ޔުކްރޭންގައި ކުރާ ހަނގުރާމަ ހުއްޓާލަންޖެހޭ: ރަމަފޯސާ ޕުޓިންއަށް

އެފްރިކާގެ ވަފުދުގެ ބޭފުޅުން ރައީސު ޕުޓިންއާ ބައްދަލުކުރައްވަނީ

ރަޝިޔާއާ ޔުކްރޭންއާ ދެމެދު ޔުކްރޭންގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަންޖެހޭ ކަމުގައިއެފްރިކަން ޔުނިއަން (އޭޔޫ) ގެ ސުލްހައިގެ ވަފުދުގެ އިސްވެރިޔާ، ދެކުނު އެފްރިކާގެ ރައީސު ސެރިލް ރަމަފޯސާ ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއަށް ވިދާޅުވެއްޖެއެވެ. އިއްޔެ ރަޝިޔާއަށް ވަޑައިގަތުމުގެ ކުރިން ވަފުދުގެ ބޭފުޅުން ވަނީ ޔުކްރޭންއަށް ވަޑައިގެން ރައީސު ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައެވެ.

ހަނގުރާމަކުރަމުންދާ ދެގައުމުގެ ދެމެދުގައި "އިތުބާރު އުފައްދަން ބޭނުންވާ" 10 ކަމެއް އެފްރިކާގެ ވަފުދުން ހުށަހަޅާފައި ވެއެވެ.

"މި ހަނގުރާމައަށް ނިމުމެއް އަންނަން ޖެހޭ..... މިކަން ހައްލުކުރަން ޖެހޭނީ މަޝްވަރާއާއި ޑިޕްލޮމެޓިކް މަސައްކަތުގެ ތެރޭން." ސެންޓް ޕީޓާސްބާގްގައި ހުންނަ 18 ވަނަ ގަރުނުގެ ތާރީޚީ ކޮންސްޓަންޓިނޮވްސްކީ ގަނޑުވަރުގައި ރައީސު ޕުޓިންއާ ބައްދަލުކުރެއްވުން ދެއްކެވި ވާހަކަފުޅުގައި ރައީސު ރަމަފޯސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްރިކާގެ ހަތް ގައުމެއްގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދު އައީ "ވަރަށް ސާފު މެސެޖަކާއިގެން: އެއީ މި ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމުގެ މެސެޖް."

"މި ހަނގުރާމައިގެ ސަލްބީ (ނެގެޓިވް) އަސަރު ދަނީ އެފްރިކާގެ ގައުތަކަށް ކުރަމުން. އަދި ހަގީގަތުގައި ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކުރަމުން." އޭނާ ފާހަގަކުރެއްވިއެވެ.

ރައީސު ޕުޓިން ވަނީ ރަމަފޯސާގެ ވާހަކަފުޅު މެދުކަނޑުއްވާލައްވައި، އެފްރިކާގެ ވަފުދުގެ ބޭފުޅުންގެ ހުށަހެޅުއްވުންތަކަކީ ނުރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ހުށަހެޅުންތަކެއްކަން، އޭނާއަށް ގަބޫލުފުޅުކުރެއްވޭ ސަބަބުތައް ބަޔާންކުރައްވާފައެވެ.

ދެކުނު އެފްރިކާގެ އިތުރުން ރިޕަބްލިކް އޮފް ކޮންގޯ، ސެނެގޯލް، ޒެމްބިއާ، ޔޫގެންޑާ އަދި ކޮމޮރޯސްގެ ރައީސުންނާއި މިސްރުގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާ ވަފުދުން ވަނީ ފާއިތުވި ހުކުރު ދުވަހު ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައެވެ.

ޒެލެންސްކީ ވަފުދުގެ ބޭފުޅުންނަށް ވިދާޅުވީ ސުލްހައިގެ މަޝްވަރާތައް ފަށަން ޔުކްރޭނުން އެއްބަސްވާނީ، ރަޝިޔާ ސިފައިން ޔުކްރޭނުން ހިފާފަފައިވާ ބިންތަކުން ފައިބައި ހަނގުރާމަ ހުއްޓާލުމުން ކަމުގައެވެ.

ޔުކްރޭންގެ ހަނގުރާމާއަމެދު އެފްރިކާގެ ގައުމުތަކުގެ ޚިޔާލުވަނީ ތަފާތުވެފައެވެ. ބައެއް ގައުމުތަކުން ޔުކްރޭނަށް ތާއީދުރާއިރު އަނެއްބައި ގައުމުތަކުން ވަކި ކޮޅަކަށް ނުޖެހެއެވެ. ނުވަތަ ބުރަވަނީ ރަޝިޔާ ކޮޅަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.