އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދެނީ ހުރިހާ އަންހެނުން ފަހަތަށް ޖެއްސުމަށް: މެމްބަރ އީވާ

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދެނީ އާމްދަނީ ހޯދުމަށް ނުކުންނަން ބޭނުންވާ ހުރިހާ އަންހެނުން ފަހަތަށް ޖެއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.  

މެމްބަރ އީވާ މިހެން ވިދާޅުވެފައިވަނީ އަންހެން ޓެކްސީ ޑްރައިވަރު، އައިމިނަތު ވަހީދާގެ ޓެކްސީ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި  ވާހަކަފުޅު ދައްކަވަމުންނެވެ. މެމްބަރ އީވާ ވިދާޅުވީ މި މައްސަލަ އަކީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ފުލުހުންނާއި ހިޔުމަންރައިޓްސް ކޮމިޝަނުން ވެސް ބައްލަވަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި ފަސް ފަހަރަށް ހަމަލާ ދީފައިވާއިރު، އެހަމާލާދޭ މީހާގެ މައްސަލަ ފުލުހުންގެ މުއައްސަސާއިން ނުބެލިގެން އުޅެނީ ކީއްވެގެންތޯ  ނެޝަނަލް އިންޓަރ ގްރިޓީ ކޮމިޝަނުންވެސް ބަލަންޖެހޭކަމަށް މެމްބަރ އީވާ ވިދާޅުވިއެވެ.  

އަންހެން ޑްރައިވަރަށް ދޭ ހަމަލާތަކަކީ ޒާތީ ކްރައިމެއްތޯ ނުވަތަ "ހޭޓް ކްރައިމެއްތޯ" ބަލާ ހިސާބަށް ގޮސްފައިވާކަމަށް ވެސް މެމްބަރ އީވާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ޝައްކެއް ނުވޭ މިއީ އައިމިނަތު ވަހީދާ ފަހަތަށް ޖައްސަންދޭ ހަމަލާއެއްކަމާމެދަކު. އެކަމަކު އަޅުގަނޑަށް ފެންނަނީ އައިމިނަތު ވަހީދާ ފަހަތަށް ޖެއްސުމުގައި، އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ހުރިހާ އަންހެނުން ފަހަތަށް ޖައްސަން ދޭ ޙަމަލާއެއް ގޮތުގައި. ޔަޤީން ކަށަވަރު ފަސްޖެހޭނެކަން. ވަޒީފާއަށް ނުކުމެ އުޅޭ އިރު މިވަރަށް ހަމަލާދެންޏާ، މިވަރަށް އަނިޔާ ލިބެންޏާ ފަސްޖެހޭނެ." މެމްބަރ އީވާ ވިދާޅުވިއެވެ.

އަންހެން ޓެކްސީ ޑްރައިވަރު، އައިމިނަތު ވަހީދާއަށް އިންސާފު ހޯދައި ދިން ކަމަށް ވާނީ ހަމައެކަނި އެކަން ކުރި މީހުން ހޯދައި ދިނުން އެކަނި ނޫންކަމަށް މެމްބަރ އީވާ ފާހަގަކުރެއްވިއެވެ. އޭނާއަށް އިންސާފް ލިބުނު ކަމަށްވާނީ އަލުން އަނބުރާ ރައްކާތެރިކަމާ އެކު އާމްދަނީ ހޯދަން އުޅޭވޭނެ ނިޒާމެއް ޤާއިމްކޮށް ދިނުމުން ކަމަށް ވިދާޅުވިއެވެ. އަންހެނުންނަށް ވާނޭވާނޭ ކިތަންމެ ވަރަކަށް ކިޔަސް ވާނޭކަމުގެ ރައްކާތެރި ނިޒާމެއް ޤާއިމްކޮށްދީގެން ނޫނީ އަންހެނުންނަށް ކަންކަން ނުވާނެކަން މެމްބަރ އީވާ ފާހަގަ ކުރެއްވިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ ޢަލީ ޢާޒިމެވެ. މެމްބަރ ޢާޒިމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ޓެކްސީ އަށް ގެއްލުން ދިނުމުގެ އިތުރުން ޓެކްސީ ޑްރައިވަރ އައިންތު ވަޙީދާއަށް ފުރައްސާރަ ވެސް ކުރަމުންދާކަމަށެވެ. މިއީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށް އެމައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ޓެކްސީ ކާރަށް ދޭ ގެއްލުންތަކުގެ ސަބަބުން އާމްދަނީ ހޯދުމަށް އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އެޅިފައިވާކަމަށް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

އަންހެން ޓެކްސީ ޑްރައިވަރ އައިންތުގެ ޓެކްސީކުރާ ކާރަށް ފަސް ފަހަރެއްގެ މަތިން ވަނީ ގެއްލުން ދީފައެވެ. އެންމެ ފަހުން އެ ޓެކްސީއަށް ގެލުންތަކެއްދީ ބިއްލޫރިގަނޑު ތަޅައިލައިފައި ވަނީ މިދިޔަ މަހު 28 ގައެވެ. އެންމެ ފަހުން އޭނާގެ ކާރަށް  ދިން ގެއްލުންތައް މަރާމާތު ކޮށްދެއްވުމަށް އެހީތެރި ވެދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެ.

މިނިސްޓަރ މަޙްލޫފު ވިދާޅުވެފައިވަނީ އައިންތުގެ  ކާރަށް ގެންލުން ދެމުންދާ މީހާ ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދެވޭނެކަމަށެވެ. އެމައްސަލަ ޕޮލިސް ކޮމިޝަނަރާއި ޖެންޑަރ މިނިސްޓްރީއަށް ވެސް ގެންގޮސްފައިވާކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.