ރައީސް ޔާމީންގެ މައްޗަށް މިއަދު އިއްވި ޙުކުމަށްފަހު ރާއްޖެއާމެދު ރައްޔިތުން ދެކެމުންއައި ތަރައްގީވެފައިވާ ޤައުމެއްގެ ހުވަފެން ކަފުންވެއްޖެ ކަމަށް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. ޚަލީލް ވިދާޅުވީ ރައީސް ޔާމީގެ މައްޗަށް އިއްވި ޙުކުމް އޭނާއަށް މާނަކުރެވެނީ ވަރަށް ލާއިންސާނީ ހުކުމެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ބަލަމުންދިޔައިރު އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުވާނެ އެއްވެސް ހެއްކެއް ޤަރީނާއެއް ވެސް ނުފެންނަ ކަމަށެވެ.
"ޝަރީޢަތުގެ މަޖިލީހުގައި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރެވޭނެ އެއްވެސް ދަލީލެއް ޤަރީނާއެއް ނެތްކަން. އެހެނަމަވެސް ރާއްޖޭގައި ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފަނޑިޔާރުންނަށް ވެސް ރިޝްވަތު ދީގެން (މަޢުލޫމާތު ލިފައިވާ ގޮތުގައި) ހިންގި ކަމެއްގެ ގޮތުގައި ފާހަކުރެވިގެންދަނީ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މިއަދު ކުރި ޙުކުމަކީ ރާއްޖެއަށް ފަހުން އައިސްފައިވާ ތަރައްޤީ ފޮރުވާލައި ކަފުންކޮށް ވަޅުލުމަށް ކުރި ޙުކުމެއް ކަމަށެވެ. "އެހެންވީމާ ރައްޔިތުން ދެކެމުންއައި ތަރައްޤީ ވެފައިވާ ޤައުމެއްގެ ހުވަފެން މިހިސާބުން ކަފުން ވެގެން މިދިޔައީ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ މާލެއާއި އެހެން ރަށްރަށުގައި ތިބި ތަރައްގީއަށް ލޯބިކުރާމީހުން ނުކުމެ ބަސްބުނަންވީ ވަގުތު ކަމަށެވެ. ތަރައްޤީގެ ދިފާއުގައި ނުކުންނަން ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ ރައީސް ޔާމީނަށް މިއަދު ކުރި ޙުކުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ޕީޕީއެމް ނަގަން ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެޕާޓީގެ ލީޑަރޝިޕާއި މެމްބަރުން ތިބީ އެކަމަށް ފުރުސަތު ދޭން ތައްޔާރަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.