(12 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުޑައިރުކޮޅެއްގެ ތެރޭގައި އެ މީހުންނަށް ކާއެއްޗެތި ގެނެސްދީފިއެވެ. އަދި ވަރަށް ހަމަޖެހިލައިގެން ތިބެ ކާން ފަށައިފިއެވެ. ހީވަނީ އެ ދެ މީހުންނަކީ ކޮންމެ ދުވަހަކުވެސް އެތަނުން ކައިހަދާ ދެމީހުން ހެންނެވެ.
ޚާން އާޞިފް ވަރަށް ބޮޑަށް ހާސްވެފައި ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުކުޅެދުމާއި ނިކަމެތިކަމުގެ އަސަރެވެ.
ކުރިމަތީގައި ހުރި ގޮޑިސެޓްގެ ގޮނޑިއެއްގައި އިށީނދެލައިގެން އޭނާގެ ދަރިފުޅު މާޖިދު އިނެވެ. އޭނާގެ މޫނުމައްޗަށްވެސް ފެތުރިފައިވަނީ ވަރަށް އަޖައިބުވާފަދަ ތަފާތު އަސަރުތަކެކެވެ.
ފެންނަ ފެނުމުގައި ހީވަނީ، ދެބަފައިންވެސް ވަރަށް ބޮޑަށް ކެތްތެރިވާން ޖެހިފައިވާ އަދި އުނދަގޫ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭ ވަގުތުތަކެއްގެ ތެރެއިން ދަތުރުކުރަނީހެންނެވެ
ކުއްލިއަކަށް ޚާން އާޞިފް މާޖިދާ ދިމާއަށް އެނބުރިލިއެވެ. އަދި ރުޅިވެރި ރާގަކަށް ބުންޏެވެ.
"ކަލޭ ޚާން އާޞިފްގެ ދަރިޔަކަށްވެގެން ހުރެ ތިޔަ ދަރަޖައަށް ނިކަމެތިވެގެން ތިޔަދަނީ. އަހަރެންގެ ދަރިއެކޭ ވެސް ބުނަން ވެސް އަހަރެން މިހާރު ލަދުގަނޭ."
"ބައްޕާ.... ބައްޕައަށްވެސް ކުރެއްވޭނޭ ކަމެއްނެތިފައިވާ ފަދައިން އަޅުގަނޑަށްވެސް ކުރެވޭނެ ކަމެއް ހަމަނެތީ...... އަދި އޭގެ އިތުރަށް ބައްޕަ ގެންގުޅުއްވާ ޙިކުމަތު ޢަމަލީގެ ސަބަބުން އަޅުގަނޑު މަޑުންހުންނަންޖެހެނީ... އަބަދުވެސް ބައްޕަ ބުނުއްވަމުން ތިޔަ ގެންދަވަނީ ރައްކާތެރިވެހުންނާށޭ.... ރައްކާތެރިވެ ހުންނާށޭ.... އަޅުގަނޑު ބައްޕަ ބުނުއްވާގޮތް ހަދަންވެގެން އަބަދުވެސް މިއުޅެނީ އޭނަޔާ މެދުވެސް ވީހާ މަޑުމައިތިރިކޮށް ކަންތައް ބަހައްޓައިގެން އަދި އަޅުގަނޑު މިހުންނަނީ އޭނާޔާ ހެދި އަނބިމޮޔަ ވެފައިވާކަން އޭނާއަށް ޔަޤީންކޮށްދެވޭތޯވެސް އަޅުގަނޑު މިގެންދަނީ މަސައްކަތް ކުރަމުން... އަދި ކޮބައިތޯ.. ބައްޕަޔާއި އޭނާއާ ދެތެރޭގައި ހިނގާ ފިނި ހަނގުރާމަޔާ
އަޅުގަނޑު އެއްވެސް ގުޅުމެއް ނެތްކަމަށާއި ފައިސާއާ މެދުވެސް އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތްކަމަށްވެސް އަޅުގަނޑު އޭނާ ގާތުގައި ބުނެފިން.... ނަމަވެސް އޭނާ އެ ވާހަކައެއް ޤަބޫލެއް ނުކުރެވޭ.... އަދި މިއަދު އޭނާ އަބަދަށްޓަކައި މި ގެއިން ނުކުމެގެން އެދިޔައީ އަޅުގަނޑު އެންމެ ބޮޑަށް ހައިރާންވާން ޖެހުނީ އޭނާ މި ގެ ދޫކޮށްލުމަށް ކުއްލިއަކަށް ނިންމީ ކީއްވެގެންބާވައޭ ހިތަށްއަރާފައި މިގޭގައި އޭނާއަށްއޮތް ދަތިކަމަކީ ކޮބައިތޯ؟"
ޚާންއާޞިފް ލޯބޮޑުކޮށްލާފައި މާޖިދާ ދިމާއަށް ބަލާލިއެވެ.
