދި ގާތްތިމާގެ އެންމެންނަށާއި، އަވަށްޓެރިންނާއި، ނިކަމެތިންނަށް ކަމޭހިތުމަށް އަންގަވާފައި. އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް މިއަދުގެ ޚަޠީބު ޑރ. ޔޫސުފް ވަނީ އިސްލާމްދީނުގައި ހިފަހައްޓަންވީ އެންމެ މަތިވެރި އުސޫލު ހަނދުމަކޮށްދެއްވާފައެވެ.

"މާތް ﷲގެ ހައްގުތަކަށް ފުރިހަމައަށްރައްކާތެރިވުމަކީ އެއްވެސް އަޅުކަމެއް މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުކުރުން. މާތް ﷲ އެއްކައުވަންތަކޮށްފި މީހާއީ ހިދާޔަތުގެ މަގުގައި ހުރި މީހެއް. ދިންނެވުމާއި، ހެޔޮވެގެންވާ ނިމުން ހުރީ އޭނާއަށް." ޚަޠީބު ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާ ކުރިއަށް ގެންދަވަމުން ޑރ. ޔޫސުފް ވަނީ ކީރިތި ރަސޫލު صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި ދެއްވި ޚުޠުބާގެ މުހިއްމު ބައެއް ބައިތައް މުސްލިމުންނަށް ހަނދުމަކޮށްދެއްވާފައެވެ.

"މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ އެއްކައުވަންތަ ކަލާނގެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ އެއް ބައްޕަކަށް ނިސްބަތްވާ މީހުން. އަރަބީންގެ މީހަކަށް އަރަބި ނޫން މީހެއްގެ މައްޗަށް އަދި އަރަބި ނޫން މީހަކަށް އަރަބީންގެ މައްޗަށް ތަގުވާރިކަމުން މެނުވީ މާތްކަމެއް ލިބިގެންނުވޭ." ކީރިތި ރަސޫލު صلى الله عليه وسلم ގެ މަތިވެރި ބަސްފުޅު ތަކުރާރުކުރައްވަމުން ޚަޠީބު ވިދާޅުވިއެވެ.

ކޮވިޑް- 19 އަށް ފަހު އަދާކުރެވޭ އެންމެ މީހުން ގިނަ ޙައްޖުގައި 2 މިލިއަނަށްވުރެ ގިނަ މީހުން ދަނީ ބައިވެރިވަމުންނެވެ. މިއަދު އިރުއޮއްސެންދެން މިއެންމެން ޢަރަފާތް ބިމުގައި ތިބުމަށް ފަހު މިރޭގެ ވަގުތެއްގައި މުޒްދަލިފާއަށް ދަތުރުކުރާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.