ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުތައް އަޟުހާ އީދަށް ފަހު ފައްޓަވަނީ

މިއަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ދަތުރުފުޅުތައް އަޟްހާ އީދަށް ފަހު ފެއްޓެވުމަށް ނިންމައިފިއެވެ.

އެމްޑީޕީ އިން ބުނީ މި ދަތުރުފުޅުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުން ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީ އިން ބޭއްވި އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން މިހާރުވެސް ގެންދަނީ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކޮށް ކެމްޕެއިން ކުރަމުންނެވެ.

މި ދަތުރުތަކުގައި ރިޔާސީ އިންތިޚާބަށް އެމްޑީޕީ އިން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް އަންނަނީ އޮޅުންފިލުވަމުންނެވެ.

އަޟްހާ އީދަށް ފަހު ރައީސް ސާލިހް ވެސް އެ ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު، ރައީސްގެ އަމާޒަކީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށް އެމްޑީޕީ އިން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އަޟްހާ އީދު ބަންދަށްފަހު ރައީސް ސޯލިހްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށާ އެހެންނަމަވެސް މި ހަރަކާތް ކުރިއަށް ގެންދާނެ ރަށެއް އަދި ފައިނަލްކޮށްފައި ނުވާކަމަށެވެ. ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލި މެނިފެސްޓޯގެ މަސައްކަތް ވެސް ނިމުމަކާ ގާތްވެފައިވާއިރު އެމްޑީޕީން ބުނީ މި މެނިފެސްޓޯގައި އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ޚިޔާލުތަކަށް ވެސް ރިއާޔަތްކުރާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.