"މި ގޭގައި އޭނާއަށް ދަތިވާނެ އެއްކަމެއް ހަމަގައިމުވެސް އެބައޮތް!"
"އެއީ ކޮންކަމެއްތޯ؟ އެއީ މި ގޭގައި އަހަރެމެންގެ ކުރިމަތީގައި އޭނާގެ އެކުވެރިޔާ ޡަނާއާ ބައްދަލުވެއެއް ނުހެދޭނެ..... ޘަނާއުﷲއަކީ ވަރަށް ހުޝިޔާރު ވަކީލެއް.... އޭނާ މިހާރު އެއްގާ ގަޑުން ދެ ދޫނި މަރަނީ... އެއްކޮޅުން އަހަރުމެންގެ ބަލިފައިގައި ހިފައިގެން އަހަރެމެންގެ ހުރިހާ ވިޔަފާރިއެއް އެ ކޮންޓްރޯލްކުރަނީ އޭނާ... އަނެއްކޮޅުން އަނާ ކައިރީގައި އޭނާ ބުނަމުން އެ ދަނީ ހުރިހާކަމެއް އޭނާ އެކުރަނީ އަނާއަށްޓަކައޭ.. އެ ގޮތުން އޭނާއަށް އަންހެނަކުވެސް ލިބުނީ.. ފައިސާވެސް ލިބުނީ. އަދި އަހަރުމެން ބަރުބާދުވެ ހަލާކުވެސް ވީ!"
"ދެންވާނީ ކިހިނެއްތޯ ބައްޕާ!" މާޖިދުގެ އަޑުގައިވަނީ ކަންބޮޑުވާގޮތެވެ.
"ދެންވާން އޮތީ ކޮންކަމެއް؟ ދޫނީގެ ފިޔަ ދިގުވެއްޖެ. އެކަމަކު އަދިވެސް ކަލޭ މަސައްކަތްކޮށްފިއްޔާ ފަހަރުގައި ނާކާމިޔާބުވެފައިވާ ކަންތައް ކާމިޔާބީއަކަށް ބަދަލުކުރެވިދާނެ."
"އަޅުގަނޑު ކީއްކުރަންވީ ކީއްތޯ؟"
"އޭނާގެ ހިތް އަތުލަންވީ ކޮންމެ ގޮތަކުންވެސް އޭނާ ޙާޞިލްކުރެވޭޔޯ ބަލަންވީ..... އެހެންނޫނީ އަހަރުމެން އެންމެން މަގުމައްޗަށް ސަލާންޖަހަން ނުކުންނަން ޖެހޭނީ."
