އަނާ - 19

(9 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ވަގުތު ހޮޓެލްގެ ވެއިޓަރު، އެ މީހުންގެ އޯޑަރުކުރި އެއްޗެތި ހިފައިން އެތަނަށް އަތުވެއްޖެއެވެ.

"ދެން އަޅުގަނޑަށް މާފުކުރައްވާ!" އަނާ ގޮނޑިން ތެދުވަމުން ބުންޏެވެ.

"ކަލާ...އިށީންނަވާ...އަނާޖީ....."

"ޝުކުރިއްޔާ. އަޅުގަނޑު ކޮށްލަންވެފައި އޮތް މަސައްކަތެއްވެސް އެބައޮތް. އަދި އަޅުގަނޑަށް ހީވާގޮތުގައި މިހާރު އަޅުގަނޑުގެ ކޭސްވަނީ މުޅީން ނިމިފައި. ވީމާ މިހާރު ދެން އިތުރަށް އަޅުގަނޑުމެން ބައްދަލުވެ އުޅުމަކީ މާ ހަމަޖެހޭ ކަމަކަށް ނުވާނެ އެހެންވެ އަޅުގަނޑު މި ދަނީ ޚުދާޙާފިޡު" އެހެން ބުނެފައި އަނާ ހިނގައިގެންފިއެވެ. އަދި ފަސްއެނބުރި ބަލާވެސް ނުލާ ދިޔަގޮތަށްގޮސް ހޮޓަލުން ނުކުމެއްޖެއެވެ.

ޘަނާގެ މޫނުމަތިން ފެންނަނީ ނިކަމެތި ވުމުގެ އަސަރެވެ. ދެރަވުމުގެ އަސަރެވެ. އޭނާގެ ލޮލުން އެ ވަގުތު ނުހިފެހެއްޓިގެން ފޭބި ކަރުނަތައް އޮހެމުންދިޔައެވެ. އެއީ ކުރާނެކަމެއް ނެތް ކަމުގެ އަސަރުން އުފެދުނު ކަރުނައެވެ. އެ ވަގުތު އޭނާ ކުރިމަތީގައިވާ މޭޒުމަތީގައި ބަހައްޓާފައި ތަކެއްޗާ ދިމާއަށް ތަނާ ބަލާލިއެވެ. ޗިކަން ސޭންޑްވިޗާއި ކޯކްއެވެ. އިރުކޮޅަކު ބަލަން އިނދެފައި އޭނާވެސް އެއިން ހަމައެއްވެސް އެއްޗެއް ނުކައި ތެދުވެއްޖެއެވެ. އަދި ހޮޓަލުގެ ކައުންޓަރު ކައިރިއަށް އައިސް އެތަކެއްޗަށް އަގުއަދާކޮށްފައި ވަރަށް ވަރުބަލި ގޮތަކަށް ހިނގާފައި ގޮސް ހޮޓަލުން ނުކުމެއްޖެއެވެ. އޭނާގެ އަތުގައި އެ ވަގުތު އަނާގެ ދެ ތަނޑިގަނޑު އޮތެވެ.

މަގު މައްޗަށް ނުކުތްއިރު އަނާ ތަންކޮޅެއް ދުރުގައި ރެކްޝާއެއް ހުއްޓައިގެން އެއަށް އަރަނީއެވެ. ޘަނާ އިރުކޮޅެއް ވަންދެން ޙައިރާންކަމާއެކު އެ ރެކްޝާއާ ދިމާއަށް ބަލަންހުރެފައި ގޮސް އޭނާގެ ކާރަ އަރައިފިއެވެ. އިރުކޮޅެއް ފަހުން އޭނާގެ ކާރުދުއްވަމުން ދިޔައީ ޝަހަރާ ދިމާއަށެވެ. އޭނާގެ ހިތުގައި ނުފުދުމުގެ ތޫފާނެއް ހިނގަމުންދާ ޙާލެއްގައެވެ. އުއްމީދުތައް ބަރުބާދުވީކަމުގެ ހިތި އަސަރާ އެކުގައެވެ. އޭނާގެ ހުރިހާ ކަމެއް ނާކާމިޔާބުވީއޭ ހީވާފަދަ ގޮތެއްގައެވެ. އޭނާ ވިސްނަމުން ދިޔައެވެ.  އަނާއަށް ބަދަލު އައީ ހަމައެކަނި އެންމެ ވާހަކަ އަކުންނެވެ. އެ ވާހަކައަކީ ޘަނާ ޚާން އާޞިފްގެ ފާރމްގެ ވަޒީފާއެއް އަދާކުރަން ފެށިވާހަކައެވެ. އެ ވާހަކަ އޭނާބުނި އިރު އަނާގެ މޫނަށް ވެގެންދިޔަގޮތް އޭނާއަށް ހަމަރަނގަޅަށް ފެނުނެވެ.

