މިއަހަރު ޙައްޖުގެ އަޅުކަމުގައި 2 މިލިއަނަށްވުރެ ގިނަ މީހުން

މިއަހަރުގެ ޙައްޖުގެ އަޅުކަމަކީ ކޮވިޑް-19 އަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ޙައްޖުގެ އަޅުކަމަށް ވާއިރު، މި ފަހަރަގެ ޙައްޖަކީ މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވާ އެއް ޙައްޖުކަމުގައި ވާނެކަމަށް ސައޫދީ ބައެއް އޮފިޝަލުން ހާމަކޮށްފިއެވެ.

ޚަބަރުފަތުރާ އަރަބި ބައެއް ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން އޮފިޝަލުން ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި 2.5 މިލިއަނާ ގާތްކުރާ ނުވަތަ އެއަށްވުރެ މަތީ އަދަދަކަށް މީހުން ބައިވެރިވެއެވެ.

"މިއަހަރު އަހަރުމެން މިދެކެނީ ތާރީޚުގައި ވެސް އެންމެ ގިނަ މީހުން ބައިވެރިވާ ޙައްޖު. މި އަދަދު 2.5 މިލިއަނަށްވުރެ މަތިވާނެ. އަރަބި ބައެއް ނޫސްތަކަށް މައުލޫމާތުދެއްވަމުން ޙައްޖު މިނިސްޓްރީގެ އޮފިޝަލަކު ނަންހާމަނުކުރުން ޝަރުތުކުރައްވައި ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 160 ގައުމަކުން 2 މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައިވެއެވެ.

2019 ވަނަ އަހަރުވެސް 2.5 މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ޙައްޖަށް ގޮސްފައި ވެއެވެ. އެހެންނަމަވެސް، 2020 ވަނަ މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން އެއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ އެންމެ 10 ހާސް މީހުންނަށެވެ. އަދި 2021 ވަނަ އަހަރު 59 ހާސް މީހުންނަށް ފުރުސަތު ދިން އިރު، ފާއިތުވި 2022 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައިވަނީ 1 މިލިއަން މީހުންނަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސައޫދީ ސަރުކާރުން އަޅާފައި އޮތް ހުރިހާ ފިޔަވަޅެއް އުވާލުމާއެކު ޙައްޖަށް ދާ މީހުން މިވަނީ ކުރީގެ މިންވަރަށް ގިނަވެގެން ގޮސްފައެވެ.

ޙައްޖުވެރިން މިއަދު 8 ޛުލްޙިއްޖާގައި މިނާއަށް ދަތުރުކުރާނެއެވެ. އަދި މިރޭ މިނާގައި ވޭތިކުރުމަށް ފަހު، މާދަމާ، 9 ޛުލްޙިއްޖާގައި (ޙައްޖު ދުވަސް ނުވަތަ ޢަރަފާތް ދުވަސް) ޢަރަފާތް ބިމަށް ދަތުރުކޮށް އިރުއޮއްސެންދެން އެ މާތް ބިމުގައި މާތް ﷲއަށް ކުއްތަންވެ އަޅުކަންކުރުމާއި، ޒިކުރުކުރުމުގައި ހޭދަކުރާނެއެވެ. ޢަރަފާތް ބިމުގައި ޙައްޖު ދުވަހު ވަގުތުކޮޅެއް ހޭދަކުރުމަކީ ޙައްޖުގެ އެންމެ މަތިވެރި ރުކުނެވެ. ޢަރަފާތް ބިމަށް ނުދެވުނު މީހަކަށް ޙައްޖު ނުލިބޭނެއެވެ.

ޙައްޖުގެ އަޅުކަމުގައި ދެން ހިމެނޭ މުހިއްމު މަނާސިކުތަކަކީ، 10 ވަނަ ދުވަހު (އަޟްޙާ ޢީދު ދުވަހު) ހަދްޔު ކަތިލައި ބޮޑު ޖަމްރާއަށް ހިލައުކުމަށް ފަހު ޙަލާލުވުމާއި، ޙައްޖު މަހުގެ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހު ތިން ޖަމްރާއަށް ހިލައުކުމެވެ.

މިފަހަރުގެ ޙައްޖުގެ އަޅުކަން ދިމާވަނީ ހޫނު މޫސުމާއި ކަމަށް ވާތީ މައްކާގެ ފިނިހޫނުމިން 42 ޑިގްރީއަށް ވުރެ މަތީގައި ހުންނާނެ ކަމަށް ވެއެވެ. ޙައްޖުވެރިންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަށް ފަރުވާ ދިނުމަށް 32 ހޮސްޕިޓަލާއި، 140 ސިއްހީ މަރުކަޒު ގާއިމުކޮށްފައި ވެއެވެ. މި ތަންތަނުގައި 32 ހާސް ސިއްހީ ޚިދުމަތްތެރިން ހަރަކާތްތެރިވާނެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.