"ދެން ބައްޕަ ތިޔަ ބުނުއްވި ގޮތުން މިހާރު އޭނާ ޘަނާއުﷲ ދެކެލޯބި ވަމުންދަނީ...އެހެންވިއްޔާދެން އޭނާ އަޅުގަނޑާ ދިމާއަށް ލެނބޭނީ ކިހިނެއްތޯ؟"
"މީނދަ މޮޔަޔާ... ޘަނާ އޭނާ ޙާޞިލްކުރަން ބޭނުންވަނީ.. އޭނާ ޘަނާއެއް ބޭނުމެއްނުވޭ.. އޭނާ ކުޑައިރުން ފެށިގެން ތަރުބިއްޔަތު ވެފައިވާ މާޙަޥްލުން އޭނާއަށް ދަސްވެފައިވަނީ ވަފާތެރިވުމަށް.. އޭނާ ބޭވަފާތެރިއެއް ނުވާނެ.. ހަމައެކަނި ޘަނާ ބުނި ބުނުމެއްގެ މައްޗަށް އައިސް އެއުޅެނީ އަހަރެމެން އަތުން ބަދަލުހިފުމަށް.. ޙަޤީޤަތުގައި އޭނާގެ ހަމައެކަނި ބޭނުމަކީ ކަލޭ އަތުލުން.. ހަމައެކަނި ކަލޭ.. އެހެން ގޮތަކަށް ބުނާނަމަ އޭނާގެ ފިރިމީހާ.. އޭނާ ބޭނުންވަނީ އޭނާގެ ގެއްލިފައިވާ ޢިއްޒަތް އަނބުރާ ހޯދަން.. އޭނާގެ ކިބައިން އަތުލައިގަނެވުނު މަޤާމް އަލުން ލިބިގަތުން. އެކަމަކު ޘަނާ ނޭނގެއެކޭ އަހަރެންނެއް ނުބުނާނަން.. އެކަމަކު އަހަރެން ބުނަން އޮތްއެއްޗަކީ ކޮންމެ ގޮތަކުންވެސް ކަލޭ އޭނާ ޙާޞިލް ކުރަންޖެހޭނެކަން ހަނދާން ބަހައްޓާށޭ... އެއީ އޭނާއަކީ ކަލޭގެ އަނބިމީހާ ކަމަށްވާތީ އެއްނޫން. އަދި ކީއް.... އަހަރުމެން އެންމެންގެ ނޭވާގެ ހިފެހެއްޓުން ވަނީ އޭނާގެ އަތުގައިކަމަށްވާތީ!"
"އެކަމަކު ބައްޕާ! ޘަނާ އޭނީ އަތުލަންބޭނުން ކަމަށްވާނަމަ ދެން އޭނާއަށް ޘަނާ ދޫކޮށްލެވޭނީ ކިހިނެއްތޯ؟ ނިކަން ހިތަށް ގެންނަވާ ބައްލަވަ ޘަނާގެ ހުށަހެޅުން އަނާ ޤަބޫލުނުކޮށްފިނަމަ އަނާގެ ބޭނުމެއް އަޞްލުކަމަށްވާ ލިޔުންތައް ވަނީ ޘަނާ އަތުގައި ނޫންތޯ. އޭނާއަށް އަނާ ނުލިބޭނެކަން އެނގިއްޖެނަމަ އޭނާ މަސައްކަތް ކުރާނީ އަނާ އަތުން ވެސް ހުރިހާ އެއްޗެއް އަތުލަންނޫންތޯ؟ އަދި އެގޮތުން އަޅުގަނޑުމެން އަޅުގަނޑުމެން ތިބެންޖެހޭނީ އަތްއުރާލައިގެން ނޫންތޯ؟"
"އޯ.... ތިޔައީ އަދި އަހަރެން ނުވިސްނާ ފަރާތެއް!"
"އެހެންވިއްޔާ ބައްޕަ ރަނގަޅަށް ވިސްނަވާ ބައްލަވަ. ބައްޕައަށް ރަނގަޅަށް ވިސްނެވުނީމާ އަޅުގަނޑަށް އަންގަވާ ދެއްވާ"
ޚާންއާޞިފް ކުރާނެކަމެއް ނެތް ގޮތް ދައްކާލިއެވެ. އަދި މާޖިދާ ދިމާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އޭނާ ދެއްކިވާހަކަ ތަކުގެ ރާގާއި އެ ވާހަކަތަކުގައި ހުރިއެއްޗަކާމެދު ވިސްނާލާފައި ބުންޏެވެ.