ނަމަވެސް އެ ކޭސް އޭނާއަށް ނާކާމިޔާބުވީ ޚާން އާޞިފްގެ ސަބަބުން ނޫންކަމާއި، އެއީ ހަމައެކަނި ޚާން އާޞިފްގެ އަދަދު ނުކުރެވޭފަދަ ބޮޑު މުއްސަނދިކަމުގެ ސަބަބުންވީ ނާކާމިޔާބެއްކަން އަނާއަށް ވިސްނާދެވުނީ ކިހިނެއްކަމެއް ޘަނާއަކަށް ނޭނގެއެވެ. އޭނާގެ ދިރިއުޅުމުގެ ރެޔާދުވާލުގެ މަސައްކަތް ބަރުބާދުކޮށްލީ ފައިސާގެ ބާރުންކަން އަނާއަށް ވިސްނާދެވޭނީވެސް ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ.

"މުޅި ޤާނޫނު އޮންނާނީ ހެކީގެ މައްޗަށް."

 ޝަރީޢަތްތައް ނިންމަން ކަނޑައަޅާފައި ކަމާއި ހެއްކަކީ ފައިސާ ދީގެން ގަނެވޭނެ އެއްޗެއްކަން އަނާއަށް އަންގައިދޭނީވެސް ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަކަށް މިއިން އެއްވެސް ވާހަކައެއް މިހާރަކު ނުބުނެވޭނެއެވެ. އަނާގެ ކޭސް ކާމިޔާބު ކުރެވޭތޯ އޭނާ ނުކުރަނީ ކޮންކަމެއްތޯއެވެ. ޝަރީއަތުގައި މާޖިދަކީ ޖިސްމާނީގޮތުން ކުއްޖަކު ލިބުން އެކަށީގެންނުވާ މީހެއްކަމަށް ސަރުކާރުގެ ޑޮކްޓަރުން ދިން ރިޕޯރޓް އިއްވި ވަގުތު ޚުދު އޭނާއަށް ވެގެން ދިޔަގޮތް އެހެން މީހަކަށް ނޭނގޭނެއެވެ. އެހެންކަމާއެކުވެސް އޭނާ ހިތްވަރު ދޫކޮށްލީއެއް ނޫނެވެ. ޖަޖްގެ ގެއަށްވެސް އޭނާ ދިޔައީއެވެ. އަދި މި މައްސަލަ ހިނގާފައިވާ ގޮތް ސާފުކޮށް އޭނާއަށް އޮޅުން ފިލުވައި ދިނުމަށްފަހު ސަރުކާރުގެ ޑޮކްޓަރުގެ ރިޕޯރޓާމެދު އަލުން ބެލުމަށް އޭނާ އެދުނެވެ.

ނަމަވެސް ޖަޖް ޞާހަބްވަނީ މަޖްބޫރުވެފައެވެ. އޭނާ ބުނަމުންދިޔައީ އެއީ ޝަރީޢަތް ހިންގުމުގެ އުޞޫލާ ޚިލާފްކަމެއްކަމަށެވެ. ސަރުކާރުގެ ޑޮކްޓަރުގެ ރިޕޯރޓަކީ ދޮގު ރިޕޯރޓެއްކަން ސާބިތުކޮށްދިނުމަކީ ދައުވާ ކުރާފަރާތުގެ ވަކީލު ކޯޓްގައި ކުރަންޖެހޭނެ ކަމެއްކަމެވެ. އެހެންނުވާހާ ހިނދަކު ކޯޓުން އެ ރިޕޯރޓާ މެދު އަލުން ބަލަން ނޭންގޭނެ ކަމުގައެވެ. ޖަޖް ބުނަމުން ދިޔައީ ޚާން އާޞިފުގެ ދަރިފުޅު، މާޖިދަކީ ކުއްޖަކު ލިބުން އެކަށީގެންނުވާ މީހެއްކަމަށް ސަރުކާރުގެ ޑޮކްޓަރުގެ ރިޕޯރޓްގައި އޮއްވާ އޭނާއަށް ޝަރީޢަތް އެހެންގޮތަކަށް ނިންމޭކަށް ވެސް ނޯންނާނޭ ކަމުގައެވެ.

"އެ ކަހަލަ ހެކިތަކަކީ ކިހައިވަރެއްގެ ތެދު ހެކިތަކެއްކަން ކަލާއަށް އެނގިލައްވާތޯ؟" ކުރާނެކަމެއް ނެތް ޘަނާޢުﷲ ޖަޖްޞާހަބާ ސުވާލުކުރިއެވެ.

