ދަންމަރު: މަރަށް ތައްޔާރުވުން

ޤުރައިޝާ އަކީ ޢުމުރުން 21 އަހަރުގެ ކުއްޖެކެވެ. ވަރަށް ކުޑަ އިރު ޖެހުނު ބައްޔެއްގެ ސަބަބުން އޭނާގެ އަތާއި ފައި ހަލުވައެއް ނުލެވެއެވެ. އޭނާ އަށް ޖެހިފައި ވަނީ ގޮނޑިއެއްގައި އިށީނދެގެން އިންނާށެވެ. ނުވަތަ އެނދުގައި އޮށޯވެގެން އޮންނާށެވެ. އޭނާ އޮތީ އިންޑިއާގެ ޕަޓްނާގެ ހަސްފަތާލެއްގައެވެ. އެ ހަސްފަތާލަކީ ވާގިނެތިގެންނާއި ބައެއް އެހެން ބޮޑެތި ބަލި ޖެހިގެން ދުވާލަކު އެތައް ބަޔަކު ގެންނަ ހަސްފަތާލެކެވެ. ހަސްފަތާލުގައި ހިނގާ އެކި ކަންތައްތައް ވަރަށް ރަނގަޅަށް ޤުރައިޝާއަށް ފެނެއެވެ. ނުކުޅެދޭ ޙާލުގައިވެސް އޭނާ ހުންނަނީ އަބަދު ހިނިތުން ވެފައެވެ. މޫނުމަތިން ހިތާމައިގެ ނުވަތަ ފިކުރު ބޮޑު ވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.

އެއް ދުވަހަކު އެ ހަސްފަތާލަށް ގެނައި މުސްކުޅި އަންހެނަކު ކުއްލިއަކަށް މަރު ވެއްޖެއެވެ. އެ މީހާ މަރުވީ ވަރަށް އަސަރު ކުރުވަނިވި ގޮތަކަށެވެ. މަރަކީ ވޭންދެނިވި ކަމެކޭ ހިތަށް އަރާ ކަހަލަ އެތައް ކަމެއް އޭނާގެ މަރުމަތީގައި ފެނިގެން ދިޔައެވެ.

މީހަކު މަރުވީމާ އެ މީހާ އޮންނަ އެނދުގެ ވަށައިގެން ފޮތިގަނޑެއް ދަމާފައި ބެހެއްޓުމަކީ އެ ހަސްފަތާލުގައި އޮންނަ އާދައެކެވެ. ބެލެނިވެރިން އައިސް މައްޔިތާ ގެންދަންދެން އޮންނާނީ ފަރުދާ ކުރެވިފައެވެ. އެހެން ނަމަވެސް އެ ދުވަހު ހަސްފަތާލުގެ މީހުން ހަނދާން ނެތުމުގެ ސަބަބުން އެހެން ހެދޭ ގޮތެއް ނުވިއެވެ. މައްޔިތާ އޮތީ ހާމަ އަށެވެ.

ޤުރައިޝާ އޮތީ ޖެހިގެން ހުރި އެނދުގައެވެ. ހުރިހައި މަންޒަރެއް އޭނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.

އެ ދުވަހުގެ ހަވީރު (މައްޔިތާ ގެންދިޔަ ފަހުން) ހަސްފަތާލުގެ ނަރުހަކު އައިސް ޤުރެއިޝާއާ ސުވާލު ކުރިއެވެ. "ދެންމެ ފެނުނު މަންޒަރެއްގެ ސަބަބުން ކޮއްކޮ ބިރެއް ނުގަނޭ ހެއްޔެވެ؟"

ޤުރައިޝާ ބުންޏެވެ. "އަޅުގަނޑު ބިރު ގަންނަންވީ ކޮން ކަމަކާތޯއެވެ؟ ކޮންމެ މީހަކާވެސް މަރު އައިސް ބައްދަލު ކުރާނެއެވެ. އެޔަކުން ސަލާމަތެއް ނުވެވޭނެއެވެ. އަޅުގަނޑުމެން ތިބެނީ ﷲ ގެ ބެއްލެވުމުގެ ދަށުގައެވެ. އެ ކަލާނގެ އިރާދަ ކުރެއްވުމާއެކު ކޮންމެ މީހަކުވެސް މަރު ވެދާނެއެވެ. ﷲ ގެ ޙަޟްރަތަށް ދިއުމަށްވުރެ އުފާވެރި ކަމެއް އޮންނާނޭތޯއެވެ؟"

އާދެ، މަރަކީ ކޮންމެ މީހަކާވެސް ބައްދަލު ކުރާނޭ އެއްޗެކެވެ. އިންސާނާއަށް އޮތް ކަމަކީ މަރަށް ތައްޔާރު ވެގެން ހުރުމެވެ. މަރަށް ތައްޔާރު ވެގެން ހުރުމަކީ ﷲ އެންގެވި ސީދާ މަގުން ހިނގުމެވެ. ﷲ ގެ ޙަޟްްރަތަށް ދިއުމަކީ އުފާވެރި ކަމަކަށް ވާނީ އޭރުންނެވެ. ހެޔޮ މަގު ދޫކޮށް، ނުބައި މަގުން ހިނގަމުންދާ މީހަކަށް އެއްވެސް އުފަލެއް ނެތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.