"ދަރިފުޅާ....ކަލޭގެ ޞީއްޙަތު މުޅިން ރަނގަޅުތަ؟"
"ލައްބަ.ބައްޕާ! މުޅީން ރަނގަޅު"
"ބައްޕައަށް ހީވަނީ ކަލޭ އަރާމުކޮށްލަން ބޭނުންވާހެން..ދޭ ...ރަނގަޅަށް އަރާމުކޮށްލަންދޭ. އަދި މީގެފަހުން ތިޔަ ރާގަށް ބައްޕަޔާ ވާހަކަ ނުދައްކާތި!"
"ބައްޕާ! އަޅުގނަޑު މިހާރު މިވަނީ ބަރުބާދުވެފައި. މިޙަޤީޤަތް ބައްޕައަށް ނުވިސްނެވެނީ ކީއްވެތޯ...އަޅުގަނޑުގެ ފުރަތަމަ އަނބިމީހާ އަޅުގަނޑަށް ގެއްލުނީ ބައްޕަގެ ސަބަބުން. ބައްޕަ އެދިލައްވައިގެން. ދެވަނަ އަނބިމީހާ އަޅުގަނޑާ ވަކިވީ ޙާލަތު ދިމާކުރި ގޮތުން. މި ހުރިހާ ކަމެއްވީ ކީއްވެގެންތޯ؟ މި ޙާލަތު އަޅުގަނޑަށް ދިމާވުމުގެ ޒިއްމާ އެޅޭނީ ކޮންފަރާތެއްގައިތޯ؟ މިކަންތައްތަކާ މެދުވެސް ބައްޕަ ނިކަން ވިސްނާލައްވަ ބައްލަވާ....އަދި އެއަށްފަހު، އަޅުގަނޑު ކުރި ކުށެއް، އަޅުގަނޑު ކުރި ނުބައިކަމެއް ބުނުއްވާދެއްވާ ބައްލަވަ.... އަޅުގަނޑަށް ބޭއަދަބުވެވުނީ ކޮންކަމެއްގައިތޯ...ނުވަތަ ކޮން އިރެއްގައިތޯ؟" މިހެން ބުނެފައި މާޖިދު ތެދުވެއްޖެއެވެ. އަދި ވަރަށް ބާރަށް ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. އޭނާވަނީ ހަމަރަނގަޅަށް މަޅީގައި ޖެހިފައެވެ.
ބައްޕަގެ ގޮތްދޫނުކުރުމުގެ ސަބަބުން ހަލާކުވެގެން ދިޔައީ ހަމައެކަނި އޭނާގެ ގެއެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ވެސް ބަރުބާދުވީއެވެ. އޭނާއަށް ގެވެސް ނުލިބުނީއެވެ. އަދި މަގުމަތި ވެސް ނުލިބުނީއެވެ.
އަނާ މިހާރު އޭނާގެ އައު ގެއަށް ބަދަލުވެއްޖެއެވެ. އެހެންކަމުން ޚާން އާޞިފްގެ ގޭގެ ހުރިހާ ހިސާބަކަށް ވެރިވެފައިވަނީ ހިމޭންކަމެވެ.
ގޭގެ އަނެއްފަރާތުގައި ޚާންއާޞިފް އެ ގޭގެ ނޯކަރަކަށް އުޅޭ ޒުބޭދާއާ ވާހަކަ ދައްކަނީއެވެ.
"އޭނާ އަދިވެސް މަރެއްނުވޭ...މިހާރު އޭނާ މިގެއިން ފިލާ ރައްކާވެސްވީ. އޭނާއަށް ޒަހަރު ދެމުންދާކަން އޭނާއަށް އެނގުނީތަ؟"
(ނުނިމޭ)
varah varahves reethi shukuran
ހަފުތާ އަކު 2 ފަހަރު ގެނެސް ދެއްވާ އިރު ތަންކޮޅެއް ދިގުކޮށް ގެނެސްދެއްވާ! ވަރަށް އިންތިޒާރު ކުރެވޭ ރީތި ވާހަކަ އެއް..