ޢަފީފު ވިދާޅުވި ވާހަކަފުޅުގެ ކަންތައް ބަލަން އެންގިން: ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަނާއި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާ ވާހަކަފުޅު ދެއްކެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަވަސް" ގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވި ގޮތުގައި އެމަނިކުފާނު ޕާޓީގެ އިސް ވެރިންނާ ގުޅުއްވީ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ޕާޓީ އެގަތިގަނޑަކަށް ހިފެހެއްޓެވުމަކީ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާތީއެވެ.

މިއީ އަދާލަތުގެ ޕާޓީއަށް ރައީސް ވެދެވަޑައިގަތީތޯ ސުވާލު އުފައްދަވައި ޙަސަން ޢަފީފު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރައީސް އެންގެވި އެންގެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ޗެއަރޕާސަނާއި ޕީޖީ ލީޑަރަށް ގުޅުއްވައި އެމަނިކުފާނު އަންގަވައިފައި ވަނީ އެއީ ހަމަ ހަގީގަތުގައިވެސް ޢަފީފު ދެއެްކެވި ވާހަކަފުޅެއްތޯ ބައްލަވާށާއި އެއީ ތެދު ވާހަކައެއް ނަމަ އިސް ބޭފުޅުންގެ މެދުގައި އެފަދަ ގޮތަކަށް ޕާޓީ ބައިބައިވާނޭ ފަދަ ކަންތައް ނުކުރެވޭނޭފަދަ ގޮތަކަށް ހައްދަވާށެވެ.

ޢަފީފަށް ފިޔަވަޅެއް އަޅުއްވަން އެންގެވި ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ޢަފީފު މީޑިއާގައި ވިދާޅުވެފައި ވަނީ ރައީސް ޕާޓީ ލީޑަރޝިޕަށް އެންގެވީ އޭނާޔާ މެދު ފިޔަަވަޅު އަޅުއްވަން ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.