އެމެރިކާގެ އޮހައިއޯ ޔުނިވަރސިޓީގައި ޑިޒާސްޓަރ ރިސާރޗް ސެންޓަރ (ކުއްލިއަކަށް ދިމާވާ ގުދުރަތީ މުސީބާތްތައް ބަލައި ދިރާސާ ކުރާ މަރުކަޒެއް) ހުރެއެވެ. މި މަރުކަޒު ގާއިމު ކުރެވުނީ 1963 ވަނަ އަހަރުއެވެ. މި މަރުކަޒުން މިހައި ތަނަށް ވަނީ އިންސާނުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އެތައް ސަތޭކަ ގުދުރަތީ ހާދިސާއެއް ބަލައި ދިރާސާ ކޮށްފައެވެ. ދިރާސާ ތަކުން އެނގިފައިވާ ގޮތުގައި މުސީބާތަކަށް ފަހު އުއްމީދު ކަނޑައި ނުލާން ދިމާވަނީ އެ ފަދަ ދަނޑިވަޅު ތަކުގައި އިންސާނާގެ ކިބައިގައި އަށަގަންނަ އާދަޔާ ޚިލާފު ހިތްވަރެއްގެ ސަބަބުންނެވެ. މިސާލަކަށް 1961 ވަނަ އަހަރު (އެމެރިކާގެ) ޓެކްސަސް ގެ އައްސޭރި ފަށަށް ވަރުގަދަ ތޫފާނެއް އައެވެ. މި ތޫފާން އައުމުގެ ހަތަރު ދުވަސް ކުރިން މި ފަދަ ތޫފާނެއް އަތުވެދާނޭ ކަމަށް އަންގައި އިންޒާރު ކުރެވުނެވެ. އެހެން ނަމަވެސް ޓެކްސަސްގެ ރައްޔިތުންގެ ތެރެއިން ރަށް ދޫކޮށްލާފައި ދިޔައީ ދެބައިކުޅަ އެއް ބަޔަށް ވުރެވެސް މަދު މީސްކޮޅެކެވެ. ފަންސާސް އިންސައްތައަށް ވުރެ ގިނަ މީހުން ގަސްތު ކުރީ ރަށުގައި ޤާއިމުވެ ތިބޭށެވެ. 1971 ވަނަ އަހަރު އައި ބިން ހެލުމެއްގެ ސަބަބުން ހަމަ އެ ރަށުގެ ޑޭމެއް (ފެނުގެ ބޭނުން ކޮށްގެން ކަރަންޓު އުފައްދާ ތަނެއް) ވަރަށް ބޮޑަށް ހަލާކުވެ، ހަތްދިހަ ހާސް މީހުންގެ ފުރާނައަށް ނުރައްކާ ވެދާނޭ ކަމުގެ ބިރު ހީވެގެން ދިޔައެވެ. މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައިވެސް ރަށް ދޫކޮށްލާފައި ދިޔައީ އާބާދީގެ އެންމެ ހަތް އިންސައްތަ މީހުންނެވެ.
މި ދެންނެވުނު ދިރާސާތަކުން އެނގުނު އަނެއް ކަމަކީ ބޮޑެތި ގުދުރަތީ ހާދިސާތަކުން ގެއްލުން ލިބޭ މީހުން ކުރިމަގަށްޓަކައި ކުރާ އުއްމީދުތައް ވަރަށް ބޮޑު ކަމެވެ. ޓެކްސަސްއަށް ދިމާވީ ދެ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންނާ ސުވާލުކޮށް ކުރިމަގަށްޓަކައި އެ މީހުން ކުރާ އުއްމީދުތަކަކީ ކޮބައިތޯ އޮޅުން ފިލުވުނެވެ. ހައިރާންވާން ޖެހުނު ކަމަކީ އެ ހާދިސާތަކުގެ ސަބަބުން ހިތްވަރު އެލި، ނާއުއްމީދުގެ ޝުއޫރު ފާޅު ކުޅައީ ދިހަ އިންސައްތައަށް ވުރެވެސް މަދު މީސްކޮޅަކަށް ވީ ކަމެވެ. ބާކީ ތިބި މީހުންނަށް ލިބިފައިވާ ބޮޑެތި ގެއްލުން ތަކާ އެކުވެސް އެ މީހުން ތިބީ ކުރިމަގު އުޖާލާ ވާނޭ ކަމުގެ ފޮނި އުއްމީދުގައެވެ.
