އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުނު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ  އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު އިއްވުމަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފިއެވެ.

މި ޖަލްސާ ކުރިއަށް ނުގެންދެވުނީ މިއަދުގެ ޖަލްސާގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިނުގަތުމުންނެވެ.

އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އީވާގެ މައްސަލަ އެޖެންޑާކޮށް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައިދިނުމަށް ސިޓީއަކުން ނަޝީދަށް އެންގި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ކަނޑަނޭޅެނިސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާކަމަށް ނަޝީދު ދެންނެވި ކަމަށެވެ.

އެހެންވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނެތުމުން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެޖެންޑާ ކުރެވޭ ޖަލްސާއެއްގައި، އެ މައްސަލަ ނުނިންމައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވަނީ ބުނެފައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ. އެކަމަކު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ވަކި މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.