ޔުކްރޭންގެ 1+1 ޓީވީ ޗެނަލުން 16 އޮކްޓޯބަރު 2015 ގައި ދައްކަންފެށި ހެއްވާ ޓީވީ ސިލްސިލާ 'ރައްޔިތުންގެ ޚާދިމު' ގެ ތަރި ވޮލޮޑިމީރް ޒެލެންސްކީ ޔުކްރޭނުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ. ޕޯލްތަކުން ދައްކާ ގޮތުގައި އޭނާ ވަނީ ވޯޓުގެ %73.2 ކާމިޔާބުކޮށްފައެވެ. އޭނާއާ ވާދަކުރެއްވި ޔުކްރޭންގެ މިހާރުގެ ރައީސު ޕެޓްރޯ ޕޮރޮޝެންކޯއަށް ލިބިވަޑައިގަތީ ވޯޓުގެ %25.3 އެވެ.
އާދީއްތަ ދުވަހު ލީ ވޯޓު ޔުކްރޭންގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން އަދި ނުގުނި ނަމަވެސް އެގްޒިޓް ޕޯލްގެ ނަތީޖާއަކީ ގާތްގަނޑަކަށް ޔަގީން އެއްޗެކެވެ. އެހެނީ، މާރިޗު މަހުގެ 31 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތީޚާބުގެ ފުރަތަމަ ބުރުގައިވެސް އެ ޕޯލްގެ ނަތީޖާ ވަނީ ރަސްމީ ނަތީޖާއާ ދިމާވެފައެވެ. އެފަހަރު 39 ކެންޑިޑޭޓުންނާ ވާދަކޮށް ޒެލެންސްކީ %30 ވޯޓު ހޯދިއެވެ. އެފަހަރު ރައީސު ޕޮރޮޝެންކޯއަށް ލިބިވަޑައިގަތީ %16 އެވެ.
ޒެލެންސްކީ ރައީސުކަމަށް މި ހޮވުނީ ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތިއެވެ.
51 ބަޔަށް ބަހައިގެން ދެއްކި ހެއްވާ ސިލްސިލާ 'ރައްޔިތުންގެ ޚާދިމު' ގައި ޒެލްންސްކީ އަދާކުރަނީ އުމުރުން 30ގެ އަހަރުތައް ގުނަމުންދާ މުދައްރިސެއްގެ ބައެވެ. އެ ސިލްސިލާގައި ފެންނަގޮތުން އޭނާ ކޮރަޕްޝަނާ ދެކޮޅަށް ރުޅިވެރިކަމާއެކު ވާހަކަދައްކާފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި އާއްމުވުމުން މީހުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރުވެ އެންމެ ފަހުން އޭނާއަށް ގައުމުގެ ރައީސުކަން ލިބެއެވެ.
ޔުކްރޭންގެ އާއްމު ސީޔާސީ މޫނުތަކާ މެދު ފޫހިވެފައިވާ ގިނަ ބަޔަކަށް ޒެލެންސްކީވީ ހަގީގީ ދުނިޔޭގައިވެސް މަގުބޫލު ޝަޚްސިއްޔަތަކަށެވެ.
އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ލިބުމުން ރައީސު ޕޮރޮޝެންކޯ ވަނީ ބަލި ގަބޫލުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރަސްމީ ނަތީޖާ އިއުލާންކުރުމާ ރައީސުކަމުގެ ހުވާކުރުމާ ދެމެދު އާ ރައީސަށް އޭނާގެ މަގާމަށް ތައްޔާރުވުމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމުގައެވެ.
"ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު އަންނަ މަހު އަހަރެން ދޫކޮށްލާނަން. އެއީ ޔުކްރޭންގެ ގިނަ މީހުންގެ ނިންމުން. އެ ނިންމުން އަހަރެން ގަބޫލުކުރަން. އަހަރެން އޮފީސް ދޫކޮށްލަނީ. އެހެނަސް، އަހަރެން ސިޔާސީ މައިދާން ދޫނުކުރާކަން ފާހަގަކޮށްލަން އަހަރެން ބޭނުން. ޔުކްރޭނަށްޓަކާ އަހަރެން މަސައްކަތްކުރާނަން." ޕޮރޮޝެންކޯ ވިދާޅުވިއެވެ.
އުމުރުން 41 އަހަރުގެ ވޮލޮޑިމީރް ޒެލެންސްކީ ވަނީ އޭނާ އާއްމުންގެ މަގުބޫލުކަން ހޯދި ޓީވީ ސިލްސިލާ 'ސާވެންޓް އޮފް ދަ ޕީޕަލް (ރައްޔިތުންގެ ޚާދިމު) ގެ ނަމުގައި 31 މާރިޗު 2018 ގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކޮށްފައެވެ. އެ ޕާޓީގެ ލޯގޯއަކީވެސް ޓީވީ ސިލްސިލާގައި ބޭނުންކުރާ ލޯގޯއެވެ. އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ އޭނާ މިވަނީ ގިނަ ބައެއްގެ ތާއީދާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.
ޒެލެންސްކީއަކީ 1998 ވަނަ އަހަރުން ފެށިގެން މުނިފޫހިފިލުވުމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ، ފިލްމު ކުޅޭ އަދި ފިލްމު އުފައްދާ މިލިޔަނަރެކެވެ. ސެޕްޓެންބަރު 2003 ގައި އޮލީނާ ޒެލެންސްކާއާއި ކައިވެނިކުރި ޒެލެންސްކީގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ތިބެއެވެ.