މަތީގައި ދެންނެވުނު މަރުކަޒުން ތައްޔާރުކުރި ރިޕޯޓު ނިންމާލާފައި ވަނީ މި ދަންނަވާ ޢިބާރާތުންނެވެ. "ހާދިސާތަކުގެ ހަގީގަތަށް ވިސްނައިލީމާ އެނގުނީ އިންސާނާއަކީ ހައިރާންވާ ފަދަ ގޮތަކަށް ނަފްސު ހިފަހައްޓަން އެނގޭ މަޚުލޫގެއް ކަމެވެ. އަދި މުސީބާތުގެ ވަގުތުތަކުގައި ކެތްތެރިވާން ދަންނަ މަޚުލޫގެއް ކަމެވެ. މުސީބާތެއް މެދުވެރިވީމާ އިންސާނާ އެ މުސީބާތަކާ ކުރިމަތިލާ ގޮތް ބަޔާން ކުރަން ބޭނުން ކުރަންވާ ލަފްޒަކީ ބިރުގަތުން ނުވަތަ ހާސްވުން މި ލަފްޒެއް ނޫނެވެ. ރަނގަޅު ލަފްޒަކަށް ވާނީ ހިތްވަރުގަދަކަން މި ލަފްޒު ކަމުގައި ވެދާނެއެވެ."
ހެއްދެވި ފަރާތުން ވަނީ އިންސާނާއަށް އާދަޔާ ޚިލާފު ގާބިލިއްޔަތެއް ދެއްވައިފައެވެ. މި ގާބިލިއްޔަތުގެ ތެރޭގައި ދިރިއުޅުން މުޅީން ހަލާކު ވެގެން ދިޔައީމާވެސް، އަލުން ތެދުވެ ހިންދެމިލުމަށް ފަހު ދިރިއުޅުން ރާވައި، ކުރިއަށް ގެންދިއުމުގެ ގާބިލިއްޔަތު ހިމެނެއެވެ. ލިބޭ ގެއްލުމަކަށްޓަކައި ކަރުނަ އޮއްސައި ހިތާމަ ކުރުމަށް ވުރެ ރަނގަޅު އެތައް ކަމެއް ކުރުމުގެ ގާބިލިއްޔަތު އިންސާނާއަށް ވަނީ ލިބިފައެވެ. ތިމާގެ ކިބައިގައި މިފަދަ އާދަޔާ ޚިލާފު ގާބިލިއްޔަތެއް ހުރިކަން އެނގުމަކީ އިންސާނާއަށް އަގުހުރި އެތައް ފިލާވަޅެއް ލިބިގެން ދާ ކަމެކެވެ. އެ ފިލާވަޅަކީ ވަކި ފަރުދަކަށް ވީނަމަވެސް އަދި ޖަމާއަތެއްގެ ތެރޭގައި ހިމެނޭ މީހަކަށް ވީނަމަވެސް މުސީބާތެއްގެ ސިފައިގައި ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ ކުރިމަތިވާ އިމްތިހާނެއްގެ ސަބަބުން ރޮއި ހިތާމަކޮށް ހެދުމުގައި ވަގުތު ނަގައިލައިގެން ނުވާނޭ ކަމެވެ. މީގެ ބަދަލުގައި ކޮންމެ މީހަކުވެސް ބަލަން ވާނީ އެ މީހަކަށް ދެއްވައިފައިވާ ގާބިލިއްޔަތުގެ ބޭނުން ކޮށްގެން ދިރިއުޅުން އަލުން އާރާސްތު ކުރެވޭތޯއެވެ. އޭނާ އަށް މުސީބާތާއި ގެއްލުން ލިބޭން މެދުވެރިވީ ކަންތައްތަކުގެ ސަބަބުން ދިރިއުޅުން ބާއްޖަވެރިވެ، ކުރިމަގު އުޖާލާ ވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. (ތަރުޖަމާއެއް)