މި އަހަރުވެސް ޙައްޖުގެ އަޅުކަން ކުރިއަށް ދާނީ ޚާއްސަ ފިޔަވަޅުތަކަކާއެކު

ކޮވިޑް-19 ގެ ހާލަތު ރަނގަޅު ނުވެ ކުރިއަށް ދާތީ މިއަހަރުވެސް ޙައްޖުގެ އަޅުކަން އޮންނާނީ ޚާއްސަ ފިޔަވަޅުތަކަކާއެކުގައި ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނި ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް އަޅާ ސިއްހީ ފިޔަަވަޅުތަކާ، އެކަމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކަށް ރިއާޔަތްކުރުމަށް ފަޅު ޙައްޖު މޫސުމުގައި އަޅާނެ ފިޔަވަޅުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމުގައެވެ.

އެތަކެއް މިލިއަން މުސްލުމުން އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖު އަޅުކަން ކޮންމެ އަހަރަކު އަދާކުރިނަމަވެސް، ފާއިތުވި އަހަރު އެއަޅުކަން އަދާކުރުމުގެ ހުއްދަ ދީފައި ވަނީ މަދު ބަޔަކަށެެވެ. އެއީވެސް ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ.

ހައްޖު މިނިސްޓްރީއާ ހަވާލާދީ ސައޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން މިއަދު ބުނެފައިވާ ގޮތުގައި ޝާހީ ގަނޑުވަރުން ނިންމާފައި ވަނީ "ރައްކާތެރި މާހައުލެއްގައި" ހައްޖުގެ އަޅުކަން ކުރިއަށް ގެންދެވޭނެކަން ކަށަަވަރުކުރުމަށްޓަކައި ވަރުގަދަ ސަލާމަތީ އަދި ސިއްހީ ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭށެވެ.

އެހެންނަމަވެސް، ޙައްޖާއި ގުޅޭ ޚާއްސަ އުސޫލުތައް ހާމަކުރާނީ ފަހުގެ ވަގުތެއްގައިކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

"އެކަން ބިނާވެފައިވާނީ މާތްވެގެންވާ މައްކާގެ ޙަރަމްފުޅާ ކީރިތި ރަސޫލާގެ މިސްކިތްކޮޅަށް ޒިޔާރަތްކުރާ މެހުމާނުންނަށް ޙައްޖުއަޅުކަން އަދާކުރާނެ ފުރުސަތު ދިނުމަށް ސައޫދީ އަރަބިއްޔާއިން ބޭނުންވެފައިވާ މިންވަރުގެ މައްޗަށް. އެހެންނަމަވެސް "ސައޫދީ އަރަބިއްޔާއިން އަބަދުވެސް އިސްކަން ދެނީ މީހުންގެ ސިއްހަތު ސަލާމަތްކުރުމަށް." ހައްޖު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.