"އެހެންނަމަވެސް މުޅި ކޭސް ބިނާވެފައިއޮންނަނީ ހެކިތަކުގެ މައްޗަށް ކޯޓުން ވިސްނާނީ. ހަމައެކަނި ކޯޓަށް ހުށަހަޅާ އެއްޗެއްސާމެދު އެކަން ކަލާއަށް ރަނގަޅަށް އެނގިލައްވާނެ މިސްޓަރ ޘަނާއުﷲ." ޖަޖް ބުންޏެވެ.

"ޝުކުރިއްޔާ!. އަޅުގަނޑު ކަލާގެ ވަގުތުތައް ނަގާލީ ދޮގެއްތޯ؟"

"އެއީ އެއްވެސް ކަމެއްނޫން. މިސްޓަރ ޘަނާއުﷲ ...އާނ. އަދި ނަންގަންނަން. ކަލާ މި ކޭސް ދެން އިތުރަށް ކުރިއަށް ގެންދަވަން ނޫޅުއްވައްޗޭ. އެހެނީ އޭރުން ކަލާގެ މުވައްކިލު ހައްތާވެސް އިތުރަށް ބަދުނާމުވާގޮތް ވާނީ."

"އަޅުގަނޑަށް ވިސްނޭ ސަރ." ޘަނާއުﷲ މާޔޫސްވެފައި ބުނެލިއެވެ.

މިހާރު އެ ހުރިހާ ވާހަކަ އެއްވެސް އޭނާއަށް ހަނދާން ވެގެންދިޔައެވެ. ކިހާވަރަކަށް އޭނާ މި ކަމާބެހޭގޮތުން މަސައްކަތް ކުރިހެއްޔެވެ. ނަމަވެސް...ނަމަވެސް އޭނާއަށް ލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟ ނަފްރަތެވެ. ނިކަމެތިކަމެވެ. އޭނާގެ ވަފާތެރި ކަމުގެ އަގަކީމިއީ ހެއްޔެވެ. އޭނާގެ ރޭގަނޑާދުވާލުގެ މަސައްކަތުގެ ބަދަލުގައި ލިބެންވީ މިހެއްޔެވެ.؟"

ޘަނާ ބަލިވެފައިވާ ހިތަކާއިގެން ޝަހަރަށް އެނބުރި އަތުވެއްޖެއެވެ. އަދި އޭނާގެ މަސައްކަތުގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. އެގޮތުގައި ފުރިހަމަ އެއްއަހަރު ވޭތުވެގެން ހިނގައްޖެއެވެ. އެ ދުވަސްވަރު ޚާންއާޞިފްގެ އޯގާވެރިކަން އޭނާގެ މައްޗަށް ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެއެވެ. ޚާން އާޞިފްގެ ވިޔަފާރީގެ ހުރިހާ ކަމެއް ހިނގަމުންދަނީ ޘަނާއުﷲގެ އަތްމަތިންނެވެ. އަނެއްކޮޅުން ޚާންއާޞިފް އޯގާތެރިކަމުގެ ބަދަލުގައި ޘަނާވެސް ފުރިހަމައަށް އިޙްސާންތެރިކަން އަދާކުރަމުން ދިޔައެވެ. ބޮޑެތިބޮޑެތި ޤާނޫނީ މައްސަލަތައް ހަމަޖައްސާދީ ހަދައެވެ. ކެނެޑާއާއި ބެލްޖިއަމްގައި އަދި ފަރަންސޭސިވިލާތާއި އެމެރިކާގައި ތަފާތު ނަންނަމުގައި ޚާންއާޞިފް ހިންގާ ހަތަރު ކުންފުނީގެ ޤާނޫނީ މުޝީރަކީ މިހާރު ވެސް ހަމައޭނާއެވެ. ޚާންއާޞިފްގެ ހުރިހާ ވިޔަފާރިއެއް މިހާރު ވަނީ އޭނާގެ އަތްމަތީގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭނާ މިހާރު ގިނައި އުޅެނީ ބޭރު ޤައުމުތަކަށް ކުރާ ދަތުރުތަކުގައެވެ. މިއަދުވެސް ޚާން އާޞިފާ ބައްދަލުކުރީ ދެ މަހެއްހާ ދުވަހު ރަށުން ބޭރުގައި އުޅުމަށް ފަހު އެނބުރި އައިސްފައެވެ. އޭނާ ޚާން އާޞިފް އިނީ ވަރަށް އުފަލުންނެވެ. އޭނާ އައުމާއެކު އެ އުފާވެރިކަން ޚާންއާޞިފަށް ލިބިފައިވާ ސަބަބު އޭނާ ހާމަކޮށްދިނެވެ.

"ޘަނާ އިށީނދޭ!".

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.